ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
ރަސްމާދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތުމުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި އިގްތިސާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ. މި މަޝްރޫއުގެ ބޮޑުބައި ނިމި، މެޝިނަރީޒްތައް އިންސްޓޯލްކޮށްފައި ހުރި ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ލަސްވުމަކީ ލޯކަލް ޓޫރިޒަމް ފަދަ ވިޔަފާރިތަކަށް އޮތް ބޮޑު ހުރަހެއް. އެހެންކަމުން، ރަށުގެ ފެން ތަޣައްޔަރުވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ.


ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 70 އިންސައްތަ މަސައްކަތް ނިމިފައިވާ ރަސްމާދޫ ފެންޕްޓްލާން: މަސައްކަތް ހުއްޓި އެ ސަރަހައްދުގައި މިހާރު ވަނީ ބޯކޮށް ޖަންގަލި ހެދިފަ. | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު 70 އިންސައްތަ މަސައްކަތް ނިމިފައިވާ ރ. ރަސްމާދޫ ފެން ޕްލާންޓްގެ މަސައްކަތް ހުއްޓި، އެ ތަން ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އާސިފް ވަނީ މި މަޝްރޫއު ހުއްޓިފައި ހުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމްޑީޕީ ސަރުކާރުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެކެވެ. އާސިފް ވިދާޅުވީ ވެރިކަން ބަދަލުވިއިރު، ރަށުގެ ހުރިހާ މަގުތަކެއްގައި ހޮޅިލައިންތައް އަޅައި، ގޭގެއަށް ކަނެކްޝަން ދިނުމާ ހަމައަށް މަސައްކަތް ގޮސްފައިވާ ކަމަށެވެ. އަދި ފެން އުފައްދާ އިމާރާތުގެ މަސައްކަތް ނިމި، އާރުއޯ ޕްލާންޓް އިންސްޓޯލްކޮށް ޚިދުމަތް ދޭން ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވެރިކަން ބަދަލުވި އިރު ހަތްދިހަ ޕަސެންޓް މަސައްކަތް ނިމިފައި ހުރީ. މަގުމަތީ ހުރިހާ ހޮޅިލައިން ތަކެއްވެސް އަޅައި، ރެއިންވޯޓަރ ލައިން ނޫނިއްޔާ ހުރިހާ ހޮޅިތަކެއް އަޅާފައި. ގޭގެ ހައުސް ކަނެކްޝަން އެޅުމާ ހިސާބުގައި ގާތްގަނޑަށް މަސައްކަތް މި ހުރީ. މިތާ ހަމަ ބޯހޯލް ތުރުފާ ހުރިހާ ތާނގީ ތަކެއްވެސް ރޭވި. މިތާ ޢިމާރާތުގައި ވެސް ހުރިހާ މަސައްކަތެއް ނިމި، އާރު ޕްލާންޓެއް އެތެރޭގައި ވެއްޖެ. ހަމަ އިންސްޓޯލްކޮށްލައި ޚިދުމަތްދޭ ހިސާބުގައި ގާތްގަނޑަކަށް ހުރި ކަމެއް މިއީ.ރ. ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން މި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.
ފެންޕްލާންޓް މަޝްރޫއާ ގުޅޭގޮތުން ކައުންސިލުން ތަކުރާރުކޮށް ކަމާބެހޭ ވުޒާރާތަކާ ބައްދަލުކޮށްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހުން ލިބުނު މައުލޫމާތަކީ މި މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އުޅޭ ވާހަކަ ކަމަށާއި، ނަމަވެސް ދާދިފަހުން މި މަސައްކަތް "އަލްޓެކް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުމެއް މިނިސްޓްރީ އިން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، މިހާތަނަށް އެ ކޮންޓްރެކްޓަރުގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް އާސިފް ފާހަގަކުރެއްވި އެވެ.
ރަސްމާދޫގެ ފެން ތަޣައްޔަރުވެފައިވާތީ، މި މަޝްރޫއު ނުނިމި ލަސްވުމަކީ ރަށުގެ އިގްތިސާދަށް، ހާއްސަކޮށް ލޯކަލް ޓޫރިޒަމަށް އޮތް ބޮޑު ހުރަހެއް ކަމަށް ކައުންސިލުން ދެކެއެވެ. ސާފު ބޯފެނުގެ ޚިދުމަތް ނުލިބުމަކީ އާންމު ރައްޔިތުން ކުރަން ބޭނުންވާ ވިޔަފާރިތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ، އާސިފް ވަނީ މި މަސައްކަތް އަވަހަށް ނިންމައިދިނުމަށް ގޮވާލައްވާފަ އެވެ.
2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ސައިޓް މޮބިލަައިޒް ކުރެވި، އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރި މި މަޝްރޫއު، ވެރިކަން ބަދަލުވިއިރު ގާތްގަނޑަކަށް 70 އިންސައްތަ ނިމި، މެޝިނަރީސްތައް ވެސް ހުރީ ބެހެއްޓިފަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، ރަށުގެ ފެނުގެ މައްސަލައަށް ހައްލެއް ނައިސް އޮތުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.






