އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި
އައިއާރުޖީސީގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ އިސްތިޤުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ދެން ހިންގައިފި ނަމަ، އޭގެ ރައްދު ވަރަށް ހަރުކަށި ވާނެ. އަދި އެ ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރި، ބައިނަލްއަޤުވާމީ ފެންވަރުގައި އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވޭ.


އީރާންގެ ދިދަ ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް. | ރޮއިޓާސް
އީރާން އަށް އަމާޒުކޮށް އިތުރު ހަމަލާއެއް ދީފި ނަމަ، މިހާރު ހިނގަމުންދާ ކުރިމަތިލުންތައް މެދު އިރުމަތީގެ ސަރަހައްދުން ބޭރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާން އިން ދީފި އެވެ.
މި އިންޒާރު ދީފައި ވަނީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންނެވެ. އީރާންގެ އަސްކަރިއްޔާގެ އެންމެ ނުފޫޒު ގަދަ ގޮފި ކަމަށްވާ އައިއާރުޖީސީ އިން މިފަދަ އިންޒާރެއް ދީފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އަދި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އައިއާރުޖީސީގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ އިސްތިޤުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ދެން ހިންގައިފި ނަމަ، އޭގެ ރައްދު ވަރަށް ހަރުކަށި ވާނެ އެވެ. އަދި އެ ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރި، ބައިނަލްއަޤުވާމީ ފެންވަރުގައި އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.
މި އިންޒާރަކީ، އީރާންގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް އިޒްރޭލް އިން ދީފާނެ ހަމަލާ އަކަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ އިންޒާރެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. އީރާން އިން ބުނަމުން ދަނީ އެ ޤައުމުގެ ދިފާއުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށާއި، އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ހުރީ ކޮންމެ ފަދަ ޙަމަލާ އަކަށް ވެސް ރައްދު ދެވޭ ފަދަ ތައްޔާރީ ޙާލަތެއްގައި ކަމަށެވެ.
މީގެ އިތުރުން އައިއާރުޖީސީ އިން ވަނީ ސަރަހައްދީ ޤައުމު ތަކަށް ވެސް ސަމާލުވުމަށް ގޮވާލަައިފަ އެވެ. އީރާން އަށް ހަމަލާ ދިނުމަށް އެއްވެސް ޤައުމެއްގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުން ކުރުމުގެ ފުރުސަތު ދީފި ނަމަ، އެ ޤައުމު ތަކަކީ ވެސް ހަމަލާގެ އަމާޒު ފަތް ގަނޑަކަށް ވެދަނެ ކަމުގެ އިޝާރާތެއް އީރާން އިން މީގެ ކުރިން ދީފައިވެ އެވެ.
މެދު އިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން، ބައިނަލްއަޤުވާމީ މުޖުތަމައު އިން ދަނީ ދެ ފަރާތުން ވެސް ކެތްތެރިކަން އިސް ކުރުމަށް އިލްތިމާސް ކުރަމުންނެވެ. ނަމަވެސް، އީރާންގެ މި އިންޒާރާ އެކު، ސަރަހައްދީ ހަމަނުޖެހުން ބޮޑު ހަނގުރާމަ އަކަށް ބަދަލު ވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ







