ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
ކަރަންޓު ބިލުތައް ބޮޑުވުމާއި ޔުޓިލިޓީ ކުންފުނިތަކުގެ ނިޒާމީ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ފާހަގަކުރެއްވި. މަސްވެރިކަމުގެ ސިނާއަތް ހީނަރުވެ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ރައްޔިތުން ދަރަނިވެރިވަމުންދާއިރު، ރަށްރަށުގެ ސާފުތާހިރުކަން ގެއްލި ބަލިމަޑުކަން ފެތުރެމުންދާ މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ސަރުކާރުގެ ކުންފުނިތަކުން ބިލުތައް ހަދާ ގޮތް މުއައްސަސާތަކުން އެދެވޭ ގޮތެއްގައި މޮނިޓަރ ނުކުރާކަމަށް ވެސް އޭނާ ވިދާޅުވި.


މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ). | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ކަންކަމުން ރައްޔިތުންނަށް ވަނީ ގެއްލުން ކަމަށާއި، އެމަނިކުފާނަކީ "މުނާފިގު ސިފަ ހުރި ވެރިއެއް" ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ބޮންޑާ ވިދާޅުވީ ކަރަންޓު ބިލުތަކުގެ މައްސަލައިގައި ރައީސް މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު ދެއްކެވީ މުޅިން ތަފާތު ވާހަކަފުޅުތަކެއް ކަމަށާއި، ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު އަމަލުކުރައްވަނީ އެއާ ދިމާ އިދިކޮޅަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރައީސް މުއިއްޒަކީ ދެ އަނގައިން ވާހަކަދައްކަވާ، މުނާފިގުކަމުގެ ސިފަ ހުރި ވެރިއެއް ކަމަށެވެ.
ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، މޭޔަރުކަމުގައި ހުންނެވިއިރު ރައްޔިތުންނަށް ބޮޑު ބިލު ނުދެއްކޭނެ ކަމަށާއި އެ ބިލުތައް ސަރުކާރުން ދައްކަންޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުގެ އެންމެ މަތީ ވެރިޔަކަށް ހުންނަވައިގެން އެ ބިލުތައް ސަރުކާރުން ދެއްކުމުގެ ބަދަލުގައި، ރައްޔިތުންނަށް އިތުރު ދޮގުތައް ހަދަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި މިހާރު ފެންނަނީ 2028 ވަނަ އަހަރުގެ އިންތިޚާބަށް އަމާޒުކޮށްގެން އާ ދޮގުތަކެއް ހަދަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
މިހާރު ކަރަންޓް ބިލުގެ ވާހަކަ އެ ވިދާޅުވި ގޮތުން ވަންޏާ، މިހާރު ދައްކަންވީނޫންތޯ ސަރުކާރުން. އެއިރު މުއިއްޒު ބުނީ ރައްޔިތުންނަށް ދެއްކޭކަށް ނެތޭ މިހާރު ބޮޑު ބިލެއް، ސަރުކާރުން ދައްކަންޖެހޭނޭ. މިހާރު އެ ހުންނެވީ ސަރުކާރުގައި އެހެންވީމާ ސަރުކާރުން ދައްކަންވީނޫންތޯ ހުރިހާ ބިލުތަކެއް. މިއީ ހަމަ ރައްޔިތުން ކައިރީގައި އެއިރު މާލެ ސިޓީ ކައުންސިލުގައި މޭޔަރުކަން ބޭނުންވެގެން ދެއްކި ވާހަކަތައް އެއީ. މިހާރު ދެން މި އޮތީ ދެހާސް އަށާވީސް، އަނެއްކާވެސް އަނެއް ދޮގު އެ ހަދަނީ.މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އިތުބާރު ލިބެންޖެހޭނެކަން ފާހަގަކުރައްވައި އިބްރާހީމް ރަޝީދު ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުން ހިތުހުރި ގޮތަކަށް ރީޑިންގ ނަގަމުންދާ ކަމަށެވެ. ކޮވިޑް-19 ގެ ދުވަސްވަރު ވެސް އަންދާޒާ ބިލުތަކެއް ފޮނުވިކަން ރައްޔިތުން ހަނދާން ހުންނާނެ ކަމަށާއި، މިހާރު ވެސް ސްޓެލްކޯ އާއި ފެނަކައިން ބިލު ހަދަނީ ރަނގަޅަށް ކަމުގެ އެއްވެސް ކަށަވަރުކަމެއް ރައްޔިތުންނަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކަންކަން މޮނިޓަރ ކުރަން އިންސްޕެކްޓަރުން ތިބޭއިރު، ރާއްޖޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކޮންސިއުމަރ އޮމްބަޑްސްޕާސަން ފަދަ މުއައްސަސާތަކުން މިކަންކަން އެދެވޭ ގޮތެއްގައި ނުބަލާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، މަސްވެރިކަން ހީނަރުވެ ރައްޔިތުން އިންތިހާއަށް ދަރަނިވެރިވެފައިވާ ކަމަށެވެ. މަސްވެރިންނަށް މަހަށް ނުދެވޭ ގޮތަށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް މީހުން ވައްދާފައިވާތީ ދޯނިފަހަރު ފަޅުގައި އަޅާފައި އޮންނަންޖެހޭ ކަމަށާއި، މީގެ ސަބަބުން ރަށްރަށުގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވަންނަނީ މަސްވެރިކަމުން ކަމަށާއި، ކޮވިޑްގެ ތެރޭގައި ފަތުރުވެރިން ނެތްއިރު ވެސް ގައުމު ހިފެހެއްޓީ މަސްވެރިކަމުން ލިބުނު ޑޮލަރުން ކަމަށް އޭނާ ހަނދާންކޮށްދެއްވިއެވެ.
ދިރިއުޅުމުގެ ޙާލަތު އިންތިހާއަށް ދަރަނިވެރިވެއްޖެ. އެ މަސްވެރިކަން ނެތުނީމަ. މަސްވެރިކަން ކުރެވޭނެ ގޮތަށް މަހަށް ދާން ތިބި ހުރިހާ އެންމެ ތިބީ ކުންފުނިތަކަށް ލައްވާފައި. ދޯނިތައް އޮތީ ފަޅުގައި އަޅާފައި. ކަންމަތީ ފިހާރަ، ރަށުގައި ހުރި ވިޔަފާރިއެއް ނެތް. ރަށަކަށް ވިޔަފާރިއެއް ނެތީމާ މާނައަކީ ނެތޭ. ސަރުކާރަށް ޑޮލަރު މި ލިބެނީ، ޓުއަރިޒަމަކުން ނޫން ޑޮލަރު ލިބެނީ ހަމައެކަނި. އެންމެ ގިނަ ޑޮލަރު ލިބޭނީ މަސްވެރިކަމުން. ދިވެހިރާއްޖެއިން ބޭރުކުރާ ބޮޑު ކަންނެލި ދިވެހިން މި ބޭރުކުރަނީ. ދިވެހި ކުންފުނިތަކުން ބޭރުކުރަނީ. ކަޅުބިލަމަސް ބޭރުކުރަނީ. ދިވެހި ފަރުމަސް ވެސް ބޭރުކުރަނީ ދިވެހި ކުންފުނިން. އޭގެން އަންނަނީ ޑޮލަރު. ކޮވިޑުގެ ތެރޭގައި ގެސްޓުން ތިބިތޯ ރާއްޖޭގައި؟ ނުތިބޭނެ. އެކަމަކު ޑޮލަރު އޮތް ދިވެހިރާއްޖެ އިންތިހާއަށް ފްލައިޓުތަކުގެ ތިރީގެ އެލް.ޑީ.ތްރީ ކޮންޓެއިނަރ ފުރިފައި އޮންނާނެ ކަނޑުމަސް، ޕަސެންޖަރުންނަށް ވުރެ ގިނަވާނެ.މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގެ ސާފުތާހިރުކަން ގެއްލި، ބަލިމަޑުކަން ފެތުރެމުންދާ މައްސަލައިގައި ވެސް އޭނާ ސަރުކާރަށް ފާޑުވިދާޅުވި އެވެ. މި ސަރުކާރަކީ "ގޮނޑު ސަރުކާރެއް" ގެ ގޮތުގައި ސިފަކުރައްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، ފުވައްމުލަކާއި މާފުށި ފަދަ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށުގައި ވެސް ކުނި މެނޭޖު ނުކުރެވި، މެއްސާއި މަދިރި އިންތިހާއަށް ގިނަވެފައިވާ ކަމަށެވެ. މީގެ ސަބަބުން ރޯގާ ފެތުރި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ނިކަމެތިވަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.







