ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ދިރިއުޅޭ އެ ދާއިރާގެ 300 އެއްހާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، އެ ތަނުގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން ވަނީ އެދިފައި. މި އިންތިޚާބުގައި އައްޑޫ ސިޓީގައި ފަސް ފޮށި އަދި މާލޭގައި ދެ ފޮށި ބެހެއްޓުމަށް މިހާރު ނިންމާފައިވީ ނަމަވެސް، ހުޅުމާލޭގައި ވޯޓު ފޮއްޓެއް ނެތުމަކީ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް އެ ޕާޓީން ބުނޭ. އެހެންކަމުން، ރީ-ރަޖިސްޓްރީ ކުރުމުގެ ތަކުލީފު ކުޑަކުރުމަށްޓަކައި ހުޅުމާލޭގައި ފޮއްޓެއް ބެހެއްޓުން މުހިންމު ކަމަށް އެމްޑީޕީން ފާހަގަކުރޭ.


ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ. ފައިލް ފޮޓޯ | ރާއްޖެއެމްވީ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް އެ ތަނުގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.
5 މެއި 2026 ގައި އިލެކްޝަން ކޮމިޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދަށް އެ ޕާޓީން ފޮނުވި ސިޓީގައި ބުނެފައިވަނީ 6 ޖޫން 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ހަވާލާދީ އިއުލާން ކޮށްފައިވާއިރު، ހުޅުމާލެ-ފޭސް 1 އަދި 2 ގައި އެއްވެސް ފޮއްޓެއް ބެހެއްޓުމަށް އިއުލާންގައި ނެތް ކަމަށެވެ.
ނަމަވެސް 4 އޭޕްރީލް 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މި 300 މީހުން އަލުން ރީ ރަޖިސްޓްރީ ކުރުން ވާނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އެހެންކަމުން އެ ޕާޓީގެ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނަ ގޮތަށް ބައި އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާ ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި 7 ވޯޓު ފޮއްޓެއް ބައްހައްޓަ އެވެ. އެއީ އައްޑޫ ސިޓީގައި 5 ވޯޓު ފޮއްޓާއި، މާލޭގައި ބަހައްޓާ ދެ ވޯޓު ފޮއްޓެވެ.
އީސީން ބުނީ، އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލުގެ ދެކުނު، އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލު މެދު، އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލު އުތުރު، އައްޑޫ ސިޓީ، ހިތަދޫ ސްކޫލްގެ ކްލާސްރޫމް 1 އަދި އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ކްލާސްރޫމް 2 ގައި ވޯޓު ފޮށި ބައްޓާނެ ކަމަށެވެ. އަދި މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތިގައި އެއް ވޯޓު ފޮށި ބަހައްޓާއިރު މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގުގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.






