ރައީސް މުއިއްޒު ކެންޕޭނުގައި މަސްވެރިންނަށް ވީ ވައުދުތައް ވެރިކަމަށް ދެ އަހަރު ވީއިރު އަދި ފުއްދާފައި ނުވެއެވެ. ކަނޑުމަހުގެ ކިލޯއަކަށް 20 ރުފިޔާ އާއި ބޮޑުކަންނެލި 80 ރުފިޔާއާ 100 ރުފިޔާ އަށް ގަންނާނެ ކަމަށް ވީ ވައުދު މިހާރު މިއޮތީ ވާނުވާގަ އެވެ.

މަސްވެރިއަކު ވެރިރަށް މާލޭގެ މަސް މާރުކޭޓަށް މަސް ބާލަނީ
ވެރިކަމަށް ދެއަހަރު ފުރި ތިންވަނަ އަހަރު ގުނަން ފެށުނު ތަނުން ބައްދަލު ކުރި މަސްވެރިންގެ ދުވަސް ވެސް ވެގެން މި ދިޔައީ މަސްވެރިންނަށް ނާއުމިއްދީ ދުވަހަކަށެވެ.
ހަނދާނަށް އަންނަނީ ރިޔާސީ ކެޕްމޭނުގެ އެކި ޕްލެޓްފޯމުތަކުގައި މަސްވެރިން އުފާކޮށްލުމަށް މުއިއްޒު ދެއްކެވި ވާހަކަތަކުގެ މަތިންނެވެ.
ކަނޑުމަހުގެ ކިލޯއަކަށް 20 ރ. އަށް ގަންނަ އަގުބެހެއްޓުމާއި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަގޮތަށް ހަމަޖައްސާ، ބޮޑުކަންނެލީގެ އަގު 80ރ. އާއި 100ރ. އަށް ބެހެއްޓުމާއި، މަސްވެރިންނަށް ދޫކުރާ ތެޔޮ އެސްޓީއޯގެ ބޭސް ރޭޓްގައި ބެހެއްޓުމާއި، ފަސޭހައިން އައިސް ލިބޭގޮތަށް ހަމަޖެއްސުމާއި، މިފްކޯގެ ވިޔަފާރީގައި އައިޕީއޯ ނުވަތަ މަސްވެރިންގެ ހިއްސާ ހިމަނާނެ ކަމަށް ވިދާޅުވެ ވީ ވައުދުތަކެވެ.
ވެރިކަމަށް ދެ އަހަރު ވެގެން ހިނގައްޖެ އެވެ. ބޮޑު ކަންނެލި މަސްވެރިން އެ ތިބީ "މިވަރުން ދެން މަހަކަށް ނުފުރޭނޭ" ބުނެ އިހުތިޖާޖު ކުރާށެވެ. އޭގެ ކުރީ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް އެވެރިން ތިބީ ހަމަ އެ ގޮތަށް އިހުތިޖާޖު ގައެވެ. އެމީހުން ގޮވަމުން ދަނީ ވީ ވައުދު ފުއްދާށެވެ. ނޫނީ ނުވަންޏާ ނުވާނެ ވާހަކަ ވެސް ބުނެދޭށެވެ. މަހަށް ނުފުރާ ފަޅުގައި އޮޑި އަޅައިގެން ތިބުމަކީ ވެސް ބޮޑު ގެއްލުމެކެވެ. އެހެން އެކަން އޮތަސް ބޮޑު ޚަރަދު ކޮށްގެން ފުރޭކަށް ވެސް ނެތެވެ. ދެކޮޅު ނުޖެހި، ބާނާ މަސްކޮޅަށް ފައިސާ ކޮޅު ނުލިބި، އަބަދު މީހުން އަތުން ދަރަންޏަށް ނަގައިގެން ބޮޑެތި ސިންގާ އޮޑިފަހަރު ބެލެހެއްޓޭނެ ގޮތެއް ވެސް ނެތެވެ.
މަޑުމަޑުން ހިމޭނުން ތިބެގެން ހެޔޮކޮށް ކަމެއް ވާތަން ނުފެނުނީމާ ދެން ޖެހޭނީ އަޑު އުފުލާށެވެ. އެވެސް ރައީސް މުހައްމަދު މުއިއްޒު ގެ ސަރުކާރަކަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. ސުލްހަވެރިކަމާ އެކު މާލޭ ފަޅު ބޭރުގައި އިހުތިޖާޖު ކުރަމުން ދިޔަ އޮޑިފަހަރަށް ފުލުހުން އަރުވާ އޭގައި ތިބި އެތައް ބަޔަކު ހައްޔަރު ކޮށް އިހުތިޖާޖު ރޫޅާލީ އެވެ. އެތައް ބައެއްގެ ބަންދަށް މުއްދަތު ވެސް ޖެހީ އެވެ.
މަސްވެރިން ބުނަމުން ދިޔައީ އެމީހުންގެ ވާހަކަ އަޑު އަހާލަން "ރައްޔިތުންގެ ފަޅީގައި" ހުންނެވި ކަމަށް އިރުއިރުކޮޅަށް ވިދާޅުވާ ރައީސް މުއިއްޒު ނުވަތަ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވަޑައިގަތުމަށެވެ. 49 އޮޑީގައި ތިބެ މަސްވެރިން ގެ އެ ގޮވުމުގެ އަޑު ރ. އަތޮޅު ދުވާފަރުގައި ހުންނެވި ވަޒީރަކަށް ވެސް ރައީސް އަކަށް ވެސް އިވޭ ގޮތެއް ނުވިއެވެ. އެބޭފުޅުން އުޅުއްވަމުން ގެންދެވީ މަސްވެރިންގެ ދުވަހުގެ އުފަލުގައެވެ. ޒުވާން ޖިންސުއްލަތީފުން ލޫޅާފަތި ކަމާ އެކު މަސްކަނޑާ މަންޒަރު ބައްލަވާ، އެ ކުދިންގެ އަތުން ކައްކަމުން ދިޔަ މީރު ކާބޯތަކެތީގެ ރަހަތަކަށް އިންސާފު ކުރެއްވުމުގަ އެވެ.
ކޮންމެ އަކަސް އެބޭފުޅުން މަސްވެރިންނާ ހަމަ އަށް ވަޑައެއް ނުގަތެވެ. ދެން ކުރެވުނު އުއްމީދަކީ، ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް އުއްމީދީ ޖަވާބެއް ލިބިގެންދާނެ ކަމަށެވެ. ޖަލްސާ ވެސް ނިމިއްޖެ އެވެ. އެކަން ވެސް ދިޔައީ ތޮޅިޔަށެވެ.
ޖަލްސާ ގައި ރައީސް މުއިއްޒު މަސްވެރިކަމޭ، ލޭ ނާރޭ، ދިވެހިންގެ އައިޑެންޓިޓީ އޭ، ގައުމީ މަސައްކަތެކޭ، ރާއްޖޭގެ އެންމެ މުހިންމު ސިނާއަތޭ ވިދާޅުވެ ބަނދިވަރު ތަކަކުން ފެއްޓެވި ވާހަކަ ނިމިގެން ދިޔައިރު ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެ ކަމުގެ އަންދާޒާ ކުރެވޭ ތާރީޚެއްހާ ހިސާބު ވެސް ވިދާޅެއް ނުވިއެވެ. ބައެއް ވައުދުތައް މުޅިން އޮޅުވާލައްވައިފި އެވެ. އަނެއް ބައި ވައުދުތައް މުޅިން ޗާޓުން ފުހެލައިފި އެވެ. ކަޅުބިލަ މަސް ގަންނަ މަތީ ރޭޓެއްގެ ވާހަކަ ވިދާޅުވި އިރު އެއީ 16ރ. ކަމަށް ވިދާޅުވިއެވެ. އެންމެ ދަށްވެގެން 20ރ. އަށް ގަންނާނެ ކަމަށް ވީ ވައުދު މިހާރު މިއޮތީ 16ރ. ކަމަށް ވެފައެވެ. ދެން ވިދާޅުވީ މިފްކޯއަށް އެ ދުވަހަކު 17 ރުފިޔާ އަށް ގަނެވެންޏާ، 18 ރުފިޔާ އަށް ގަނެވެންޏާ، އަދި އެއަށްވުރެ މައްޗަށްވެސް ގަނެވެންޏާ އެ ވަރަށް ގަންނާނެ ވާހަކަ އެވެ. ނޫނެކެވެ. އެއީ ވައުދުވީ ގޮތެއް ނޫނެވެ. އޭރު ވިދާޅުވީ މިފްކޯ އަށް ގަނެވެންޏާ 20ރ. އަށް މަސް ގަންނަ ވާހަކަ އެއް ނޫނެވެ. މިހާރު ތިޔަ ދައްކަވަނީ މުޅިން އެހެން ވާހަކަ އެކެވެ.
މަސްވެރިން ބާނާ މަހަށް އެންމެ ރަނގަޅު އަގެއް ހޯއްދަވައިދެއްވަން ކޮށްދެއްވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ވިދާޅުވީ، ޑިޖިޓަލް ކައްޓާ ބެހެއްޓުން ކަމަށެވެ. "އޭރުން ޙަޤީޤަތުގައި ވެސް ލިބޭ އަގު ވަރަށް ބޮޑުތަނުން މަތިވާނެ." ކަމަށް މުއިއްޒު ވިދާޅުވި އެވެ. ދެން ވިދާޅުވީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ މަސްވެރިންގެ ދަފްތަރެއްގެ ވާހަކަ އެވެ. އެ ދަފްތަރު ގައި ޖެހުމުން އެކި ބާވަތުގެ ލޯނު ލިބޭނެ ވާހަކަ އެވެ. މަސްވެރިން އެ ދައްކަނީ އެ ވާހަކަ އެވެ. މިހާރު ވެސް މީހުންގެ އަތުން ދަރަންޏަށް ނަގާފައި ހުރި ފައިސާ އަނބުރާ ދެއްކެން އަންނަނީ ބާނާ މަހަށް ވިދާޅުވި އަގު ލިބިގެންނެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަމަކީ، މި ސިނާއަތު ކުރިއަށް ގެންދިއުމުގައި، ވަރަށް މުހިންމު ކަމެއް ދެއްވާ ދާއިރާ އެއް ކަމަށް ވިދާޅުވެ އެތައް ވާހަކަ އެއް ދެއްކެވި އިރު ވެސް ބޮޑު ކަންނެލީގެ މަސްވެރިންގެ އަތުން މަސް ގަތުމަށް ވިދާޅުވި 80ރ. އާއި 100ރ. އަދަދު ހަނދުމަފުޅު ހުރިކަމަށް ވިދާޅުވާކަށް ކެރިވަޑައި ނުގަތެވެ. ވިދާޅުވި އަގު ދެއްވޭނެ އިރެއް ވިދާޅެއް ނުވިއެވެ. ވިދާޅުވި އެއްޗަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ވެފައި ހުރި ވަޢުދުތައް ފުއްދުމަކީ، މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެހެން އެތައް ކަމެއް ކުރައްވަން ޖެހޭ ކަމަށެވެ. މިހާރު އެ ކުރައްވަނީ އެ ގޮތުން ކުރައްވަން ޖެހޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކަޅުބިލަ މަސް ފަދައިން، މިފްކޯ އިން ބޮޑު ކަންނެލި ގަތުމަށްޓަކައި ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި އެ ވަޢުދު ފުއްދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ކޮންމެ އަކަސް މި އަހަރުގެ މަސްވެރިންގެ ދުވަސް ވެސް ނިމިގެން ދިޔައީއެވެ. ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ އެ ނިންމާލެއްވީ އެވެ. އެ ވިދާޅުވި ތައްޔާރުތައް ވަމުން ދަނިކޮށް ދެ އަހަރު ނިމިގެން ހިނގައްޖެ އެވެ. ވޯޓު ހޯދުމަށް މަސްވެރިންގެ ރުހުން ހޯދުމަށް ކިލޯ އަކަށް 80ރ. އޭ 100ރ އޭ ވިދާޅުވާ އިރު ހީވީ ހަމަ ވެރިކަމަށް އަރާވަޑައިގަންނަވާ ގޮތަށް އެކަންކަން އެހެން ފުއްދައިވާނެ ހެންނެވެ. އޭރުގައި ޝަރުތެއް ނުވަތަ ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ވާހަކަ ވިދާޅެއް ނުވެއެވެ. އެއް އަހަރުން ދެ އަހަރުން ތިން އަހަރު ވެސް އެކަން ނުވެ ހިނގައިދާނޭ އޭރު އެ ވާހަކަ ދެއްކެވި ގޮތުން މީހަކަށް ހީވެސް ނުވެއެވެ. މިކަންކަން ނުވެ ދުވަހެއް ދުވަހެއް ފާއިތުވެ ގޮސް މަސްވެރިން އިނދަޖެހޭ ވާހަކަ ދެއްކުމުން ރައީސް މުއިއްޒު އަށް ވަނީ " ސިޔާސީ ފަރާތްތަކުގެ އެކި ކަހަލަ ސިޔާސީ އޮއިވަރުގައި ޖެހުން" ކަމަށެވެ. އާޚިރުގައި މިކަން ވެސް ނިމިގެންދާނެ ގޮތެއްގެ ކޮޅެއް މެދެއް އަދި ފެންނާކަށް ނެތެވެ. ވައުދުތަކުގައި މިހާރު މިއޮތީ ވާނުވާ ޖަހާފަ އެވެ.