"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"
ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ކުރިމަތި ވަނީ ބޭސް އެތެރެކުރުމާއި ދޫކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އާސަންދަ ކުންފުނިން މަޖިލީހުގެ ކޮމިޓީގައި ފާހަގަކޮށްފި. ބޭހުގެ ސްޓޮކް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމާއި ބޭސްފިހާރަތައް ރަޖިސްޓްރީ ކުރުމުގައި ހުރި މައްސަލަތަކުގެ ސަބަބުން، ބޮޑު ހޭދައެއް ކުރި ނަމަވެސް އާންމުންނަށް ބޭސް ލިބުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވި. އެހެންކަމުން މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ވިދާޅުވެފަ.


އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބޭ ކަން ގަބޫލު ކުރައްވާ ކަމަށާއި ބޭސް ނުލިބުމުގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) ކޮމިޓީ އަށް ކަމާގުޅޭ އިދާރާތަކުން ވަނީ ހާޒިރުކޮށްފަ އެވެ.
އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް އާސަންދަ ވެސް ހާޒިރު ކޮށްފައިވާއިރު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ އެމްޑީ ޒީނިޔާ ވިދާޅުވީ ބޭސް އެތެރެކޮށް ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ބޮޑު ޚަރަދެއް އެކަމަށް ކުރާއިރުވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބޭ ކަން ގަބޫލުކުރައްވާ ކަމަށާ މިއީ ގައުމީ މައްސަލައެއް ކަމަށް ވެސް ޒީނިއާ ވިދާޅުވި އެވެ.
އަޅުގަނޑު ވެސް ގަބޫލުކުރަން ހަމަ ބޭހެއް ނުލިބޭ މީހުންނަކަށް އިނގޭތޯ. އަދިވެސް ހަމަ އެ ޝަކުވާ އާދޭ. ޕްރިސްކްރިޕްޝަނެއް ހިފައިގެން ދިޔައީމާ ސްކީމްގެ ތެރެއިން ހަމަ ބޭހެއް ނުލިބޭ. މިހާ ބޮޑު ކޮސްޓެއް ދޭއިރުގައި ވެސް ސްކީމްގެ ތެރެއިން މި ހުންނަށް ބޭސް ލިބުމަށް ދަތިތައް އެބަހުރި.އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ
ކޮމިޓީ ބައްދަލުވުމުގައި ޒީނިޔާ ވަނީ އޭގެ އިތުރުން ވެސް ހުރި އެކި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ބޭސްފިހާރަތައް ރަޖިސްޓްރީ ކުރުމުގައި ދިމާވާ މައްސަލަތަކާ އޭގެ ސަބަބުން ދިމާވާ ގިނަ މައްސަލަތަކެއް ހުރިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ބޭހުގެ ސްޓޮކް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމާއެކު އާސަންދަ އަށް 3000 އަށް ވުރެ ގިނަ ބޭސް ލިބި، އެކަމަށް ބޮޑު ޚަރަދުތަކެއް ކުރާއިރު ވެސް ބޭސް ނުލިބޭތީ މިއީ ސީރިއަސް ކޮށް ބަލަންޖެހޭ މައްސަލަތައް ކަމަށް ޒީނިޔާ ވިދާޅުވި އެވެ. މިކަމަށްޓަކައި ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒީނިޔާގެ އިތުރުން މި ބައްދަލުވުމުގައި ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭސްތައް ރާއްޖޭގައި ލިބެން ނުހުުންނަ މައްސަލައަކީ، ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ގެންނަންޖެހޭ ކަމަށް ސަރުކާރުން އުފައްދާފައިވާ ބޭސް ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވެސް ވިދާޅުވި އެވެ.








