ރައީސް ވިދާޅުވީ މައުލޫމާތު ސިއްރު ނުުރާނެ ކަމަށް، ތަރުޖަމާން ވިދާޅުވީ ދައުލަތެއްގެ ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށް
ސަރުކާރުގެ ހުރިހާ މައުލޫމާތެއް ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި، ދައުލަތެއް ހިންގުމުގައި ސިއްރުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި.


ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) | ސްކްރީން އިމޭޖް
މައުލޫމާތު ހާމަކުރުމާއި މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވާ ވާހަކަތަކާއި މުޅިން ތަފާތު މޭރުމަކުން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަދައްކަވައިފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސްގެ ސިޔާސަތާއި އެއްގޮތަށް އެއްވެސް ކަމެއް ނުފޮރުވާ ތަރުޖަމާން މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އުއްމީދު ކުރާ ކަަމަށް ބުނެފަ އެވެ. އެ ނޫސްވެރިޔާގެ ވާހަކަ މެދުތެރެއިން މެދުކަނޑާލެއްވުމަށް ފަހު މުންދު ވިދާޅުވީ ދައުލަތެއްގައި މައުލޫމާތު ސިއްރު ކުރަން ޖެހޭ ހާލަތު ހުންނާނެ ކަމަށާއި އެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. ހުރިހާ ކަމެއް ހާމަކުރުމަކީ ޤައުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ސިއްރުކުރަން ޖެހޭ ހާލަތު ވެސް އަންނާނެ އިނގޭތޯ. ގަބޫލުކުރައްވާ. މިއީ ދައުލަތެއް. ސީރިއަސްލީ. ދައުލަތެއްގެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރަން ވެއްޖެއްޔާ އަޅުގަނޑުމެންގެ ރާއްޖެ އަށް އަންނާނީ އެހެން ގައުމެއްގެ އިންވިޓޭޝަން. ގައުމީ ސަލާމަތް ކިޔާފަ ވެސް އޮވޭ. ކުރީބައިގަ އިންފާރު އަޅާލީ. އަންނާނެ ދައުލަތެއްވީމަ އަޅުގަނޑަށް ވެސް ޤާނޫނީ ގޮތުން ނޭރުވޭނެ މައުލޫމާތު." އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިން ދުވަސްވަރު ވިދާޅުވީ ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ. ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅޭނެ ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަން ޖެހިއްޖެ ނަމަ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ވެސް ރައީސް ވަނީ އޭރު ވިދާޅުވެފަ އެވެ.








