ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު
މި ސަރުކާރުން ދައުލަތުގެ ބޮޑު ބަޖެޓެއް ބޭނުންކޮށް، ދަރަނި އިތުރުކުރިއިރު ވެސް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ. ގައުމުގައި ބިރުވެރިކަން އޮތްކަން ފާހަގަކުރައްވައި، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވާތީ މި ވެރިކަން ބަދަލުކުރުމަށް މަގުމަތީގެ ހަރަކާތްތައް ފަށަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން، ސަރުކާރުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށާއި، މިކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޣަފޫރު ވިދާޅުވި.


އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަބްދުލްޣަފޫރު މޫސާ | ރާއްޖެ އެމްވީ
ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ބޮޑު ޖަލެއްގެ ތެރޭގައި ބަންދުވެފައި ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ގޮތް ހުސްވެފައިވާއިރު މި ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ މާލޭގައި ބޭއްވި، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ހޭލާއިރު އަބަދުވެސް އަޑުއިވެނީ ކޮންމެވެސް ބިރުވެރި ހާދިސާ އެއް މިގައުމުގައި ހިނގައިދާ ޚަބަރު ކަަމަށެވެ. މެންބަރު ވިދާޅުވީ މިއަދު މި ގައުމުގައި އޮތީ މުޅިން ވެސް ބިރުވެރިކަން ކަމަށާ ރައްޔިތުންގެ އަޑު ވެސް ސަރުކާރުން ނާހާ ކަމަށެވެ.
އެ ނޫން ދުވަހަކަށް މި ދުއްޕާން ބޮޑު ސަރުކާރު އައި ފަހުން އަޅުގަނޑުމެންނަކަށް ހެޔެއް ނުލެވޭ. ރައްޔިތުން ކަންބޮޑުވުމާ ރައްޔިތުންގެ ފިކުރު ގޯސްވެގެން ގޮސް ކަންކަން ދިމާވަނީ މިގޮތަށް. ރާއްޖެ މިއޮތީ ހަމައެއްގެ ތެރޭގައެއް ނޫން. ރާއްޖޭގެ ރައްޔިތުން މިތިބީ ވަރަށް ބޮޑަށް މާޔޫސްވެ ގޮތް ހުސްވެފަ. އެއީ މި ސަރުކާރު ބަދަލު ކުރަން ޖެހޭ ސަބަބަކީ. މި ސަރުކާރުގައި މިތިބަ މީހުންނަށް ރައްޔިތުން ބުނި އެއްޗެއް ސާފެއް ނޫން. ހަމަ އެއްގޮތަކަށް ވެސް ސާފެއް ނުވޭ. ރައްޔިތުން ބުނީ ކައުންސިލްތަކާ ނުބެހޭށޭ. ރައްޔިތުން ބުނީ ރައްޔިތުންގެ މަޖިލީހުގައި އަތް ނުލާށޭ. ބޮޑުތަނުން މި ސަރުކާރު ފެއިލްވެގެން ދިޔައިމާ ތިމަންނާ މެންނާ ދިމާލަށް ރައްޔިތުން އެއްޗެއް ބުނިހެއްޔޭ ވެސް މި ސަރުކާރަށް ހިތަށް ނޭރި.އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ޣަފޫރު ވިދާޅުވީ މިހާވަރު ވީމާ ދެން ޖެހޭނީ މަގުމަތީގެ ހަރަކާތްތައް ފަށަން ކަމަށެވެ. އަދި މި ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށާއި އެކަން ކުރާނީ އެންމެން ގުޅިގެން ކަމަށެވެ. މިކަން ކުރުމަށްޓަކައި މުޅި އެމްޑީޕީ އޮތީ އެކުގައި ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ސޯބެ ހޮވައިދިނުމަށް އެދާއިރާގެ ރައްޔިތުން ގާތުން އެދޭ ކަމަށެވެ.
ޣަފޫރު ވިދާޅުވީ މި ސަރުކާރަށް މިވީ ދެ އަހަރު ތެރޭގައި އެހެން އެއްވެސް ސަރުކާރަށް ނުދޭ ވަރަށް ދައުލަތުގެ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން 170 ބިލިއަން ރުފިޔާ 2 އަހަރުގެ ތެރޭގައި ދީފައިވާއިރު 43 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށެވެ. މިހާ ގިނަ ފައިސާ ދީފައިވާއިރު ވެސް އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްދީފައި ނުވާ ކަމަށާ ހުރިހާ ލާރިއެއް ވަގަށް ކައި ހުސްކޮށްފި ކަމަށެވެ.
މި ސަރުކާރުން ތަކުރާރު ކޮށް ދޮގު ހަދަމުން ދާއިރު ލޯނު ދައްކާފައިވާ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ލޯނު ދައްކަނީ ވެސް އިތުރަށް ލޯނު ނަގައިގެން ކަމަށް ޣަފޫރު ވިދާޅުވި އެވެ. މި ސަރުކާރުން ރައްޔިތުންގެ ހުރިހާ ފައިސާއެއް ކައި ހުސްކޮށްފި ކަމަށާ މި ސަރުކާރު އިތުރަށް އޮވެއްޖެ ނަމަ ރައްޔިތުންގެ މާލިއްޔާ އަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.







