މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް
ރައީސް މުއިއްޒުގެ ސަރުކާރުން ރ. މަޑުއްވަރގެ ތަރައްގީއަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، އެރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އޭނާ ވިދާޅުވީ ބަނދަރު މަރާމާތުކުރުމާއި ބިން ހިއްކުން ފަދަ ރައީސްގެ ވައުދުތައް ނުފުދި، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް މިހާރު ހުއްޓިފައިވާ ކަމަށް. މީގެ އިތުރުން، ނިމިދިޔަ ސަރުކާރުގައި އެރަށަށް ތައުލީމީ އަދި ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، މި ސަރުކާރުގައި ރަށުގެ ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް ލަސްވެފައިވާކަން އޭނާ ފާހަގަކުރެއްވި.


ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރ.މަޑުއްވަރި ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް ރ. މަޑުއްވަރީ އަށް ލިބުނީ 6 ލޮރީގެ ވެލި ކަމަށް އެރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޝިހާމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރާއެކު އެރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، ހިނގަމުންދާ މަޝްރޫއުތަކުގެ ސްޕީޑް ވެސް ވަރަށް ލަސް ކަމަށެވެ.
ޝިހާމް ވިދާޅުވީ ބައު ބަނދަރު މަރާމާތު ކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ބިން ހިއްކުމާއި، ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ މަޝްރޫއުތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އައު ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް މަޑުމަޑުން ކުރިއަށްދާ ކަމަށެވެ.
އެރަށަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި ޝިހާމް ވިދާޅުވީ މިހާތަނަށް އެރަށަށް ލިބުނީ އެންމެ 6 ލޮރީ ވެލި ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަނދަރު ހަނދާ ނިންމިއިރު، ހެދިފައިވާ ފެންގަނޑަކަށް އެވެލި އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ކެންޕޭނަށް އައިސް ފުރަތަމަ ވައުދުވީ މިރަށުގެ ބައު ބަނދަރަށް އެމަނިކުފާނަށް ފޭބުނީ. އެމަނިކުފާނުގެ ޓީމުން ބައު ބަނދަރުން މަރުހަބާ ކީ. އައު ބަނދަރަށް. ފަހަރެއްގައި ވެދާނެ ކުރީ ސަރުކާރުން ފަށާފައި އޮތީމަ ނިންމާފައި އޮތީމަ އެތަން ފެނުން އެއީ އެހާ ބޮޑަށް ބޭނުންވާ ކަމެއް ނޫން ކަމަށް. ބައު ބަނދަރަށް ބާލާފައި އެންގީ ބައު ބަނދަރުގެ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ތިމަންނަމެންގެ ސަރުކާރެއްގައި ފެށިގެންދާނެ. އެހެންނަމަވެސް ދެ އަހަރާއި ބައި ވެގެންދިޔައިރުގައި ދައުލަތުގެ ދެ އަހަރުގެ ބަޖެޓު ހުސްކޮށްލިއިރުގައި މަޑުއްވަރީއަށް ހަމައެކަނި ލިބުނު އެއްޗަކީ 6 ލޮރީ ވެލި.މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް
ކުރީ ސަރުކާރުގައި އެރަށަށް ލިބުނު ތަރައްގީއަށް އިޝާރާތް ކުރައްވައި ޝިހާމް ވިދާޅުވީ ރ.އަތޮޅުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެރަށުގައި ކަމަށެވެ.
އެއީ ރާއްޖޭގެ ހުރިހާ ރަށަކަށް ބެލިއަސް މަޑުއްވަރީއަކީ މިދިޔަ ސަރުކާރުން ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ތައުލީމީ ބިނާ އަޅުގަނޑުމެން އޭރުގެ ސްކޫލުގެ ވެރިންނާއެކު އަޅުގަނޑުމެން ރައީސް އޮފީހަށް ދިޔާމަ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި އިމާރާތް އޭރުގައި ހޯލް އިމާރާތެއް އެކަނި މިތަނަށް އެކަނި އައީމަ ސްކޫލުގެ ވެރިން ބޭނުންވީ އެއްދަންފަޅިއަށް ބަދަލު ކުރެވޭނީ 4 ކްލާސްރޫމް އިތުރަށް ލިބިގެންނޭ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް މަޝްވަރާގެ ތެރެއިން ނިންމާލެވުނުއިރުގައި އަޅުގަނޑުމެންނަށް 8 ކްލާސްރޫމްއާ މަލްޓިޕަރޕަސް ހޯލެއް ލިބުނު. މިދިޔަ ސަރުކާރުގައި ހުޅުވި. އައިސްޕްލާންޓެއް ގާއިމް ކޮށްދިން. އޭޓީއެމްގެ ޚިދުމަތް. ބަނދަރުގެ ދަތިކަމަށް ހައްލެއް ލިބުނު. މަގުތައް ހެދުމަށްޓަކައި އާރްޑީސީއާއެކު ސޮއި ކުރެވިގެންދިޔަ. އެގޮތަށް ގޮސް ކައުންސިލްގެ އައު އިމާރާތެއް 3 ބުރިއަށް ފަރުވާ ކުރެވިގެން އެކަން އަޅުގަނޑުމެންގެ ކަރުދާހަށް ތިރި ކުރެވުނު. ހެލްތް ސެންޓަރުގެ އައު އިމާރާތެއް 30 އެނދުގެ ކުރެހުން ފައިނަލް ކުރެވުނު.މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް
ޝިހާމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ގިނަ ރައްޔިތުން އެދުނު ގޮތަށް ގިނަ މަޝްރޫއުތައް ނިންމި ކަމަށާއި، ކަރަންޓުގެ ކެޕޭސިޓީ ވެސް އިތުރުކޮށްދިން ކަމަށެވެ. އަދި 800 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެނެސްދިން އޭނާ ފާހަގަކުރެއްވި އެވެ.








