އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!
އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯބެ އަކީ ތައުލީމީ ދާއިރާއިން ޚިދުމަތް ފައްޓަވައި، އައްޑޫގައި އަމިއްލަ ސްކޫލެއް ހެއްދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް. ސިޔާސީ އިސްލާހީ މަސައްކަތުގައި އެތައް ފަހަރަކު ޖަލަށްލައި އަނިޔާ ލިބުނު ނަމަވެސް، އޭނާ ވަނީ ސާބިތުކަމާއެކު މަސައްކަތް ކުރައްވައި އައްޑޫގެ މޭޔަރުކަން ވިދިވިދިގެން ތިން ދައުރު ފުރުއްވާފައި. ސޯބެގެ ހަޔާތުން ފެންނަނީ ގައުމީ ޚިދުމަތާއި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމުގެ ވަރުގަދަ ނަމޫނާ އެއް.


ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަކީ އައްޑޫގެ ތަރައްގީއަށާއި، ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަހުރުވެރި ނަމެކެވެ. އޭނާ ގެ ހަޔާތަކީ ތައުލީމީ ދާއިރާއިން ފެށިގެން، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، އެތައް ގޮންޖެހުންތަކަކާ ކުރިމަތިލެއްވި ހިތްވަރުގަދަ ދަތުރެކެވެ.
ރާއްޖޭ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އޭނާ ވަނީ ތައުލީމީ ހަޔާތާއި ވަޒީފާގެ ފެށުން ވަރަށް ތަފްސީލު ކޮށް ކިޔައި ދެއްވާފަ އެވެ.
އެގޮތުން ސޯބެގެ ތައުލީމީ ހަޔާތަށް ބަލާއިރު، ގްރޭޑް 7 އާ ހަމައަށް އައްޑޫގައި ކިޔެވުމަށްފަހު، އިތުރު ތައުލީމު ހާސިލުކުރުމަށް އޭނާ މާލެއަށް ބަދަލުވި އެވެ. މާލެއިން ކިޔަވާ ނިންމުމަށްފަހު، މާލޭގެ ބޮޑު އިންޖީނުގޭގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި އެވެ. އެތަނުން އިންޖިނިއަރަކަށް ވުމުގެ ފުރުސަތާއި ރާއްޖޭން ބޭރުން ކޯސް ހެދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އަމިއްލަ ރަށަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ބޮޑުކަމުން އެ ފުރުސަތު ދޫކޮށްލެއްވި އެވެ.
އޭގެ ބަދަލުގައި އޭނާ އިޚްތިޔާރު ކުރެއްވީ ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެ، ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި ރަށަށް ޚިދުމަތް ކުރުމަށެވެ. އަދި އޮސްޓްރޭލިއާގެ އެޑްލޭޑްގައި ހުންނަވައި ކިޔެވުން ފުރިހަމަ ކުރެއްވި އެވެ.
އިލްމީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތަށް ބަލާއިރު، ސޯބެ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.
ސަދަން ސެކަންޑަރީ ސްކޫލުގައި ކިޔަވައިދެއްވަން ފެއްޓެވިއިރު، އެ ސްކޫލަށް ކުދިން ވެއްދުމުގައި ހުރި ދަތިތައް ސޯބެއަށް ފާހަގަކުރެވުނެވެ. ގިނަ ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، އިތުރު ބޭފުޅުންނާ ގުޅިގެން 'އައްޑޫ ކޮމްޕްރިހެންސިވް ސްކޫލް' އުފެއްދެވި އެވެ. މިސްކޫލުން 1000ށް ވުރެ ގިނަ ކުދީންނަށް ފުރުސަތު ލިބި އެކުދީންގެ ތައުލީމީ ހަޔާތް ސަލާމަތް ކުރެވުނުކަން ސޯބެ ފާހަގަކުރެއްވީ އުފަލާއެކު އެވެ. 1996 އިން ފެށިގެން 2008 އާ ހަމައަށް އޭނާ ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވި އެވެ.
އޭގެފަހުން ސޯބެ ސިޔާސީ މައިދާނަށް ނުކުންނެވި އެވެ. އެމްޑީޕީ އުފެދުނުއިރު އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ސޯބެ ހިމެނޭއިރު، ސިޔާސީ އިސްލާހީ މަސައްކަތަށް ނުކުތުމުގެ ކުރިންވެސް، ރަށު ތެރޭގައި ހިންގި ހަރަކާތްތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވެ އެވެ.
މި ހަރަކާތުގެ ކުރިން ވެސް އަޅުގަނޑު ހައްޔަރުކޮށްފައި އެބަހުރި. ރަށު ތެރޭގައި ހަޅޭލަވާފައި ކަމަށް ބަލާ ގުދަނުގައި އަނދަގޮޑި ޖަހާފައި ހައްޔަރުކުރި. އެއީ ފުރަތަމަ ހައްޔަރު. އެހެންވީމަ އެ ހައްޔަރު ކުރުން މަތިން ބިރު ކެނޑިއްޖެ.އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު
މިކަމުގެ ސަބަބުން ހައްޔަރުކުރުމަށް އޮތް ބިރު އޭނާ ގެ ހިތުން ފިލައިދިޔަ އެވެ.
ސޯބެ ކިޔައިދިން ގޮތުގައި، 2005 ވަނަ އަހަރު އައްޑޫގައި ހިނގި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ސިފައިން ބަޑި ހިފައިގެން ގެއަށް ވަދެ، ބިޑި އަޅުވައިގެން ގެންގޮސް ދޫނިދޫގައި ހައްޔަރުކުރި އެވެ. ނަމަވެސް ޖަލުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ބައްދަލުވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޝަރީއަތެއް ނެތި 60 ދުވަހު ޖަލު ކުޑަކޮޅީގައި ހޭދަ ކުރެއްވުމަށްފަހު ދޫކޮށްލީ މާލޭގެ ބޭރު ތޮއްޓަށެވެ. އަދި އޭނާ ގެ ދަރިފުޅުގެ ދެވަނަ އުފަން ދުވަހު ޖަލުގައި ހުންނަން ޖެހުމަކީ އޭނާ ގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި އެއް ތަޖުރިބާ އެވެ.
އޭގެފަހުން މާލޭގައި ހިނގަމުންދިޔަ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ހަރަކާތެއްގެ ތެރެއިން ރޭގަނޑުގެ ވަގުތު ހައްޔަރުކުރި ކަމަށާއި، ގަމުގައި އިންނަ ގޮޅިއެއްގައި އެއް ރޭ ބޭއްވުމަށްފަހު އަނެއް ދުވަހު ދޫކޮށްލި ކަމަށް ސޯބެ ވިދާޅުވި އެވެ.
ޖަލުގެ ތޭރިތަކުން ހިތްދަތި ތަޖުރިބާތަކާއެކު ވެސް އިސްލާހީ މަސައްކަތުގައި ސޯބެ ދެއްކެވީ ސާބިތުކަމެވެ. އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުކަން ވިދިވިދިގެން ތިން ދައުރު ސޯބެ ފުރުއްވި އެވެ. މި މުއްދަތުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ. އާއިލާއާ ދުރުގައި، ގިނަ ފަހަރަށް 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި އެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި އެވެ.
ސޯބެގެ ހަޔާތުން ފެނިގެން ދަނީ ގައުމީ ލޯތްބާއި، ވަފާތެރިކަމާއި، ހިތްވަރުގަދަކަމުގެ ނަމޫނާއެކެވެ. ޓީޗަރެއްގެ ގޮތުންނާއި، ސިޔާސީ ލީޑަރެއްގެ ގޮތުން އޭނާ އައްޑޫއަށާއި މުޅި ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތަކަކީ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ މަސައްކަތްތަކެއްކަން ޔަގީނެވެ!






