ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
އޭޕްރީލް 4 ގައި ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން 562 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޕީއެންސީއަށް ވޯޓުން ކާމިޔާބު ކުރެވުނީ 512 ގޮނޑި. ޕީއެންސީން 581 ގޮނޑި ލިބުނު ކަމަށް ބުނަނީ އިންތިޚާބަކާ ނުލައި އެ ޕާޓީއަށް ލިބުނު 69 ގޮނޑި ހިމަނައިގެން ކަމަށްވާތީ، މިއީ ރައްޔިތުންގެ ސީދާ ވޯޓުން އެމްޑީޕީން ހޯދި ކާމިޔާބީ އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް. އެހެންކަމުން ވޯޓުން ހޮވުނު މެންބަރުންގެ އަދަދަށް ބަލާއިރު، އެމްޑީޕީން ވަނީ ޕީއެންސީއަށް ވުރެ 50 ގޮނޑި އިތުރަށް ކާމިޔާބުކޮށްފަ.


ސަރުކާރު ހިންގާ ޕީއެންސީ އިން ބޭއްވި ޖަލްސާއެއް | ޕީއެންސީ
4 އޭޕްރީލް ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޕީއެންސީ އިން ދަނީ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅުވާލުމަށްޓަކައި ބޮޑެތި ދޮގުތައް ހަދަމުންނެވެ. ޚާއްޞަކޮށް އެ އިންތިޚާބުން ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުމުން އެ ޕާޓީން ވަނީ ނަތީޖާ އޮޅޭ ގޮތަށް ގިނަ ވާހަކަތަކެއް ދައްކަން ފަށާފަ އެވެ.
އެ ޕާޓީން ބުނަމުންދަނީ އެމްޑީޕީ އަށް ވުރެ ގިނަ ގޮނޑި އެ ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، އެމްޑީޕީ އިން ވަނީ ޖުމްލަ 562 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕީ.އެން.ސީ އިން ޖުމްލަ 581 ގޮނޑި ލިބުނު ކަމަށް ބުނި ނަމަވެސް، އޭގެ އަސްލު ހަގީގަތަކީ އެއީ އިންތިޚާބުގައި ވޯޓުލައިގެން އެ ޕާޓީއަށް ލިބުނު އަދަދެއް ނޫން ކަމެވެ.
ޕީ.އެން.ސީ އަށް ލިބުނު ކަމަށް އެބުނާ 581 ގޮނޑީގެ ތެރެއިން 69 ގޮނޑިއަކީ އިންތިޚާބު ބޭއްވުމުގެ މާ ކުރިން، އެ ދާއިރާތަކަށް އެހެން އެއްވެސް ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުން ވެސް އެއްވެސް މީހަކު ކުރިމަތި ނުލުމުގެ ސަބަބުން އިންތިޚާބަކާ ނުލައި އެ ޕާޓީއަށް ލިބުނު ގޮނޑިތަކެކެވެ.
އިންތިޚާބަކާ ނުލައި 82 މީހުން ހޮވުނު އިރު އިންތިޚާބަކާ ނުލައި، ކައުންސިލަރ ކަމަށް ހޮވިފައިވަނީ 33 ފަރާތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީ އަށް ނިސްބަތްވާ 28 މީހަކާއި، އެމްޑީޕީ އަށް ނިސްބަތްވާ އެކެކެވެ. އަދާލަތު ޕާޓީން ކުރިމަތިލި ފަރާތަކާއި، އަމިއްލަ ގޮތުން ކުރިމަތިލީ ތިން ފަރާތެކެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 49 މީހަކު ވަނީ އިންތިޚާބަކާ ނުލައި ހޮވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ޕީއެންސީ އަށް ނިސްބަތްވާ 41 ފަރާތަކާއި، އެމްޑީޕީ އަށް ނިސްބަތްވާ 5 ފަރާތަކާއި، އަދާލަތު ޕާޓީ އަށް ނިސްބަތްވާ އެއް ފަރާތަކާއި އަމިއްލަ ގޮތުން ކުރިމަތިލީ 2 ފަރާތެކެވެ.
މީގެ މާނައަކީ އޭޕްރީލް 4 ވަނަ ދުވަހު ރައްޔިތުން ނިކުމެ ވޯޓުލީއިރު، ޕީއެންސީ އަށް ހަގީގަތުގައި ވޯޓުން ކާމިޔާބު ކުރެވުނީ 512 ގޮނޑި ކަމެވެ. އެހެންކަމުން، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުވި މެންބަރުންގެ އަދަދަށް ބަލާއިރު، އެމްޑީޕީ އިން ވަނީ ޕީއެންސީ އަށް ވުރެ 50 ގޮނޑި އިތުރަށް ކާމިޔާބުކޮށް، ބޮޑު ތަފާތަކުން ކުރި ހޯދާފަ އެވެ.
މި އިންތިޚާބުގައި ހަމަ އެކަނި ސިޓީތަކުގެ ނަތީޖާ އަށް ބެލި ނަމަވެސް ފެނިގެން ދަނީ ސަރުކާރު ހިންގާ ޕީއެންސީ އަށް ތާއީދު ނެތް މިންވަރެވެ. އެގޮތުން މިހާރު ސިޓީތަކުގެ މޭޔަރުކަން ކުރަމުންދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) މޭޔަރުންގެ ތަޖުރިބާ ބަލައިގަނެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ކެނޑިޑޭޓުންނަށް ސީޓީތަކުން ވަނީ އާނއެކޭ ބުނެފަ އެވެ. ސިޓީތަކުން ބޮޑު މެޖޯރިޓީ އެއް އެމްޑީޕީ އިން ހޯދާފައި މި ވަނީ ސިޓީތަކުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ކެމްޕެއިންކުރުމުގެ އިތުރުން، ވަޒީފާ އާއި އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވައިގެން ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފައި ވަނިކޮށެވެ.
މި ހަގީގަތް މިހާ ސާފުކޮށް ފެންނަން އޮތްއިރުވެސް، ޕީއެންސީ އިން ދަނީ އިންތިޚާބަކާ ނުލައި ލިބުނު ގޮނޑިތައް ވެސް އިންތިޚާބުގެ ނަތީޖާގެ ތެރެއަށް މަސްހުނިކޮށްލައިގެން، އެމްޑީޕީ ބަލިކުރި ކަމަށް ދައްކައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންނެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި އަބަދު ވެސް ދޮގު މައުލޫމާތު ފެތުރުމުގައި ޕީއެންސީ އިން ގެންގުޅޭ އާދައިގެ މަތިން ކުރަމުންދާ ކަމެކެވެ. އިންތިޚާބުގައި ރައްޔިތުން ދިން ހަގީގީ ނަތީޖާ އޮޅުވާލުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ނުކުރާކަން ހާމަވާ ކަމެކެވެ.





