ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
ސޯޝަލް މީޑިއާ މެދުވެރިކޮށް އުޖޫރައެއް ދޭނެ ކަމަށް ބުނެ ބޭންކް އެކައުންޓްތައް ކުއްޔަށް ހިފާ މައްސަލަ އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. އެކައުންޓްގެ ކޮންޓްރޯލް އެހެން ފަރާތަކަށް ދިނުމަކީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ފަދަ ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި، މިފަދަ އަމަލުތަކަށް ގާނޫނީ ގޮތުން ހަރުކަށި އަދަބު ލިބޭނެ ކަމަށް ފުލުހުން ބުނޭ. އެހެންކަމުން، އެކައުންޓް މެދުވެރިކޮށް ހިންގާ ހުރިހާ މުއާމަލާތަކަށް އެކައުންޓުގެ ވެރިފަރާތުން ޒިންމާވާން ޖެހޭނެތީ، ސިއްރު މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ.


ބޭންކް އެކައުންޓް ކުއްޔަށް ދިނުމާއި މަނީ މިއުލް ގެ އަމަލުތަކަށް މަގުފަހިވާފަދަ ކަންކަމަށް އާންމު ރައްޔިތުން ސަމާލު ވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައި | ރާއްޖެއެމްވީ
ބޭންކް އެކައުންޓް ކުއްޔަށް ދިނުމާއި މަނީ މިއުލް ގެ އަމަލުތަކަށް މަގުފަހިވާފަދަ ކަންކަމަށް އާންމު ރައްޔިތުން ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ޚާއްޞަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް މެދުވެރިކޮށް އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ކުއްޔަށް ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން އުޖޫރައެއް ނުވަތަ ދުވަހު މުސާރަ އެއް ދޭނެ ކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، އަދި އޭގެ ސަބަބުން ގާނޫނީ ގޮތުންނާއި، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަން ކަމުގައި ވާތީ އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޮންމެ ބޭންކް އެކައުންޓަކީ އެ އެކައުންޓެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި ބޭނުންކުރަން ޖެހޭ އެކައުންޓެއް ކަން ފާހަގަ ކޮށް ފުލުހުން ވަނީ މިކަމުގެ ސަބަބުން ގާނޫނީ އަދި މާލީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތައް ފާހަގަ ކޮށްފަ އެވެ.
އެގޮތުން އެކައުންޓެއް މެދުވެރިކޮށް ހިންގާ ހުރިހާ މުއާމަލާތަކީ އެކައުންޓުގެ ވެރިފަރާތުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ހިނގާ މުއާމަލާތަތްތަކަށް ވާން ޖެހޭނެ ކަމަށާއި އެކައުންޓް އެހެން ފަރާތަކަށް ބޭނުން ކުރަން ދިނުމަކީ މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބޭންކިންގް އުސޫލާ ޚިލާފަށް، މުއާމަލާތުގެ ހަގީގީ ވެރިފަރާތް އޮޅުވާލުމަށް ހިންގޭ ޖިނާއީ އަމަލެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ހަގީގީ ވެރިފަރާތް އޮޅުވާލުމަކީ މި ގާނޫނުތަކުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެއް ކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އޭގެ އިތުރުން އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ މަނީ މިއުލް އެއްގެ ގޮތުގައި ކުށް ކޮށްގެން ހޯދާ ފައިސާ ދައުރު ކުރުމުގައި ބައިވެރިވުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިފަދަ އެކައުންޓެއް މެދުވެރިކޮށް ގާނޫނާ ޚިލާފު މުއާމަލާތެއް ހިނގައިފި ނަމަ އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއް ކަމަށް ބުނެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަން ވެސް ފުލުހުން ފާހަގަ ކުރެ އެވެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ.
ދިވެހިރާއްޖޭގެ ބޭންކިންގް އާ ބެހޭ ގާނޫނާ ބޭންކްތަކުގެ އުސޫލުތަކުގެ ދަށުން، ޔޫޒަރނޭމް، ޕިން ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެހެން ފަރާތަކާ ހިއްސާ ކުރުމަކީ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށާ އެއީ ކަސްޓަމަރުންގެ ފަރާތުން ވާ އިހުމާލެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން މާލީ ގޮތުން ލިބޭ އެއްވެސް ގެއްލުމަކަށް ބޭންކުން ޒިންމާ ނުވާނެ ކަން ވަނީ ފާހަގަ ކޮށްފަ އެވެ.
ފުލުހުން ބުނީ ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ހިނގައިފި ނަމަ ބޭންކުން އެކައުންޓުތައް ފްރީޒް ކުރެވިދާނެ ކަމަށެވެ. އަދި އެކައުންޓް ވެރިފަރާތަކީ މާލީ ނިޒާމަށް ނުރައްކާ އޮތް ފަރާތެއްގެ ގޮތުގައި ބެލެވި، މުސްތަގުބަލުގައި ރާއްޖޭގެ މާލީ އިދާރާއަކުން ޚިދުމަތް ލިބުމަށް ހުރަސް އެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އެކައުންޓެއް މެދުވެރިކޮށް ހިންގާ ކޮންމެ މުއާމަލާތަކަށް ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނެ ފަރާތަކީ އެ އެކައުންޓެއްގެ ވެރިފަރާތް ކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ކުށްކުރާ ފަރާތްތަކުން އާންމު ރައްޔިތުންގެ އެކައުންޓްތައް ބޭނުންކުރަނީ މަކަރާ ހީލަތުން ފޭރޭ ފައިސާ ދައުރުކޮށް އެ ފައިސާގެ އަސްލު އޮޅުވާލުމަށް ކަމަށް ބުނެފައި ވެ އެވެ.
މީގެ އިތުރުން އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުން ކުރަން ދޫކޮށްލުމަކީ މިފަދަ ޖިނާއީ ކުށްތަކަށް އެހީތެރިވުމުގެ އަމަލެއް ކަމަށާ ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކުގެ މައުލޫމާތު ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ހިއްސާ ކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ފަސޭހަ އިން ފައިސާ ލިބޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިޝްތިހާރުތަކަށް އިޖާބަ ނުދިނުމާ މިފަދަ ކަންކަމަށް ހިތްވަރު ލިބޭ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ޝައްކުކުރެވޭ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ނެޝެނަލް އިމަރޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅުމަށް ނުވަތަ 125 އަށް ގުޅުމަށް އެދޭ ކަމަށެވެ.
މިފަަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ކަމާބެހޭ މާލީ އިދާރާތަކާ ގުޅިގެން ފުލުހުން ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.








