900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ ދަރަނީގެ ހަގީގީ މައުލޫމާތު އޮޅުވާލައި، ދަރަނި ބޮޑުވަމުންދާ މިންވަރު ސިއްރުކުރަމުންދާ ކަމަށް. ދައުލަތުގެ މާލީ ހާލަތު ބަޔާންކުރާ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުން ގަވާއިދުން އާންމުނުކުރާކަން ފާހަގަކުރައްވައި، ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. އެމްޑީޕީ ސަރުކާރުން ނެގި ލޯނުތައް ދައްކާފައިވާ ކަމަށް ބުނެ މި ސަރުކާރުން ހަދަނީ ދޮގު ކަމަށާއި، ދަރަނި އެންމެ ބާރުމިނުގައި އިތުރުވަމުންދަނީ މިހާރު ކަމަށް ވެސް މެންބަރު ޝަމްހީދު ވިދާޅުވި.


ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރާއްޖެ ބާރު ސްޕީޑްގައި ދަރުވަމުން ކަމަށާއި، 900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ ވެސް މިސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި މެންބަރު ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ މައުލޫމާތު މީގެ ކުރިން ގަވާއިދުން ލިބުނު ނަމަވެސް މިއަދު ދަރަނީގެ ހާލަތު އޮތް ހިސާބު ނޭނގޭ ކަމަށާއި، ދަރަނީގެ މައުލޫމާތު މާލިއްޔަތު ކޮމެޓީއަށް ނުލިބޭ ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކުގެ ވެބްސައިޓުން ވެސް އެ މައުލޫމާތުތައްް ގަވާއިދުން ނުލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
މިސަރުކާރުން 900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނެ، އެކަން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުންދާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ އޭގެ ތެރެއިން 650 މިލިއަން ޑޮލަރަކީ މިސަރުކާރުގެ ދަރަނި ކަމަށެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ދަރަނީގައި ހަގީގަތް އޮޅުވާލުމަށް މިސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް އެންމެ ބާރު ހަލުވި ދުވެލީގައި ދަރަނި ކުރިއަރުވަނީ މި ސަރުކާރުން ކަމަށެވެ. އެމްޑީޕީގެ ސަރުކާރު ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 122 ބިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް މިހާރު އެ ދަރަނީ 160 ބިލިއަން ރުފިޔާ އަރާފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
ޕީޖީ ލީޑަރު ވިދާޅުވި، ތިމަންމެން 900 މިލިއަން. އެމްޑީޕީގެ ސަރުކާރުން ނެގި 900 މިލިއަން ޑޮލަރުގެ ލޯނު ތިމަންނަމެން ދައްކާފީމޭ. މިއީ ރައްޔިތުންނަށް. މިރޭ ޓީވީގެ ދައްކާނެ އެތަންކޮޅު. ތަކުރާރުކޮށް ދައްކާނެ. އެކަމަކު ހަގީގަތަކީ ކޮބައިތޯއޭ. ހަގީގަތަކީ އެ ދެއްކި 900 މިލިއަން ޑޮލަރުގެ ތެރެއިން 650 މިލިއަން ޑޮލަރަކީ މި ބޭފުޅުން ނެގި ދަރަނި. އެމްޑީޕީގެ ދަރަންޏެއް ނޫން އެއީކީއެއް. ތަފްސީލު ކިޔައިދޭންވީތޯ؟ 500 މިލިއަން ޑޮލަރުގެ 250 އަކީ މި ބޭފުޅުން ބަހުން ނަމަވެސް މި ބޭފުޅުންގެ ސަނީ ސޭޓް ބޮންޑު. ދެން އަނެއް 400 މިލިއަން ޑޮލަރަކީ، އަނެއް 400 މިލިއަން ޑޮލަރަކީ މި ސަރުކާރުންނަކީ ކަރަންސީ ސުވަޕް. އެހެންވީމާ، މިއަދު ދައުލަތުގެ ދަރަންޏަކީ ކޮންމެ ކުއާޓާއެއްގައި ހާމަކުރަމުންދާ މައުލޫމާތެއް.ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ، ގައުމުގެ ހާލަތު އޮތް ގޮތުން ޕަބްލިކް ސަރވިސް މީޑިއާ މުހިންމު ކަމަށާއި، އެ މީޑިއާއިން ރައްޔިތުންނަށް ހަގީގަތް ނޯޅޭ ގޮތަށް ތެދު މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް 140ން 200 މިލިއަން އަހަރެއްގެ ތެރޭގައި ހޭދަ ކުރަނީ ރައްޔިތުން ބޭނުންވާ ތެދުދޮގު ހާމަވާ ގޮތަށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭން ކަމަށެވެ.
މި މަޖިލީހުގައި އަޅުގަނޑު ބަލައިލިއިރު އަޅުގަނޑު ކުރީ ދުވަހު ވެސް ހާމަކޮށްލިހެން، ސުޖާ ދައްކާ ދޮގު ވާހަކަ އެކަނި މި އޮންނަނީ ކްލިޕެއް ކަނޑާފަ. އެ ބޭފުޅުން ޓިކްޓޯކޭ އެކައުންޓަށް ލާފަ. އަޅުގަނޑު ކަރެކްޓުކޮށްލާފައި މި ދައްކާ ވާހަކައެއް ނޯންނާނެ. އެ ބޭފުޅުން ނުހެދޭ އެއްވެސް ދުވަހާއެއްގައި ޓިކްޓޮކުގައި. ހަމަ ސުޖާ މިދައްކާ ފެކްޓް. ހަމަ އޭގެ ލާމަސީލް ނަމޫނާއެއް މިއަދު ފަލާހު ވިދާޅުވި. އެމް.ޑީ.ޕީގެ ސަރުކާރުން 900 މިލިއަން ޑޮލަރޭ. އެކަމަކު މި 400 މިލިއަން ޑޮލަރު ކަރަންސީ ސުވަޕް އިހަށްދުވަހު އެއީ މިތާނގައި ދުވަސްކޮޅަކަށް ބެހެއްޓި، ހަމަ ބެހެއްޓި ލާރިއެއް އިންޑިއާ ސަރުކާރުން މި ބޭފުޅުން އަމިއްލަ ރިކުއެސްޓް ކޮށްގެން ގެނެސްގެން. އެ 400 މިލިއަން ޑޮލަރަށް އަނބުރާ އެކޮޅަށް ފޮނުވައިލީމާ އެއީ އެމް.ޑީ.ޕީގެ ސަރުކާރު އެއްޗެކޭ. މިއީ މީގެ ދެތިން މިނެޓު ކުރިން ފަލާހު ވިދާޅުވި. ދެން ހަމަ މި ރޭ ޓީވީގެ ވާހަކަ ދައްކަންވީ. ހަމަ ޓީވީން ހަމަ އެއްވެސް ގޮތަށް ބެލުމެއް ނެތި ހަމަ އެ ކްލިޕް ދައްކަންވީތޯއޭ؟ އެއީ ޕަބްލިކް ސަރވިސް މީޑިއާގެ ޒިންމާތޯއޭ އަދާކުރެވުނީ؟ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ ގައުމު ދަރަނިވެރި ކުރީ އެމްޑީޕީ ސަރުކާރުން ނޫން ކަމަށާއި، އެކަން އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި މިއަދު ހަގީގަތް ރައްޔިތުންނަށް އެނގޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.







