ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި
އިންޑިއާއިން ކުރިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދެއްކުމަށް ފަހު، ރާއްޖޭގެ ރިޒާވް ވަރުގަދަކުރުމަށް 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 318 މިލިއަން ޑޮލަރު) ގެ އާ ސްވޮޕެއް ސަރުކާރުން ވަނީ ނަގާފައި. މިކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިގްތިސާދީ ހާލަތަށް ބަލައި އިންޑިއާގެ އެހީތެރިކަން ހޯދުން މުހިންމު ކަމަށް ފެންނާތީ އެ ފުރުސަތުގެ ބޭނުން ހިފީ ކަމަށް. ނަމަވެސް، ދަރަނި ދެއްކި ގޮތުގެ ތަފްސީލާއި އިންޓްރެސްޓް ރޭޓާ ގުޅޭ މައުލޫމާތު ނެތް ކަމަށް ވިދާޅުވި.


ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. | ރައީސް އޮފީސް
އިންޑިއާއަށް ދަރަނި ދެއްކުމަށް ފަހު އިތުރު ދަރަނި ނެގިކަން އޮޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ވެފައިވާ "ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027" ގެ ދަށުން، ޔޫއެސް ޑޮލަރު/ޔޫރޯ ސްވޮޕް ވިންޑޯ މެދުވެރިކޮށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށް ނުދިނުމުން އެބައި ދައްކާ ހަލާސް ކުރުމަށްފަހު 318 މިލިއަން ޑޮލަރުގެ އިތުރު ސްވޮޕެއް ވަނީ ނަގާފަ އެވެ.
ފޮރިން މިނިސްޓްރީ އިން ވެސް ވަނީ އިންޑިއަން ރުޕީސް (އައިއެންއާރް) ސްވޮޕް ވިންޑޯގެ ތެރެއިން 30 ބިލިއަން ރުޕީ ނުވަތަ 4,919,559,066 (ހަތަރު ބިލިއަން ނުވަސަތޭކަ ނަވަރަ މިލިއަން ފަސްލައްކަ ފަންސާން ނުވަހާސް ފަސްދޮޅަސް ހަ ރުފިޔާ) ނެގުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، އެ ފައިސާ ނެގި ކަމަށް ކުރިން ބުނެފަ އެވެ.
މިކަމާއި ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ދާދި ފަހުން ސަރުކާރުން ދަރަނި ދައްކާފައިވާކަމަށް ބުނެފައިވާތީ އެ ދަރަނި ދެއްކި ގޮތައި، އިންޓްރެސްޓް ރޭޓާއި އަދި އިތުރު ދަރަނި ނަގާފައިވޭތޯ ސުވާލުކޮށްފަ އެވެ.
21 ދުވަސް ތެރޭގައި 924 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް. ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު. 2 އެޕްރީލްގައި 52 މިލިއަން ޑޮލަރު ސްކޫކަށް އަދި 23 އެޕްރީލް ގައި 400 މިލިއަން ޑޮލަރު ކަރަންސީ ސްވޮޕް އަށް. މި ދަރަނި ދެއްކުމަށް އެއްވެސް ވަރަކަށް އިތުރު ދަރަންޏެއް ނަގާފައިވާނެތޯ؟ އަދި ކަރަންސީ ސްވޮޕްގައި އެއްވެސް ވަރަކަށް އިންޓްރެސްޓް އަރާފައިވޭތޯ؟ ޖުމްލަ ދައްކާފައިވަނީ ކިހާވަރެއްތޯ؟ 2 ދަރަނި ދައްކަން ވެސް ދައުލަތުގެ ރިޒާވުންތޯ ދަރަނި ދެއްކީ؟ނޫސްވެރިޔާ ކުރި ސުވާލު
ރައީސް ވިދާޅުވީ އިންޓްރެސްޓް ރޭޓާއި ތަފްސީލު ހަގީގަތުގައި ވެސް އެމަނިކުފާނުގެ އަތްޕުޅުގައި އެވަގުތު ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ މައުލޫމާތެއް ކަމުން، ފިނޭންސް މިނިސްޓްރީ އަދި ހާއްސަކޮށް އެމްއެމްއޭ އިން އެ މައުލޫމާތު ސާފުކޮށްލާފައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުން އެ މައުލޫމާތު ފޯރުކޯށްދެއްވުމަށް ދަންނަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކަރަންސީ ސްވޮޕްގެ އިންޑިއާ ރުޕީސްގެ 30 ބިލިއަން ރުޕީސްގެ ސްވޮޕްއެއް މިހާރު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ގްރޮސް ރިޒާވް ވަކި ވަރަކަށް ބެހެއްޓުމަކީ މުހިންމު ކަމަކަށް ވާތީ 30 ބިލިއަންގެ ސްވޮޕް ނަގަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެގޮތަށް އެދިވަޑައިގަތުމުން އިންޑިއާ އިން އެ ސްވޮޕް އެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. އަދި 400 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށެވެ.
އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އިންޑިއާއިން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފެސިލިޓީގެ ބޭނުން ހިފުން މުހިންމު ކަމަށް. އެއީ އިގްތިސާދީ ހާލަތަށް ބެލުމަށްފަހު. ކުރިން ވިދާޅުވި ޑީޓެއިލްސްތައް، އިންޓްރެސްޓް ކަހަލަ ޑީޓެއިލްސް އަޅުގަނޑު ދައްނަވާލާނަން މައުލޫމާތު ހޯދާލާފައި ފޮނުވާލަދޭށޭ.ރައީސް ޑރ. މުހައްމަދު މުއިއްޒު
ފޮރިން މިނިސްޓްރީ ބަޔާނުގައިވާ ގޮތުން ކުރީގެ ސްވޮޕަށް 400 މިލިއަން ޑޮލަރު ދެއްކުމުން އިތުރު ސްވޮޕެއް ދީފައިވަނީ އިންޑިއާ ރުޕީސް އިންނެވެ. 30 ބިލިއަން އިންޑިއާ ރުޕީސް މިއީ ޑޮލަރުން ބަލާނަމަ 318 މިލިއަން ޑޮލަރެވެ.
ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ މިއީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މި 30 ބިލިއަން ރޫޕީގެ ސްވޮޕް ފެސިލިޓީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
މި 30 ބިލިއަން ރޫޕީގެ ސްވޮޕް ފެސިލިޓީ ހަމަޖެހިގެން ދިއުމަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވީ ނަމަވެސް އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހިރާއްޖެއިން އެދިފައިވާ އެދުމަށް، އެ ނިޒާމު ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެ އެކަމަށް އިންޑިއާ ސަރުކާރުން ލުޔެއް ނުދިނެވެ.
މި ސަރުކާރުން އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި ދެއްކި ނަމަވެސް، ޖެހިގެން އައި ދުވަހު ވަނީ 318 މިލިއަން ޑޮލަރުގެ ދަރަނި ނަގާފަ އެވެ.







