އިސްރާފު މަޝްރޫއުތަކާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ، މިއީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން: މެންބަރު ޝަމްހީދު
ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި އިސްރާފު މަޝްރޫއުތައް ހުއްޓާލައި، މުއައްސަސާތަކުގެ ޕްރޮކިއުމަންޓް ނިޒާމު އިސްލާހުކުރަން ޖެހޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި. ދެއްކުންތެރިކަމަށްޓަކައި ކުރާ ބޭކާރު ހޭދަތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަކުރައްވައި، މިފަދަ ކަންކަން ހުއްޓާލުމުން ރައްޔިތުން އެދޭފަދަ ހަގީގީ ތަރައްގީ ގައުމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން، މަސައްކަތެއް ނެތް ވަޒީފާތަކަށް މީހުން އައްޔަންކުރުމުގެ ބަދަލުގައި، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިޚްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް މެންބަރު ޝަމްހީދު ވިދާޅުވި.


އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ
އިސްރާފު މަޝްރޫއުތަކާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ ކަމަށާއި، އެކަންކަން ރައްޔިތުން ބަލައި ނުގަންނަކަން މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ ގައުމުގައި ކަންތައްތަކެއް ގޯސްކޮށް ކުރެވިފައިވާކަން ސަރުކާރުން ގަބޫލުކޮށް، އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ކޮންމެ ދުވަހަކު މި ސަރުކާރުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަން ހިންގާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބަށްފަހު މީހުން ވަޒީފާއިން ވަކި ކުރުމުގެ ކުރީން މުއައްސަސާތަކާއި، މިނިސްޓްރީތަކުގެ ޕްރޮކިއުމަންޓްގެ ބައި އިސްލާހު ކުރަން ޖެހޭ ކަަމަށާއި، ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަކަށް އިންތިޒާމްތައް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އިސްރާފު މަޝްރޫއު ހިންގުމާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މަސައްކަތެއް ނެތި ގޭގައި ތިބެގެން ވަރަށް ގިނަ މީހުން އެބަތިބި ކަމަށެވެ.
އިސްރާފު ޕްރޮޖެކްޓެއްގެ ހަމައެކަނި އެބަ ރަސްމާލޭ އެކަންޏެއް ވެސް ނޫން. އިސްރާފު ޕްރޮޖެކްޓަށް އަޅުގަނޑު ދެކުނިން ނޫނު އަތޮޅުގައި ވިހަފަރު އެއަރޕޯޓު ކަންނޭނގެ އަޅަންވެގެން އަޅުގަނޑުމެން ވެލިދޫއަށް ދިޔައިރު، އެ ބުނާހާ ވެލިދޫ ބަނދަރު މަތީ ތިބޭއިރު އަޅުގަނޑުމެންނަށް ފެނޭ ދެ އެކްސްކަވޭޓަރު. އެ ދެ އެސްކޭވޭޓަރު މިއިންނަނީ ކުޑަ ފަސްކޮޅެއް އަޅައިލާފަ. ގައިމުވެސް އެ ދެ އެސްކޭވޭޓަރު މާލެއިން ފުރައިގެން އެތަނަށް ގެންދަން. ދާނެތާ ދެ ލައްކައެއްހާ ރުފިޔާ. ދެން އެތާނގައި މި އޮންނަނީ ބާއްވާފަ. ކުޑަ ފަސްކޮޅެއް އަޅައިލާފަ. ދެން އެ ރަށުގައި އެބަ ތިބޭ އެމް.ޓީ.ސީ.ސީގެ ދެތިން މީހުން. ކުއްޔަށް ކަންނޭނގެ އެ އެސްކޭވޭޓަރު ނަގާފައި ވެސް ހުރީ. ދެން މި ތިބެނީ. އެ ފަޅުގައި މި އޮންނަނީ ކުޑަ ތަންކޮޅެއް ހިއްކާފައި އެ ދެ އެސްކޭވޭޓަރު ބާއްވާފަ. ދެން އެމް.ޓީ.ސީސީގެ ދެ މުވައްޒަފަކު ތިބޭ ވެލިދޫގައި. ދެން ކޮންމެ ދުވަހު އެ ގިރާލީމަ، ޑިންގީގައި ގޮސް ބަލައިލާފައި ކުޑަކޮށް ގިރާލީމަ އަނެއްކާވެސް ފަސްކޮޅެއް އަޅާލާފައި އެކްސްކަވޭޓަރު ބާއްވަނީ. އިހަށްދުވަހު އަޅުގަނޑު ޓުވިޓާއިން ދެކުނިން، މިހާރު އެ ދެ އެކްސްކަވޭޓަރު އަނބުރާ މާލެ ގެނެސްފިއޭ.
މެންބަރު ޝަމްހީދު ވިދާޅުވީ، މިސަރުކާރުން ދެއްކުންތެރިކަމަށްޓަކައި ކުރި ހޭދަތައް އެކަނިވެސް ބިލިއަނަށް އަރާނެ ކަމަށާއި، މިފަދަ އިސްރާފުތައް ހުއްޓާލުމުން ރައްޔިތުން ބޭނުންވާ އެތައް ކަމެއް މިގައުމުގައި ހިނގާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ތަރައްގީ އައުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.








