"އާދްމީ ހަތަމް، ކާމް ހަތަމް"
މި ސަރުކާރުގެ އެކި މަގާމުތަކުން މީހުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، މިއީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ. ވަކިން ހާއްސަކޮށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ސަރުކާރުން ބޭނުންވާ ސިޔާސީ ނަތީޖާ ނެރުމަށް މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ދަނޑިވަޅެއްގަ. ޒާހިދު ފާހަގަ ވެފައި ވަނީ އިސީ މެދުވެރިކޮށް ރައީސް މުއިއްޒު ބޭނުންފުޅުވި ހުރިހާ ކަމެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ. ނަމަވެސް އާޚިރުގަ ޒާހިދު ވެސް ވެގެން ދިޔައީ ރައީސް މުއިއްޒުގެ "ގުރުބާން ބަކައްޓަކަށް"


ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން ގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް. | ރާއްޖެއެމްވީ ގްރެފިކްސް
ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ރައްޔިތުން އެންމެ އަވަހަށް ފޫހިވި ސަރުކާރު ކަމަށް ބުނަމުންނެވެ. މިސަރުކާރު ފެށުނީއްސުރެ ފެންނަމުންދަނީ، ސަރުކާރާމެދު ރައްޔިތުންގެ އިތުބާރުގެއްލި އުއްމީދެއް ނެތްކަން ޔަގީންވުމުން ކޮންމެ ދުވަހަކު އެކި އެކި މުވައްސަސާ ތަކުގެ ވެރިން އިސްތިއުފާ ދެމުންދާ މަންޒަރެވެ. ސަރުކާރުގެ ކަންކަން ހުރި ގޮތުން، މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގަ ވެސް ދިވެހި ރައްޔިތުންނަށް އެންމެ ގިނައިން ފެންނާނީ ވުޒާރާ ތަކަށް ވެރިން އަލުން އައްޔަންކުރުމާއި އިސްތިއުފާ ބަލައިގަތުމެވެ.
ރައްޔިތުންނަށް ދޮގު ހެދުމާއި، އޮޅުވާލުމާއި، ވުޒާރާތަކުގެ ވެރިން ލައްވާ ވައްކަން ކުރުވުމާއި، ރައީސް އޮފީހުގެ ހުރުމަތް ކެޑުމުގެ ސަބަބުން ދިމާވާނެ ހުރިހާ ދުއްތުރާތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިސަރުކާރަށް ކުރިމަތިލާންޖެހޭނެ ކަމަށް ގިނަ ބަޔަކު މިިހާރު ވެސް ދަނީ ބުނަމުންނެވެ. ވެރިކަމުގެ ދައުރު ދެބައިވެފައި ވާއިރު، އެންމެ ފަރިތަކޮށް ރައީސް މުއިއްޒު ކުރައްވާ ކަމަކަށް ވެފައިވަނީ މަގާމުތަކުން މީހުން ވަކިކުރުމާ އައްޔަންކުރުމެވެ. ރައީސް މުއިއްޒު ވިދާޅުވެފަ ވަނީ މަގާމުތަކަށް ބަދަލު ގެންނަވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެއްވެސް ކަމެއް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިޔަށް ނުދާކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އޭގެ ބަދަލުގަ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ކަންކަން މުޅިންވެސް ދަނީ ހަރާބުގެ މަގުން ކަމަށް ދިވެހި ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.
ވުޒާރާތަކުންނާއި މިނިވަން މުވައްސަސާތަކުން މީހުން ވަކިކޮށް އައްޔަން ކުރަމުންދަނީ، ރައީސް މުއިއްޒު ބޭނުންފުޅުވާ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި ތުހުމަތު ކުރަމުންނެވެ. ރައީސް މުއިއްޒު އަށް އިހުލާސްތެރި ވުމަކީ ގާނުނުތަކަށް ބެލުމެއް ނެތި، ރައީސް މުއިއްޒު އަންގަވާހާ ކަމެއް ލޯމަރާލައިގެން ކުރުން ކަމުގަ، މިސަރުކާރުގެ ބައެއް މަގާމުތަކުން އިސްތިއުފާ ދެއްވި ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހުރިހާ ކަމެއް ރައީސް މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން ކުރުމުން ވެސް، މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އާޚިރުގަ ވާނީ ގުރުބާން ބަކައްޓަކަށް ކަމަށް މި ސަރުކާރުގެ ތެރެއިން ދަނީ ސާފުކޮށް ފެންނަމުންނެވެ.
ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ސަބަބަކީ ޒާހިދު އަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމަކަށް، މި ސަރުކާރުން ހަމަޖެއްސުމަށް ފަހު އެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅާ ކަމުގައިވުމެވެ. މަގާމާއި ހަވާލުވުމަށް ފަހު ޒާހިދު ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ އެންގެވުންތަކަށް އެންމެ ފުރިހަމަ އަށް އިޖާބަ ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރައީސް މުއިއްޒުގެ އެދިލެއްވުމަށް އެމަނިކުފާނާ އެކު ސިއްރު ބައްދަލުވުމެއް ބޭއްވިކަން ފަޅާއެރުމުން ވެސް އަމިއްލަ ނަފްސު ދިފާއު ކުރުމަށްވުރެ ބޮޑަށް ޒާހިދު މަސައްކަތް ކުރެއްވީ ރައީސް މުއިއްޒު ހިމާޔަތް ކުރެއްވުމަށެވެ. މި ބައްދަލުުމާ ގުޅިގެން ޒާހިދު ވިދާޅުވީ، ރައީސް މުއިއްޒު އާ ސިއްރިއްޔާތުގަ ބައްދަލު ކުރެއްވީ އެ ކޮމިޝަނުން ކުރިއަށް ގެންދަން ރާވާފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު ފެނިގެން ދިޔައީ ސަރުކާރުން ބޭނުންވާ ގޮތަށް އަވަސް އަރުވާލައިގެން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އިސީ އިން ތައްޔާރުވާން ފެށި މަންޒަރެވެ.
އިންތިހާބުގެ ހުރިހާ ކަމެއް ވެސް އިސީ އިން ކުރިޔަށް ގެންދިޔައީ ހަމަ ސީދާ ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމަށް ކަމަށް އިދިކޮޅުފާރަތްތަކުން އޭރުވެސް ތުހުމަތު ކުރި އެވެ. ވޯޓު ލުމާ ދޭތެރޭ ރައްޔިތުންނަށް އަހުލުވެރިވާން އެކަށީގެންވާ މުއްދަތެއް ދީފައި ނުވާކަމަށް ރައްޔިތުން ހަރު އަޑުން ގޮވަމުން ދިޔައެވެ. މީގެ އިތުރުން އިންތިހާބާ ގުޅޭ މައުލޫމާތު އިސީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދީފައި ވަނީ ވެސް ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ. އަދި ވޯޓު ކަރުދާހުގެ އިބާރާތްކުރުން ވެސް އޮތީ ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ކަމަށް ބުނެ އެ މައްސަލަ ވަނީ ސްޕްރީމް ކޯޓުގަ ވެސް ކުރިޔަށް ގެންގޮސްފަ އެވެ.
ރައީސް މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން ޒާހިދު ހުރިހާ ކަމެއް ކުރުމުން ވެސް، ރައްޔިތުންގެ ތެރެއިން 70 އިންސައްތަ މީހުން ވަނީ ރައީސް މުއިއްޒު އަށް ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ. ރައީސް މުއިއްޒު އަށް ޖެހުނީ، ދައުރުގެ މެދު ތެރެއިން ބޭއްވުނު އިންތިހާބަކުން ރާއްޖޭގޭ ރައީސަކު ވި އެންމެ ބޮޑު ބައްޔާ ކުރިމަތިލާށެވެ.
އެޔަށްފަހު ދެން ފެނިގެން ދިޔައީ މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި އަޅުވެތިވެފައިވާ މިންވަރު އެންމެ ފުރިހަމަ އަށް ދައްކުވައިދޭ ލާމަސީލު މިސާލެކެވެ. އެއްވެސް ސަބަބެއް ހާމަނުކޮށް އިސީ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްފަ އެވެ. އޭރު އެމްޑީޕީ އަދި ޕީއެންސީ އިން ވެސް ވަނީ އެ ޕާޓީ ތަކުން ވާދަކުރާ ކެނޑިޑޭޓުން ކަނޑައަޅާފަ އެވެ. އިސީ އިން މިގޮތަށް ނިންމިތާ އެއް ދުވަސް ފަހުން، ޕީއެންސީ ޕްރިމަރީ ކަމިޔާބު ކުރެއްވި މުހައްމަދު ސިނާން ވަނީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. އިސީ އިން މުއްދަތު އިތުރު ކުރުމާ އެކު ރައީސް މުއިއްޒު ގެ ޕީއެންސީ އަށް ވަނީ ސިނާނުގެ ބަދަލުގަ އެހެން ކެނޑިޑޭޓެއް ނެރުމުގެ ފުރުސަތު ފަހިވެފަ އެވެ.
ސިނާން ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު ގިނަ ބަޔަކާ ކުރެވުނު މަޝްވަރާގެ މަތިން، އޭނާ އަށް ވިސްނުނީ މި ގޮނޑި ޕީއެންސީ އަށް ކާމިޔާބުވާން އެންމެ ފަސޭހަ ވަނީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށެވެ. ޕީއެންސީ ގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގަ ސިނާންގެ ނަން ނަގަން އެންގެވީ ސީދާ ރައީސް މުއިއްޒު އެވެ. އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު އީސީ އިން އިތުރު ކުރީ ވެސް ސަރުކާރުގެ އެދުމުގެ މަތިންނެވެ. އަދި މިކަން ކުރުމަށް ޒާހިދުގެ "ބޮލުގަ ބަޑި ޖައްސަން ޖެހުމުން"، ޒާހިދު އަށް ރައީސް މުއިއްޒު ކުރައްވާ އިތުބާރު ގެއްލި ރައީސް މުއިއްޒު އޭނާ އަށް އިސްތުފާ ދެއްވުމަށް މަޖުބޫރު ކުރުވީ އެވެ. އިސީ ގެ ރައީސް ކަމުގަ ޒާހިދު ބަހައްޓައިގެން، ފަހު ކަމެއްގެ ގޮތުގަ މިފަދަ ބޮޑު ހަޑިއެއް ހޭވީ ހަމަ ހަގީގަތުގަ ވެސް ޒާހިދު ގެ ދުވަސް ދުއްވާލަން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރައީސް މުއިއްޒުގެ މިފަދަ އަމަލުތަކުގެ ސަބަބުން ގިނަބަޔަކު ރައީސް މުއިއްޒު ސިފަކުރަނީ، ހިންދީ ފިލްމު ތަކުގަ ފެންނަ ފަދަ ނުބައި ބައި ރޯލު ކުޅޭ ކެރެކްޓަރ އެއްގެ ގޮތުގަ އެވެ. އެފަދަ މީހުންގެ މިޒާޖަކީ ވެސް މީހުންގެ ލައްވާ ޖަރީމާ ތައް ހިންގުމަށްފަހު، މީހާގެ ދުވަސް ދުއްވާލުމެވެ. ހިންދީ ފިލްމު ތަކުގަ ބުނެ އުޅެނީ "އާދްމީ ހަތަމް، ކާމް ހަތަމް" އެވެ.





