މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު
ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތީ ގައުމުގެ އިގްތިސާދީ ހާލަތު އޮތްގޮތް މަޖިލީހަށް ނޭނގޭ ކަމަށް ވިދާޅުވެ، މެންބަރު ޝަމްހީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. ސަރުކާރުގެ އިތުރުން ކުންފުނިތަކުގެ ދަރަނި ބޮޑުވަމުންދާއިރު، ލިބޭ އާމްދަނީން ދަރަނި މެނޭޖްކުރުމުގެ ބަދަލުގައި އިސްރާފު ބޮޑު ކަންކަމަށް ހަރަދުކުރަމުންދާކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ގައުމުގެ ހަގީގީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދީ، މާލީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި.


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް ރައްޔިތުންގެ މަޖިލިސް އޮތީ ވާނުވާގައި ބާއްވާފައި ކަމަށާއި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނުވަތަ ނެތްކަން ވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރު ހިންގާ ގޮތުން ގައުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށާއި، ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހާ ހިއްސާ ނުކުރާ ކަމަށާއި، މިއަދު މަޖިލިސް ވެސް އޮތީ ވާނުވާ ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އާއްމު އުސޫލުން ހާމަކުރަންޖެހޭ ބައެއް މާލީ ހިސާބުކިތާބުތައް ހާމަނުކުރާތާ ގާތްގަނޑަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ މާދަމާ ވެސް ރައްޔިތުންނަށް ބޭނުންވާ ކާޑު ގަންނާނެ ފައިސާ ދައުލަތުގައި ހުރިކަން ނުވަތަ ނެތްކަން މަޖިލީހަށް ނޭނގޭ ކަމަށެވެ.
ނަމަވެސް މިފަދަ މުހިންމު މައުލޫމާތުތައް އެނގެން ޖެހޭ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
މިީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ މިދިޔަ ދެއަހަރު ދުވަސް ތެރޭގައި އިތުރުވެގެން ދިޔައީ ހަމައެކަނި ސަރުކާރުގެ ދަރަންޏެއް ނޫން ކަމަށާއި، ދައުލަތުގެ އެންމެ ބޮޑެތި ކުންފުނިތަކުން ވެސް ދަރަނިތައް ނަގާފައިވާ ކަމަށެވެ.
ދައުލަތުގެ އެންމެ ބޮޑު ކުންފުނި، ހަގީގަތުގައި އެމްއޭސީއެލްގެ އެންމެ ފަހުގައި އޮޑިޓް ރިޕޯޓް ވެސް ބަލައިލީމަ އެނގޭނެ. އެ ކުންފުނި އެކަނި ވެސް އެބައޮތް 1.5 ބިލިއަން ރުފިޔާ ދަރަނި އެއް އަހަރުނަގާފަ. މި ތަނުން 860 މިލިއަނަކީ ޝޯޓް ޓާމްގަައި. އެހެންވީމާ، ހަމައެކަނި ދައުލަތުން އަދި ދައްކަން ކުރި ހުރި ލޯނުތަކެއް އެކަންޏެއް ނޫން. ކުންފުނިތައް ވެސް ހުރީ މިހާލުގައި ޖައްސާފައި. މި ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ހަގީގަތަކީ، މި ސަރުކާރު އައި ފަހުން ޓެކްސްގެ ނިޒާމަށް މި ގެނެވުނު ބަދަލާ އެއްކޮށް، އަދި ޑޮލަރު މާރުކުރުމަށް ގެނައި ގާނޫނާ އެއްކޮށް، ދިވެހި ދައުލަތުން މި ޑެޓް އޮބްލިގޭޝަން؛ މި އަހަރު ދައްކަންޖެހޭ ލޯނު ދައްކާނެ ލާރި، ފައިސާ ޑޮލަރުން ލިބުން. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވެސް އެންމެ ފަހުން އިންނާނެ. އަމިއްލަ އިތުރަށް 900 މިލިއަނެއްހާ ޑޮލަރު. މިދިޔަ އަހަރު އިތުރަށް ލިބުނޭ. އެހެންވީމާ، އިތުރަށް ލިބުނު އެއްޗެއް ވެއްޖެއްޔާ އެ 900 މިލިއަން ޑޮލަރު ތެރެއިން ބައިކުޅަބައި އަޅުގަނޑުމެން އެކަމަށް ބެހެއްޓި ނަމަވެސް، މި ލޯނު ދެއްކުނީސް.ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މިސަރުކާރުން ދައުލަތުގެ ފައިސާ ހަރަދު ކުރަމުންދަނީ އެއްވެސް ކަހަލަ އުސޫލެއް ހަމައެއްލަމައެއް ނެތިކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ހަރަދުތައް ކުރަމުން ދަނީ މިއިން ޒަމާނެއްގައި ދިވެހީން ރައްޔިތުންނާ ގައުމަށް ފައިދާ ނުވަތަ މަންފާވާނެ ގޮތަކަށް ނޫން ކަމަށެވެ.
މި ގިނަ ޚަރަދުތައް މި ކުރީ އެ ބުނާ ފުށި ދިއްގަރެއް ހިއްކަން. 4 ޑްރެޖަރު، ދުނިޔޭގައި އޮތް އެންމެ ބޮޑު ހަތަރު ޑްރެޖަރު ގެނެސްގެން މި އެއްޗެހި މި ހުރިހާ ޑޮލަރަށް ދެން ހަމަ ގަބޫލުކުރިޔަސް، ނުކުރިޔަސް ޑްރޯނު ގަންނާށާ، މޯލްޑިވްސް 2.0 ސޮފްޓްވެއަރ ގަންނާށާ. މިއީ ދިވެހި ރައްޔިތުންނަށް މިއަދު އޮތް ކްރައިސިސްއެއް ނޫނޭ މި ހައްލުކުރަން މި އުޅެނީ. ޑްރޯނަކުން މިއަދު އޮތް ޙައްލެއް ނުކުރާނެ ކަމެއް ނެތޭ މި ގައުމުގައި. މި ގައުމުގައި އޮތީ ދަރަނީގެ މައްސަލައެއް. މި ސަރުކާރު ހަވާލުވިއިރު މި ގައުމުގައި އޮތީ އެންމެ ބޮޑު މައްސަލައަކީ ދަރަނީގެ މައްސަލައެއް. އެ ދަރަނި ހައްލުކުރަން ރައްޔިތުންނަށް މިނިސްޓްރީ އޮފް ފިނޭންސަށް ޑޮލަރު ދިނެއޭ. މި ޑޮލަރު ނެތިގެން ނޫނޭ މިކަމުގެ ކުރީކީ. އެހެންވީމާ، ދިވެހި ރައްޔިތުން ހައްގުގައި ޓެކްސް ޕޭޔަރުން ފައިސާ ދިން. އެކަމަކު އެ ފައިސާ ވީ ގޮތަށް އެނގޭނެ އެއްވެސް މީހަކު މިއަދާ ހަމައަށް ޔަގީނުންވެސް އެ ފައިސާގެ ތެރެއިން މަދު އެތިކޮޅެއް މި ލޯނު ދައްކަން ހޭދަކުރީ.ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ މިގައުމުގައި ދަރަންޏާއި ހަރަދު މެނޭޖްކުރުމުގައި މައްސަލަތައް ކުރި ކަމަށް ސަރުކާރުން ގަބޫލު ކުރަން ޖެހޭ ކަމަށާއި، ރައްޔިތުންނާ ގައުމުގެ މަސްލަހަތު އިސްކޮށް ހަގީގީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްގެން ނޫނީ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ސާފުކޮށް މިގައުމުގެ ހާލަތު ސަރުކާރުން ބުނެދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.








