އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑާލީ ހުރިހާ ގައުމަކަށް ދިން ވަގުތީ ލުޔެއްގެ ތެރެއިން!
ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި 20 އިންސައްތައިގެ ޓެރިފް ކަނޑާލުމަށް އެ ގައުމުން ނިންމުމާ ގުޅިގެން، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި. ނަމަވެސް، މިއީ އިނގިރޭސި ސަރުކާރުން އާންމުކޮށް ހުޅުވާލާފައިވާ ވަގުތީ ލުޔެއް ކަމަށާއި، ހަގީގީ ކާމިޔާބީއަކީ ދާއިމީ ހައްލެއް ހޯދުން ކަމަށް ކުރީގެ ހައިކޮމިޝަނަރު ޑރ. ފަރަހްނާޒް ފައިސަލް ފާހަގަކުރެއްވި.

މާލޭ މަސް މާރުކޭޓުގައި ހުރި ކަނޑުމަސްތަކެއް. | ގެޓީ އިމޭޖަސް
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށް ކުރީގެ ހައިކޮމިޝަނަރ ޑރ. ފަރަހްނާޒް ފައިސަލް ވިދާޅުވެއްޖެ އެވެ.
ކުރީގެ ހައިކޮމިޝަނަރ މިހެން ވިދާޅުވީ، ރާއްޖެއިން އިނގިރޭސިވިލާތައް އެކްސްޕޯޓް ކުރާ މަހުގެ އުފެއްދުންތަކަށް ނަގާ ޓެރިފް ކަނޑާލަން ނިންމިކަން އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބުދަ ދުވަހު އިއުލާނު ކުރެއްވުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިނގިރޭސި ސަރުކާރުގެ މި ނިންމުމާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް، ހާއްސަކޮށް ވެލިއު-އެޑަޑް ނުވަތަ ތައްޔާރުކޮށްފައިވާ މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމުގައި ކުރިމަތިވަމުންދިޔަ ބޮޑު ހުރަހަކަށް ވަނީ ވަގުތީ ލުޔެއް ލިބިފައެވެ. މީގެ ކުރިން ރާއްޖެއިން އިނގިރޭސިވިލާތަށް ފޮނުވާ މަހުގެ ބާވަތްތަކުން 20 އިންސައްތައިގެ ޓެރިފެއް ނަގަމުންދިޔައެވެ. މީގެ ސަބަބުން، ވިޔަފާރީގެ ހާއްސަ އެއްބަސްވުންތަކުގެ ދަށުން ޑިއުޓީއާ ނުލައި މަސް އެކްސްޕޯޓްކުރާ އެހެން ގައުމުތަކާ ވާދަކުރުމުގައި ދިވެހި އެކްސްޕޯޓަރުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.
ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ނިންމުމަށް މަރުހަބާ ވިދާޅުވެ، މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފާހަގަކުރައްވައި، އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ ވެސް ވަނީ އެކްސް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލުމަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މި ނިންމުމުން ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އިނގިރޭސިވިލާތުން ދޭ އަހަންމިއްޔަތު ހާމަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުން ޓެރިފް ކަނޑާލި ލިސްޓުގައި ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް ހިމެނުމުން އެކަމާ އުފާކުރައްވާ ކަމަށް ޑރ. ފަރަހްނާޒް ފައިސަލް ވިދާޅުވިއެވެ. އިނގިރޭސި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައިވާ ގޮތުން މިގޮތަށް ޑިއުޓީ މެދުކަނޑާލުމުގެ މަގްސަދަކީ އިނގިރޭސިވިލާތާއި އެ ގައުމުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ވާދަވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމެވެ. މިއީ ވަކި މުއްދަތަކަށް، ހާއްސަކޮށް އުފެއްދުންތެރިކަމުގެ މަރުހަލާތަކުގައި ބޭނުންކުރާ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުން ނުވަތަ ކުޑަކުރުމަށް ނިންމާ ނިންމުމެކެވެ.
ފާއިތުވި އަހަރުތަކުގެ ކަސްޓަމްސް ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މާކެޓުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސިވިލާތެވެ. އަދި ރާއްޖެއިން ބޭރުކުރާ ވެލިއު-އެޑަޑް ނުވަތަ ތައްޔާރުކުރި މަހުގެ ބާވަތްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މާކެޓަކީ ވެސް އިނގިރޭސިވިލާތެވެ.
ޓެރިފްގެ މައްސަލައަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ކަންބޮޑުވުމެކެވެ. އަވަށްޓެރި ގައުމުތަކުން ޖީ.އެސް.ޕީ ޕްލަސްގެ ދަށުން ޑިއުޓީއާ ނުލައި މަސް އެކްސްޕޯޓް ކުރަމުންދިޔައިރު، ރާއްޖެއަށް އެ ފުރުސަތު ގެއްލުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އެކްސްޕޯޓަރުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން އިނގިރޭސިވިލާތުން ނިންމުމާއެކު ސަރުކާރުގެ އެކި ފަންތިތަކުގެ ވެރިން ގެންދަވަނީ އެއީ ދިވެހި ސަރުކާރުން ކުރި މަސައްކަތެއްގެ ނަތީޖާ ކަމުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ 2025 މެއި 28 ވަނަ ދުވަހު ބޭއްވުނު އިނގިރޭސިވިލާތާއި ރާއްޖޭގެ ދެވަނަ ސްޓްރެޓީޖިކް ޑައިލޮގްގައި، މަހުގެ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް އުފެދުނުކަން ފާހަގަ ކުރެވެއެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ 20 އިންސައްތައިގެ ޓެރިފް އުވާލުމުގެ މަޝްވަރާތައް ފެށުނީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި މި މައުޟޫއަށް އަލިއަޅުވާލުމުގެ ބަދަލުގައި ބޮޑަށް އިސްކަންދީފައިވަނީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ސިޔާސަތުތަކަށް އައި ބަދަލުތަކަށާއި، ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށެވެ.
ރާއްޖޭގެ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް އިނގިރޭސިވިލާތުން ނަގަމުން ގެންދާ ޓެރިފް ކަނޑާލުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ މިއީ އިނގިރޭސިވިލާތުން ހުރިހާ ގައުމުތަކަކަށް އާންމުކޮށް ހުޅުވާލާފައިވާ ވަގުތީ ފިޔަވަޅެއް ކަމަށާއި، ހަގީގީ ކާމިޔާބީއަކީ މި ވަގުތީ ލުޔަށް ފަހު ވެސް، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ދާއިމީ އަދި އިތުބާރު ހުރި ހާއްސަ ލުއިތަކެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުން ނެރެވޭ ނަތީޖާ ކަމަށެވެ.






