އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ފޯނު ކޯލުތަކާއި މެސެޖުތައް ހިމެނޭހެން ހުރިހާ ތަފްސީލެއް ހިއްސާކޮށް، ފުރިހަމަ އެއްބާރުލުން ދޭން އީޝާ ހުރީ ތައްޔާރަށް ކަމަށް އޭނާގެ ވަކީލު ޝަމީމް ވިދާޅުވެއްޖެ. އީޝާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އޭނާގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު މުރާޖައާ ކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ވަކީލު ވިދާޅުވި. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ތުހުމަތުތަކަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ޝަމީމް ހާމަކުރެއްވި.


އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން އީޝާ ފުލުހަށް ހާޒިރުކުރުމަށްފަހު އޭނާގެ ވަކީލު ހުސައިން ޝަމީމް މީޑިއާއަށް މައުލޫމާތުދެއްވަނީ. | ރާއްޖެ އެމްވީ
އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އައިޝަތު އީޝާ އަޝްރަފްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް އަންގާރަ ދުވަހުގެ ރޭ އީޝާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމުން، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އީޝާ ބޭނުންވަނީ މިކަން ހިނގައިދިޔަ ގޮތުގެ ހުރިހާ ތަފްސީލެއް ފުލުހުންނަށް ކިޔައިދޭން ކަމަށެވެ.
ޝަމީމް ވިދާޅުވީ އީޝާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް، އޭގެ ތެރޭގައި ފޯނު ކޯލުތަކާއި މެސެޖުތައް ފަދަ ތަފްސީލުތައް ވެސް ހިއްސާކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި އީޝާ އަކީ މި ހާދިސާގައި "ވިކްޓިމް" އެއް ނުވަތަ އަނިޔާ ލިބުނު ފަރާތެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށް ވެސް ވަކީލު ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި ވަގުތު ހަމަޖެހިގެން ހުރިހާ ބަޔާންތަކެއް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވޭ މިކަން ހިނގާދިޔަގޮތާ، ފުލުހުން ތުހުމަތުކުރައްވާ ކޮންމެ ކަމެއް ފުލުހުންގެ ތަޙުޤީޤަށް ފުރިހަމައަށް ބަޔާނެއް ތަފްޞީލުތަކާ އެއްކޮށް ފޯނުކޯލުތަކާއި، މެސެޖުތަކާއި، އެހެން ހުރިހާ ތަފްޞީލުތަކާ އެއްކޮށް ކިޔައިދޭން އަޅުގަނޑުމެން ކްލައިންޓް ބޭނުންފުޅުވޭ. އެހެންވީމާ، ވަގުތު ހަމަޖެހިގެން ހުރިހާ ބަޔާންތައް ނެގުމުގެ ކަންތައް ދެން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަން. ދެން އަޅުގަނޑުމެން ސާފުކުރިން، މި މައްސަލައަށް ރައްދުވާ ނުވަތަ މައްސަލައިގައި މި ބައިވެރިވާ އެހެން މީހަކު އެބައުޅޭ. ދެން މައްސަލަ، މައްސަލައަކަށް ވަނީ، ގަޒްފަކަށް ވަނީ އަނެއް މީހާ އެކަމަށް އިންކާރުކުރާ ހިސާބުން އިންކާރު ނުކުރަންޏަކާ ވާނީ ތުހުމަތަކަށް ގަޒްފަކަށް ނުއެއްވޭ، ގަޒްފަކީ ޝަރުޢީ ގޮތުން ވަކިގޮތަކަށް ކުރަން އޮންނަ ކަމެއް. ދެން އެ ސުވާލު އަޅުގަނޑުމެން ކުރިމަތިކުރިން ފުލުހުންނަށް، ފުލުހުން ވިދާޅުވި ތަޙުޤީޤަށް ބޭނުންވާ މިންވަރަށް މައްސަލަ ރައްދުވާ އަނެއް ފަރާތުން މިކަމަށް އިންކާރު ކުރައްވާފައި އޮތް ކަމަށް ފުލުހުން އެބަ ވިދާޅުވޭ. ދެން އަޅުގަނޑަށް ހަމަ ޔަޤީން، ފުލުހުން އޮންނާނީ އޭގެ ބަޔާނަކާ އެއްޗެހި ނަންގަވައި، އެ ތަފްޞީލުތައް ހޯއްދަވާފައި ތަޙުޤީޤަށް. ކަމެއް ބޭނުންވާ މިންވަރަށް ސާފުކުރުމުގެ މާނައަކީ ސުވާލެއް ކުރިމަތިކޮށް ބަޔާނެއް ނެގުން. ދެން އަޅުގަނޑުމެންނަކަށް ނޭނގެ ކިހިނެއްކަމެއް ފުލުހުން އެ މަޢުލޫމާތު ހޯއްދެވީކީއެއް.ހުސައިން ޝަމީމް
މި މައްސަލައިގައި އީޝާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ، އެ އަމުރުގައި ހަވާލާދީފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާއާއި 30 ވަނަ މާއްދާއަށް ކަމަށެވެ. ނަމަވެސް ފަހުން އިއްވި ތުހުމަތުތަކުގައި 30 ވަނަ މާއްދާ ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ޕާސްޕޯޓް ހިފެހެއްޓި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށާއި، އެ އަމުރު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން، ފުލުހުން ކުރިން ކުރި ބައެއް ތުހުމަތުތަކަށް ބަދަލު އައިސްފައިވާކަން ވެސް ވަކީލު ހާމަކުރެއްވިއެވެ. އެގޮތުން ތިމާ މީހަކާ ޒިނޭކުރި ކަމުގެ ތުހުމަތު ހިމެނޭ 413 ވަނަ މާއްދާގެ ތުހުމަތު މިހާރު ނެތް ކަމަށާއި، މިހާރު އޮތީ ޒިނޭކުރި ކަމަށް ބުނާ 411 ވަނަ މާއްދާގެ ތުހުމަތު ކަމަށް ފުލުހުން ސާފުކޮށްދީފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ދެން ދެވަނަ ކަމަކަށް ފުލުހުން ތުހުމަތު ކުރައްވަނީ 612 ވަނަ މާއްދާއާ ޙަވާލާދީ 411 އަދި 413 ވަނަ މާއްދާއަށް. 411 އަކީ މީހަކު ޒިނޭ ކުރިކަމަށް، 413 އަކީ ތިމާ މީހަކާ ޒިނޭ ކުރިކަމަށް. ދެން އަޅުގަނޑުމެން ފާހަގަކުރިން އެ ކުޑަކޮށް އަޅުގަނޑުމެން އެބައުޅޭ ނޫންހެން ދެން ފުލުހުން އެތަނުން ރަނގަޅުކޮށްދެއްވި. 413 ވަނަ މާއްދާގެ ތުހުމަތެއް މިހާރު ނެތް. 411 ވަނަ މާއްދާގެ ތުހުމަތެއް މިހާރު އޮތް ކަމަށް ފުލުހުން ވިދާޅުވަނީ. ދެން އަޅުގަނޑުމެން މި ތިބީ ހަމަ ފުލުހަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން. ތަޙުޤީޤަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދޭން. ތަޙުޤީޤަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދޭން. އަދި ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވޭ މިކަން ހިނގާދިޔަގޮތާ. ފުލުހުން ތުހުމަތުކުރައްވާ ކޮންމެ ކަމެއް ފުލުހުންގެ ތަޙުޤީޤަށް ފުރިހަމައަށް ބަޔާނެއް ތަފްޞީލުތަކާ އެއްކޮށް ފޯނުކޯލުތަކާއި، މެސެޖުތަކާއި، އެހެން ހުރިހާ ތަފްޞީލުތަކާ އެއްކޮށް ކިޔައިދޭން އަޅުގަނޑުމެން ކްލައިންޓް ބޭނުންފުޅުވޭ.ހުސައިން ޝަމީމް
މި މައްސަލައިގައި ހިމެނޭ އަނެއް ފަރާތާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، މައްސަލަ ރައްދުވާ އަނެއް ފަރާތުން މިކަމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އާންމު އުސޫލުން މިފަދަ މައްސަލަތަކުގައި "ގަޒްފު" ގެ މައްސަލައަކަށް ބަދަލުވަނީ އަނެއް ފަރާތުން އިންކާރުކުރުމުން ކަމަށް ވާއިރު، ފުލުހުން އެ ފަރާތުގެ ބަޔާން ނަގައި ތަފްސީލުތައް ހޯދާފައިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީޝާގެ ފަރާތުން ބޭނުންވަނީ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދީގެން މިކަމުގެ ހަގީގަތް ހާމަކުރުމަށް ކަމަށް ޝަމީމް ތަކުރާރުކުރެއްވި އެވެ.






