ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބާއްވާ ރިސެޕްޝަނާ ދިމާކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ތައްޔާރުކުރި ލިސްޓަކަށް އެ ގައުމުގެ ފުލުހުން ބައެއް ދިވެހިންގެ ގެތަކަށް ގޮސް، ރައީސްގެ ބައްދަލުވުމަށް ނުދިއުމަށް އަންގައި ބަޔާން ނަގާފައިވާ ކަމަށް އާންމުން ބުނޭ. މިކަމަކީ ސޯސަންވިލާގެ ހިންގުމާ މެދު ހުރި ޝަކުވާތައް ރައީސާ ހަމައަށް ފޯރަފާނެތީ އެމްބަސީން ހިންގާ އަމަލެއް ކަމަށް ތުހުމަތު ކުރެވޭއިރު، ސަފީރު ވަނީ މިކަން ދޮގުކުރައްވާފައި.


ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ - ފައިލް | ސީ.އެން.އެން
ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީ ލަންކާއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، ދިވެހިންނާއި ބައްދަލުކުރާ ދުވަހު އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެ ކަމަށް ބެލެވޭ ދިވެހިން ރައީސްގެ ބައްދަލުވުމަށް ނުދިއުމަށް އަންގާ ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާގެ ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީން ފޮނުވައިގެން ބިރު ދައްކަން ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ރިސެޕްޝަނާ ދިމާކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމްބަސީން ލިސްޓެއް ތައްޔާރުކޮށް ލަންކާ ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީ މެދުވެރިކޮށް ދިވެހިން ދިރިއުޅޭ ގެތަކަށް ގޮސް ބިރުދައްކަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ލަންކާގައި ހުންނަ ދިވެހި ސަގާފީ މަރުކަޒު ނުވަތަ ސޯސަންވިލާ ހިންގުމުގައި ހުރި ބައެއް މައްސަލަތަކާއި، އެތަނުގައި ކިޔަވައިދޭ ގޮތާއި ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޝަކުވާ ކުރަމުންދާ ބެލެނިވެރިންނަށް އަމާޒުކޮށް މި ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އެގޮތުން ބައެއް ބެލެނިވެރިންގެ ނަން ލިސްޓުކޮށް، ލަންކާ ފުލުހުންނާއި ނެޝަނަލް ސެކިއުރިޓީ އިން އެ މީހުން ދިރިއުޅޭ ގެތަކަށް ފޮނުވައިގެން ބަޔާން ނަގައި، ރައީސް ބާއްވާ ބައްދަލުވުމަށް ނުދިއުމަށް އަންގާ ބަޔާނެއްގައި ސޮއިކުރުވާފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަން ލިސްޓުކޮށްފައި، އެމްބަސީން ކޮށްގެން އުޅޭކަމަށް އަޅުގަނޑު ގަބޫލުކުރެވެނީ މިކަމަކީ. އެ ބައްދަލުވުމުގައި މި ބޭފުޅުން ބޭނުމެއް ނުވޭ މި ބޭފުޅުން މިތަނުގައި ކުރާ އެއްވެސް ކަމެއް ރައީސަށް އެނގުނަ ދޭކަށެއް. އަޅުގަނޑުމެން ޤޮއްސިއްޔާ މި މީހުންނަށް ހީވާކަހަލަ އަޅުގަނޑުމެން މިއިން ވާހަކައެއް ދައްކާ ކަމެއް ކޮށްފާނެ. އެހެންވީމާ، އެ މީހުން ބޭނުމެއް ނުވޭ އަޅުގަނޑު އެތަނަށް ލަންކާގައިލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތެއް
މި ހާދިސާ ތަފްސީލުކޮށްދެމުން އެކަކު ބުނީ، ލަންކާ ފުލުހުން ބައެއް ގެތަކަށް ވަދެ މުޅި ގެ ރޭޑްކޮށް، މުދާތައް އުކާ ހަދާފައިވާ ކަމަށެވެ. އަދި ސިންގަޅަ ބަހުން ލިޔެފައިވާ ބަޔާންތަކެއްގައި ސޮއިކުރުވާފައިވާ ކަމަށާއި، އެ ބަޔާނުގައި އޮތީ ރައީސްގެ ރިސެޕްޝަނަށް ދައުވަތު ލިބިފައި އޮތް ނަމަވެސް އެތަނަށް ގޮސްގެން ނުވާނެ ކަމަށް ބުނާ ވާހަކަ ކަމަށެވެ. މިއީ އެމްބަސީން ހިންގާ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ރައީސާ ހަމައަށް ފޯރަފާނެތީ އެކަން ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި އާންމުން ތުހުމަތު ކުރެ އެވެ.
ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ކުށުގެ ރެކޯޑެއް ނެތި ދިރިއުޅެމުންދާ ދިވެހިން ބުނާ ގޮތުގައި، ދިވެހި ސަރުކާރުން އެދިގެން ލަންކާ ފުލުހުން މިފަދަ އަމަލުތަކެއް ހިންގުމަކީ ވަރަށް ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ކަމެކެވެ. މިކަމުގެ ސަބަބުން ލަންކާ ފުލުހުން ދިވެހިންނާ ދޭތެރޭ ދެކޭ ނަޒަރިއްޔާތު ބަދަލުވެ، ދިވެހިންގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި މައްސަލައިގައި ލަންކާގައި ހުންނަ ދިވެހި ސަފީރާ ސުވާލު ކުރުމުން، އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އާންމުން ބުނަނީ ސޯސަންވިލާގެ އެތެރޭގެ ހިތްހަމަނުޖެހުންތަކުގެ މައުލޫމާތު އެމްބަސީން ނޫނީ ލަންކާ ފުލުހުންނަށް ނޭނގޭނެ ކަމަށެވެ. އެހެންކަމުން މިއީ ސީދާ އެމްބަސީގެ ތެރެއިން ރޭވުންތެރިކަމާއެކު ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށް އެ ފަރާތްތަކުން ތަކުރާރުކޮށް ބުނެ އެވެ.







