ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު
ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއާއެކު މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، ފޮރިން މިނިސްޓްރީން ވަނީ ހާރިޖީ ސިޔާސަތުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި. މި ބަޔާނަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ އިދިކޮޅު ފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި، ބޭރުގެ އެހީތައް ޒިންމާދާރުކަމާއެކު ބޭނުން ކުރަން ޖެހޭ ކަމަށް. މީގެ އިތުރުން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ލިބުނު މި ފުރުސަތުގެ ބޭނުން ހިފައި، ދެ ގައުމުގެ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެމަނިކުފާނު ގޮވާލެއްވި.


ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު | މިހާރު
ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި، މިއީ 30 އިންސައްތަ އަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކަނި ރާއްޖެއެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު މިހެން ވިދާޅުވ، ޗާގޯސް މައްސަލައިގައި މޮރިޝަސް އޮތީ ސުލްހަވެރި ހައްލެއް ހޯދަން ރާއްޖެ އާއި މަޝްވަރާ ކުރަން ތައްޔާރަށްކަން ރައީސް ނަޝީދު ހާމަކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ބަޔާނެއް ނެރުމުންނެވެ.
އެބަޔާނުގައި ގައުމީ މަސްލަހަތާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ހިކުމަތްތެރިކަން އިސްކުރުމަށް ގޮވާލާފައިވެ އެވެ. އަދި ރާއްޖޭގެ ގައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށް ބަޔާން ކޮށްފައިވެ އެވެ.
މިބަޔާނާ ގުޅިގެން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އަދި އެހެންވެސް ހުރިހާ ސިޔާސަތުތައް މުތާލިޔާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.
ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެއެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، 30 އިންސައްތަ އަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށެވެ.
މީގެ އިތުރުން އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯނު ސަރުކާރުން ބޭނުން ކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޗާގޯސްގެ މައްސަލައިގައި ރާއްޖެ އާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކައި، މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ތައްޔާރަށް އޮތް ކަމަށް ނަޝީދު ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖެ އާއި މޮރިޝަސް އާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެދިވަޑައިގަތުމުން، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން މި ފުރުސަތުގެ ބޭނުން ހިފައި މޮރިޝަސް ސަރުކާރާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މޮރިޝަސް އިން ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެ އިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެ އިން ދެކޮޅު ހަދާތީ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި ވަނިކޮށް، އެކަންކަމަށް އަމަލު ނުކުރައްވާނެކަން ރައީސް މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއުލާނު ކުރައްވާފަ އެވެ.







