ކުރިން ބޭސް ނުލިބިގެން އުޅުނީ ރައްޔިތުންނަށް، މިހާރު ބޭސް ނުލިބެނީ ސަރުކާރަށް
ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި އާސަންދަ އާއި މޯލްޑިވްސް ހެލްތު ކޯޕަރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވަނީ އެއްބަސްވެފަ. ބޭހުގެ ސްޓޮކް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ނެތުމާއި ޒަރޫރީ ބޭސް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން މި ބައްދަލުވުމުން ވަނީ ހާމަވެފަ. ސިއްހީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އޮތުމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާއިރު މި ސަރުކާރުން ހަދަމުން ދިއަ ދޮގުތައް ރައްޔިތުންނަށް މިއަދު މި ވަނީ ފަޅާއަރާފަ.


އާސަންދަ އެމްޑީ އައިމިނަތު ޒީނިޔާ އަދި ރައީސް މުއިއްޒު: ބޭސް ނުލިބޭ ކަމަށް ސަރުކާރުން ވެސް މިވަނީ ބުނެފަ | ރާއްޖެއެމްވީ ގްރެފިކްސް
މި ހިނގާ 2026 ވަނަ އަހަރު، ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މި އަހަރު ތެރޭގައި ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވި ހިސާބުން މިއީ ހައްލެއް ނުލިބޭނެ މައްސަލައެއް ކަމަށް ގާތްގަނޑަކަށް ދެން ޔަގީންވީ އޭ ހިތަށް އެރި އެވެ. އެހެން ހިތަށް ނާރަންވީ ސަބަބެއް ވެސް ހަގީގަތުގައި ނެތެވެ. ރައީސް މުއިއްޒު ޔަގީންކަން ދެއްވައިފި ނަމަ އެކަން ދިމާ އިދިކޮޅަށް ވުމާ، ނުކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަން ކުރެއްވުމާއި، ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަންކަން ނުކުރެއްވުމުގައި އެމަނިކުފާނު ވައްޓާލެވޭނެ ބޭފުޅަކު އަދި ނެތެވެ. ކަން ހިނގާފައި ވަނީ މުޅިން ވެސް އެހެންނެވެ. އެމަނިކުފާނު އިސްކަން ދެއްވާ ކަންކަމުގެ ހާލަތުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނީ ނުދެއްކުމެވެ. އިސްކަން ދެއްވަވާ ވަރުން ގޮސް، ހާލަތު ގޯސްކަމުން އެ ވާހަކަ ދައްކަން ނުކެރޭ މިންވަރަށް ގޯހެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ބޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ޚާއްޞަކޮށް، 2026 ވަނަ އަހަރުގެ ބަޖެޓުގައި 8.8 ބިލިއަން ރުފިޔާ ހަމައެކަނި ސިއްހީ ދާއިރާ އަށް ބަޖެޓު ކޮށްފައިވާއިރު މި ސަރުކާރުން ކުރަނީ ކޮންކަމެއް، ނުކުރަނީ ކޮންކަމެއް ކަން އުޅެއުޅެ ސާފުވާގޮތެއް ނުވި އެވެ. ބޭސް ލިބޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ހުއްޓުމެއް ނެތި ދެމުންދާއިރު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ފާއިތުވި އަހަރު ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު މިހާރު އެމައްސަލަ ހައްލުވަމުންދާ ކަމަށެވެ.
މިފަހުން އިސްތިއުފާ ދެއްވި ނާޒިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަރަށް ބޮޑަށް މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ބޭހުގެ މައްސަލައަށް 100 އިންސައްތަ އަށް ހައްލު ނުވާތީ ރައްޔިތުން ޝަކުވާ ކުރަނީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއަށްފަހު މިހާރުގެ މިނިސްޓަރު ގީލާ އަލީ ވަނީ ބޭހުގެ ދަތިކަން އުޅޭނަމަ އެކަން ހައްލު ކުރުމަށް "މެޖިކް" ހައްލެއް ދެއްވާފަ އެވެ. ޑޮކްޓަރުން ބޭސް ލިޔާއިރު ބޭހުގެ ސްޓޮކް ލިސްޓަށް ބަލައި، ލިބެން ހުންނަ ބޭހެއް ދިނުމަކީ މިނިސްޓަރު ގެ ނަޒަރުގައި މިކަމަށް އޮތް ހައްލެއް ކަމަށް ވާނަމަ ބުނާނެ އިތުރު އެއްޗެއް ނެތެވެ. މިއީ ވެސް މިނިސްޓަރެއް ތާ އެވެ.
މަތި އޮމާން ކޮށްކޮށް ތިއްބާ މި ސަރުކާރުގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރަކުން ޖަހައިފި އެވެ. ހަގީގަތުގައި ކަން އޮތް ގޮތް މި ފަހަރު ހިއްސާކޮށް، ސަރުކާރު ހަމަ ބިމަށް ތިރިކޮށްލައިފި އެވެ. ހައްލުވަމުންދާ ކަމަށް އެ ބުނާ ބޭސް ލިބުމުގެ މައްސަލަ ނުވަތަ މުޅިންހެން ހައްލުވެފައި ކަމަށް މި ސަރުކާރުން ދައްކަން އުޅޭ ބޭސް ލިބުމުގެ މައްސަލައަކީ ހަގީގީ މައްސަލައެއް ކަމަށް ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސަރުކާރު ކުންފުނި އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާމިނަތު ޒީނިޔާ މިވަނީ ވިދާޅުވެފަ އެވެ.
އޮތް ކަމަށް މި ސަރުކާރުން ގަބޫލު ނުކުރާ މައްސަލަ، ރާއްޖެއިން ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ބޭސް ލިބުމުގައި ހުރި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) ކޮމިޓީ އަށް ކަމާގުޅޭ ބޭފުޅުން ހާޒިރު ކޮށްފައިވާއިރު ހުރިހާ ބޭފުޅުން ވެސް އިއްތިފާގު ވީ ރައްޔިތުންނަށް ބޭސް ނުލިބޭ ކަމަށެވެ. ޚާއްޞަކޮށް ޒީނިޔާ ގެ އިތުރުން ސަރުކާރުން އުފައްދާފައިވާ ބޭސް ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވެސް ވަނީ މިއީ ސީރިއަސް މައްސަލައެއް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ މިއީ ގައުމީ މައްސަލައެއް ކަމަށެވެ.
ބޭސް ނުލިބުމުގެ އިތުރުން ދެން ވެސް ހުރީ ހުސް މައްސަލަ އެވެ. ބޭހުގެ ސްޓޮކް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތެވެ. މިކަމުގައި ޒިންމާ ނަގާނެ ފަރާތެއް ނޭނގެ އެވެ. ޒަރޫރީ ބޭސް ގެނައުމުގައި ވެސް ހުސް ގޮންޖެހުމެވެ. ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަކަށް ނުބެލެ އެވެ. އާސަންދަ އަށް 3000 އަށް ވުރެ ގިނަ ބޭސް ލިބި، އެކަމަށް ބޮޑު ޚަރަދުތަކެއް ކުރާއިރު ވެސް ބޭސް ނުލިބޭ ސަބަބެއް ވެސް ނޭނގެ އެވެ. މިހެން ގޮސް ދެން ބޮޑު ލިސްޓެކެވެ.
އެންމެ ބައްދަލުވުމަކުން ސަރުކާރުން ތަކުރާރު ކޮށް ހަދަމުންދިއަ ދޮގެއް އެއްފަހަރާ ފަޅާއަރާފައިވާއިރު ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވަން މި ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް މިވަނީ ހާމަވެގެން ގޮސްފަ އެވެ. ދިރިހުރުމަށް ބޭނުންވާ ބޭސް ނުލިބިގެން ރައްޔިތުން ސަލާންޖަހަމުންދާއިރު ރިޔާސީ ބަޔާނުގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެ ދެއްވި ޔަގީންކަމަކީ ރައްޔިތުން ބޭސް ނުލިބިގެން އެ ތަހައްމަލުކުރާ ވޭން ނުވަތަ ބޭހަށް ސަލާންޖެހުން ކަމަށް ވާނަމަ އެ ވިދާޅުވި ހައްލު ޔަގީނުން ވެސް ލިބިއްޖެ އެވެ.




