ނޫސްވެރިންނާއި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރަން އެދި ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް
ޖަލަށް ލާފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިންނާއި މުޒާހަރާތަކުން ހައްޔަރުކުރި މީހުން މިނިވަންކުރުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށް އެދި، ރާއްޖޭގެ ކުރީގެ ތިން ރައީސުން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ސިޓީއެއް ފޮނުއްވައިފި. މި ސިޓީގައި ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސާޖެހެމުންދާ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވަމުންދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ ދައުލަތް ބަނގުރޫޓުވުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ޣައިރު ގާނޫނީ ހައްޔަރުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ތިން ރައީސުން ވަނީ އެދިވަޑައިގެންފަ.


ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން (ކ) މުހައްމަދު ނަޝީދު (މ) އަދި އިބްރާހިމް މުހައްމަދު ސޯލިހު (ވ) | އެމްޑީޕީ
ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި، އެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށް އެދި ކުރީގެ ތިން ރައީސުން ރާއްޖޭގައި ހުންނަ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މި ސިޓީ ފޮނުއްވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުންނެވެ.
މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، 2026 މެއި 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނަހަމަ އަމަލުތަކެއް ހާމަކޮށް ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ބަހުސްކުރުން މަނާކޮށް، ކޯޓުން ވަނީ "ގޭގް އޯޑަރ" އެއް ނެރެފަ އެވެ. މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި މިފަދަ ފުޅާ ދާއިރާއެއްގައި މައުލޫމާތު ފެތުރުން މަނާކުރި ފުރަތަމަ ފަހަރު ކަން ތިން ރައީސުން ފާހަގަކުރެއްވި އެވެ. އަދި މި އަމުރާ ޚިލާފުވި ކަމަށް ބުނެ މެއި 12 ވަނަ ދުވަހު "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން ޢަލީ ނަސީރު ޖަލަށް ލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފަ އެވެ.
ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ސިއްރު ޝަރީއަތެއްގަ އެވެ. މި ޝަރީއަތުގައި ވަކީލަކު ހޯދުމަށް އެންމެ ދެ ގަޑިއިރުގެ ފުރުސަތެއް ދިން ނަމަވެސް، ދިފާއުގައި ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ދީފައި ނުވާކަން ސިޓީގައި ބަޔާންކޮށްފައިވެ އެވެ. މިއީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ އެކުލަވައިލި ފަހުން، ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރު ކަމަށާއި، މިކަމާ ގުޅިގެން މުޒާހަރާ ކުރި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ.
ތިން ރައީސުން ވިދާޅުވީ މިއީ ހަމައެކަނި ވަކި ހާދިސާއެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސާޖެހެމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލުމާއި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ އިތުރުން، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ނޫސްތައް ބަންދުކުރުމުގެ ބާރު ލިބޭ ގޮތަށް "މީޑިއާ އެކްޓް" ފާސްކުރުން ހިމެނޭ ކަމަށް ފާހަގަކުރެއްވި އެވެ. އަދި ކައުންސިލް އިންތިޚާބުން ސަރުކާރު ބަލިވުމާއި، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ފެންޑަމްގައި 69 އިންސައްތަ ރައްޔިތުން ސަރުކާރާ ދެކޮޅަށް ވޯޓު ދިނުމުން ވެސް، ސަރުކާރުން ދަނީ ޖަވާބުދާރީކުރުވާ މުއައްސަސާތަކަށް ހަމަލާދެމުން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ސިޓީގައި ބުނެފައިވަނީ، ދައުލަތުގެ ރިޒާވް ހުސްވަމުންދާއިރު ދަރަނީގެ ބުރަ ބޮޑުވެ، ރާއްޖެ ބަނގުރޫޓުވެފައިވާ ދައުލަތަކަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ. އިސްރާފު ބޮޑު އަދި ގާބިލުކަމެއް ނެތް ސަރުކާރެއްގެ ސަބަބުން ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ނުރައްކާތަކަކީ ވަކިވަކި މައްސަލަތަކެއް ނޫން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ސިޓީ ނިންމަވާލައްވަމުން ތިން ރައީސުން ވިދާޅުވީ، ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއް ހުރި ނަމަވެސް، ރައްޔިތުން ބިނާކުރި ޑިމޮކްރަސީ ދިފާއުކުރުމަށް މިއަދު އެކަތިގަނޑަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން، ބޭރުގެ ބައިވެރިންގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން، ޣައިރު ގާނޫނީ ގޮތުން ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިން ވަގުތުން މިނިވަންކުރުމަށާއި، އެ ފަރާތްތަކާ ދެކޮޅަށް ހިންގާ ދައުވާތައް ހުއްޓާލުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށް ތިން ރައީސުން ވަނީ އިޚްލާޞްތެރިކަމާއެކު އެދިވަޑައިގެންފަ އެވެ.







