ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ މިނިވަންކަން ގާއިމުކުރުމަށް އެމެރިކާއިން މަސައްކަތް ފެށި ނަމަވެސް، ސަލާމަތީ ކަންކަމާ މެދު އޮތް ކަންބޮޑުވުންތަކާ ހުރެ އެ ސަރަހައްދުގެ ޝިޕިން ހަރަކާތްތަކަށް އަދި ބަދަލެއް ނާދެ. އީރާނުގެ ނުރައްކާ އޮތް މިންވަރު ސާފުނުވާތީ ވިޔަފާރި އުޅަނދުތައް ދަތުރުކުރުމަށް ފަސްޖެހެމުންދާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުން. މި މަސްރަހާ ގުޅިގެން އީރާނުން ވަނީ އެމެރިކާގެ ނޭވީއަށް އިންޒާރުދީ، ކަނޑުއޮޅީގެ ބާރުވެރިކަން ދަމަހައްޓާނެ ކަމަށް ބުނެފައި.

އީރާނުގެ ބަންދަރު އައްބާސް ކައިރީގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ އުޅަނދުފަހަރު، 4 މެއި 2026. | ރޮއިޓާސް
ކަނޑުދަތުރުފަތުރުގެ ނިޒާމު މިނިވަންކުރުމުގެ މަސައްކަތް އެމެރިކާއިން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއް ދުވަސް ފަހުން، ހޯމަ ދުވަހު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
މެރިންޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު އޮމާން ކަނޑަށް ވަދެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ، މެދު ސައިޒުގެ އެލްޕީޖީ އުފުލާ އެންމެ ޓޭންކަރަކާއި، މަދު ކާގޯ ބޯޓުތަކެއްގެ އިތުރުން ކޭބަލް އެޅުމަށް ބޭނުންކުރާ އުޅަނދެއް އެކަންޏެވެ.
ކަނޑުއޮޅި ހުރަސްކުރުމަށް އެއްވެސް ޓޭންކަރެއް ނުވަތަ ވިޔަފާރި އުޅަނދެއް ކިއޫ ހަދާފައިވާ މަންޒަރެއް ފެންނާކަށް ނެތެވެ. އަދި ޖަރުމަނުގެ ޝިޕިން ގްރޫޕެއް ކަމަށްވާ ހޭޕަގް-ލޮއިޑުން ބުނި ގޮތުގައި، ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އުސޫލުތަކާ މެދު ސާފު މައުލޫމާތެއް ލިބިފައި ނުވާތީ، އެ ކުންފުނީގެ އުޅަނދުތަކަށް އަދިވެސް އޮތީ އެ ސަރަހައްދުން ދަތުރު ނުކުރެވޭ ފަދަ ހާލަތެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓަމުން، ހޯމަ ދުވަހުން ފެށިގެން ކަނޑުއޮޅި މެދުވެރިކޮށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އަލުން ގާއިމުކުރުމަށް އެހީތެރިވާން ފަށާނެ ކަމަށެވެ.
ޝިޕިން އެސޯސިއޭޝަނެއް ކަމަށްވާ ބޯލްޓިކް އެންޑް އިންޓަނޭޝަނަލް މެރިޓައިމް ކައުންސިލް (ބިމްކޯ) އިން ބުނި ގޮތުގައި، އެމެރިކާގެ މި އޮޕަރޭޝަނާއި އޭގެ މަގުސަދާ ގުޅޭ އެއްވެސް އިރުޝާދެއް ޝިޕިން އިންޑަސްޓްރީއަށް ލިބިފައި ނުވާއިރު، ސަރަހައްދުގެ ސަލާމަތީ މަސްރަހަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
"ވިޔަފާރި އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދަ އީރާނުން ނުދެނީސް، އުޅަނދުތަކަށް އޮތް އީރާނުގެ ނުރައްކާ ކުޑަކުރެވިދާނެ ކަމެއް ނުވަތަ ހުއްޓުވިދާނެ ކަމެއް މިވަގުތު ސާފެއް ނޫން،" ބިމްކޯގެ ޗީފް ސޭފްޓީ އެންޑް ސެކިއުރިޓީ އޮފިސަރު ޖޭކޮބް ލާސަން ވިދާޅުވިއެވެ. ބިމްކޯއަކީ މި ސިނާއަތަށް ސަލާމަތީ އިންޒާރުތައް ފޯރުކޮށްދޭ އިދާރާއެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ބުނި ގޮތުގައި، އީރާނުގެ ހަނގުރާމައިގެ ސަބަބުން ސަތޭކައަށްވުރެ ގިނަ ވިޔަފާރި އުޅަނދުތަކާއި 20،000 އާ ގާތްކުރާ އަދަދަކަށް ފަޅުވެރިންނަށް އެ ކަނޑުއޮޅި ހުރަސްނުކުރެވި ވަނީ ތާށިވެފައެވެ.
އެމެރިކާ އިސްވެ އޮންނަ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ބުނީ، ކަނޑުއޮޅީގެ ސަލާމަތީ ނުރައްކާ އަދިވެސް އޮތީ "ނާޒުކު" ހާލަތެއްގައި ކަމަށެވެ. އަދި އުޅަނދުފަހަރު ދަތުރުކުރުމުގައި އޮމާންގެ ކަނޑުގެ ސަރަހައްދު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
ސެންޓްކޮމް އިން އެމެރިކާގެ މި މިޝަންތަކަކީ "ދިފާއީ" މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، މި މަސައްކަތުގައި ޑިޕްލޮމެޓިކް މަސައްކަތްތަކާއި އަސްކަރީ ގުޅުންތައް އެކުލެވިގެންވާނެ ކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އީރާނުން ވަނީ އެމެރިކާގެ ނޭވީ ހޮރްމޫޒް ކަނޑުއޮޅިއަށް ނުވަނުމަށް އިންޒާރު ދީފައެވެ. އަދި ވިޔަފާރި އުޅަނދުތަކުން އެ ސަރަހައްދު ހުރަސްކުރާއިރު އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ކަންކަން ނިންމަންޖެހޭނެ ކަމަށް ބުނެ، އީރާނުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ހިމެނޭ އާ ޗާޓެއް ވެސް ވަނީ އާންމުކޮށްފައެވެ.
ޕާކިސްތާނުން ބުނި ގޮތުގައި، މިދިޔަ މަހު އެމެރިކާގެ ސިފައިން ހިފެހެއްޓި އީރާނުގެ ދިދަ ޖަހާފައިވާ "ތޫސްކާ" ކޮންޓޭނަރު ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ، މަރާމާތުތަކަށްފަހު އެ ބޯޓު އޭގެ ވެރިފަރާތާ ހަވާލުކުރާނެ ކަމަށެވެ. އަދި މިއީ އިތުބާރު އުފެއްދުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އޭޕްރިލް 13 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، ތެހެރާނުން ބޭރުކުރާ ތެލުގެ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މަސްދަރު: ރޮއިޓާސް







