އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ދޫކޮށްލެވެން ނެތް: ކުރީގެ ރައީސް ނަޝީދު
ގައުމުގެ ކުރިމަގާއި އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖެ ދޫކޮށްލެވެން ނެތް ކަމަށާއި، ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ގައުމު ހެޔޮ މަގަށް އެޅުވުމަށްޓަކައި އެމްޑީޕީގެ ތެރެއިން އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.


ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ. | ސަން އޮންލައިން
އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ދޫކޮށްލެވެން ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، މިރާއްޖެ ދޫކޮށްލެވެން ނެތް ކަމަށާއި، ގިނަ މަސައްކަތްތަކެއް މިގައުމަށްޓަކައި ކުރެވިފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ލިބިފައި ހުރި ގެއްލުމެއް، ހިތްޗާ ހިތާމައެއް ވެސް ކުޑަ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ގައުމެއް ހެޔޮ ގޮތުގައި ހިންގުމަށްޓަކައި ކަންތައްތަކެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން ދަރިންނާއި ދަރިންގެ ދަރިންނަށް ތަނަވަސް ރާއްޖޭގެ ވާސިލުކޮށްދެވޭތޯ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.
އެކަމަކު އަޅުގަނޑުމެންނަކަށް ނެތް މި ދިވެހިރާއްޖެ ދޫކޮށްލެވޭކަށް. މިއީ އަޅުގަނޑުމެންގެ ވެސް ރާއްޖެ. އަދި އަޅުގަނޑުމެން އެންމެން ވެސް މި ރާއްޖެއަށް ކޮށްފައި ހުރި މަސައްކަތެއް ވެސް މަދެއް ނުވާނެ. އަދި އަޅުގަނޑުމެންނަށް އޭގެ ސަބަބުން ލިބިފައި ހުރި ގެއްލުމެއް، ހިތްޗާ ހިތާމައެއް ވެސް ކުޑައެއް ނޫން. އަޅުގަނޑުމެން ބޭނުންވެ މި ތިބީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ތަނަވަސް ދިވެހިރާއްޖޭގެ ވާސިލުކޮށްދެވޭތޯ، ރައްދުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރުން. ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، އެއްވެއުޅުމުގެ މިނިވަންކަމަކީ، ގައުމެއް ހެޔޮ ގޮތުގައި ހިނގުމަށް ކޮންމެ އެހެން ބޭނުންވާ ކަންކަން. އެހެންވީމާ، އެ ކަންކަން ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން ކުރާން ހުރި މަސައްކަތްކުރުން.ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ރާއްޖެ ފުރިހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ފުރިހަމަ އިންސްޓިޓިއުޝަނެއް ކަމަށާއި، ފުރިހަމަ މުއައްސަސާއެއް ކަމަށެވެ. އަދި ޕާޓީގެ ތެރެއިން އެމަސައްކަތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.







