މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ
އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ގަރާރަށް ރައްދުދެއްވަމުން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ބަޔަކު ވާހަކައެއް ދައްކަނީ ކޮންމެވެސް ސަބަބެއް އޮތުމުން ކަމަށް. މީގެ އިތުރުން، "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް އެ ނޫހަށް ފިޔަވަޅު އެޅުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި. މެންބަރު ވިދާޅުވި ގޮތުގައި މިފަދަ ގަރާރުތައް ހުށަހަޅައިގެން ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު އަޑުތައް ކަނޑުވާލުމަށް.


ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް
އަލިފާން ނެތި ދުމެއް ނާރާނެ ކަމަށް އިހު މީހުން ބުނެ އުޅޭ ކަމަށާއި، މީހުން ވާހަކަ ދައްކަނީ ކޮންމެވެސް ސަބަބެއް އޮތުމުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ޕީއެންސީ އަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކުން އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ދައްކަމުން ދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ދޮގު ވާހަކަތައް ފަތުރާތީ ޕީއެންސީގެ މެންބަރުން ވަނީ އެކަން ކުށްވެރި ކުރައްވާ ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް، ދޮގު އިލްޒާމު ނޭޅުވުމަށް ގޮވާލާފަ އެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެން އެކަމަށް ރައްދުދެއްވައި، މެންބަރު ޒިޔާދު ވިދާޅުވީ ޕީއެންސީ އިން މި ގަރާރު ހުށަހެޅުމުން ހައިރާންވާ ކަމަށެވެ. މިއަދު މުޒާހަރާ ކުރުން ވަނީ ހަޑިކަމަކަށް، ގާނޫނާ ޚިލާފު ކަމަކަށް ވެފައި ކަމަށާއި ދައްކަން ބޭނުން ނުވާ ވާހަކަ ވެސް ދައްކަން ޖެހެނީ ޕީއެންސީގެ މެންބަރުން މަޖުބޫރު ކުރުވާތީ ކަމަށެވެ.
ޒިޔާދު ވިދާޅުވީ މީހެއްގެ ޒާތީ ދިރިއުޅުމާ ބެހޭ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އަލިފާން ނެތްތާކުން ދުމެއް ނާރާނެ ކަމަށް އިހުގެ މީހުން ބުނެ އުޅޭ ކަމަށާއި ބަޔަކު ވާހަކައެއް ދައްކާނީ ކޮންމެސް ކަހަލަ ކަމެއް ހިނގާތީ ކަމަށެވެ.
އިއްޒަތްތެރި ރައީސަކީ ސިޔާސީ މަސައްކަތް ވަރަށް ލާނަތްކޮށް ކުރެއްވި ބޭފުޅެއް. އެހެން ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް މިޒާތުގެ ވާހަކައެއް އަޅުގަނޑުމެން ނާހަން. އެކަމުގައި ހަގީގަތެއް އޮތަސް ނެތަސް ދައްކަނީ އެއްކަލަ މަގުހިމަ ޓިނުގަނޑުގެ ވާހަކަ އެކަނި. މިޒާތުގެ ވާހަކައެއް ނުދައްކާ. ޕީޖީ ލީޑަރާ ގުޅޭގޮތުން ވެސް މި ޒާތުގެ ވާހަކައެއް ނާހަން. ބާރަށު މައިކް، މަޝްހޫރު، އެވާހަކައެއް ނާހަމު. ހުތުރު ކޮށް ވާހަކަދައްކައިގެން ކަމެއް ނުވާނަމަ މިތާކު ނުއިންނަވާނެ. ރައްޔިތުންނަށް ފެންނާނެ. މުޒާހަރާތަކުގައި ސޭމް ބޭޑް، އަޅުގަނޑުމެންގެ އަޚް ޝިޔާމް ވަޒީރު ކަމުގައި އެހުރީ. ނަރީޝް، އެއަށް ވުރެ ވަކިން ހުތުރު މަންޒަރެއް މަގުމަތީގައި ދެއްކި ބޭފުޅެއް ނެތް. ޑެޕިއުޓީ މޭޔަރަށް ހުރީމަ ކަމު ނުގޮސްގެން އެހުރީ ވަޒީރު ކަމަށް ލާފަ.ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ޒިޔާދު ތަކުރާރު ކޮށް ވިދާޅުވީ ޕީއެންސީ އިން ގަރާރުތައް ހުށަހަޅައިގެން އުޅެނީ އިދިކޮޅު ފަރާތްތައް ލައްވާ، ދައްކަން ބޭނުންނުވާ ވާހަކަ ދައްކުވަން ކަމަށެވެ. އަދި ބަޔަކު ވާހަކަތަކެއް ދައްކާނީ ކަމެއް އެކަމުގައި އުޅޭތީ ކަމަށް ތަކުރާރު ކޮށް ޒިޔާދު ވިދާޅުވި އެވެ. ގަރާރުތައް ހުށަހަޅަން ޖެހެނީ ވެސް ކަމެއް ކުރެވިފަ އޮތީމަ ކަމަށް މެންބަރު ވިދާޅުވި އެވެ.
މެންބަރުގެ ވާހަކައިގައި ވަނީ އަދަދު ނޫހުން ޝައިއު ކުރި "އައިޝާ" ޑޮކިއުމަންޓްރީ އާ ގުޅިގެން ފުލުހުން ފޮނުވައިގެން އެ އޮފީހުގެ ތަކެތި ގެންގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން ފިޔަވަޅު އަޅާ ނަމަ އެކަން ކުރަން ވީ އޭގެ 1 މަސް ފަހުން ނޫން ކަމަށާ މީޑިއާތަކާ ގުޅޭ ކޮމިޝަނެއް އޮއްވާ ފުލުހުން ފޮނުވައިގެން އެކަން ކުރަން ޖެހުނު ސަބަބު ވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށް މެންބަރު ވިދާޅުވި އެވެ.








