ރައީސް މުއިއްޒަށް ތައުރީފް ކޮށްލީމާ ޖަވާބު ދެވުނީ އެވެ. ސުވާލާ ގުޅުމެއް ނެތަސް އޯކޭ އެވެ.
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދަށް އަމާޒުވާ މުހިއްމު ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވާއިރު މުޅިން ވެސް ދައްކަވަނީ މައުޟޫއާ ނުގުޅޭ ވާހަކަ. ވަކިން ހާއްސަކޮށް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމާއި، ބަންކަރިންގެ ހިދުމަތުން ލިބޭ އާމްދަނީ އަދި ޓެކްސީ މީޓަރުގެ މައްސަލައިގައި ކުރާ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި، މިނިސްޓަރު ކުރައްވާ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ސަނާކިޔުއްވުން. ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މި ދިޔަ އަހަރު ސަރުކާރުން ބުނި ނަމަވެސް، އެ މަސައްކަތް ނުފެށި ލަސްވާތީ ކުރި ސުވާލަކަށް ވެސް ޖަވާބެއް ނުދެވުނު.


އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު | ރާއްޖެއެމްވީ
އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ޑިފެންސްގެ އެންމެ މުހިއްމު އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަވާ ސައީދަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި ރައީސް މުއިއްޒަށް ތައުރީފު ކުރުމާއި އެމަނިކުފާނަށް ސަނާ ކިޔުމާއި ސަޅި ބައިސާ ކެނޑުމަށް އާދަޔާ ޚިލާފަށް މޮޅު ބޭފުޅެއްގެ ގޮތުގައެވެ. މޮޅު އިކޮނޮމިސްޓް ސައީދުގެ އެންމެ ޚާއްސަ އެއް ސިފަޔަކީ އެމަނިކުފާނަށް އަމާޒުކުރާ ސުވާލަށް ޖަވާބު ނުދެއްވާ، ދެއުޅިއެއްނުވާ ވާހަކަތަކެއް ދައްކަވައިގެން މޮޅެތި ޖަވާބު ދެއްވުމެވެ.
މިނިސްޓަރު ސައީދާ އެންމެ ގިނައިން މިހާރު ރައްޔިތުން ކުރަމުންދާ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮންނަ ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނެ ދެއްވާފައިވާތީ ރައްޔިތުން ކުރަމުންދާ ސުވާލެވެ. ޕީއެންސީ އަށް މުޅި މަޖިލީސް އެކީހެން ރައްޔިތުން އެވަނީ ދީފަ އެވެ. ނަމަވެސް އަދިވެސް ޑޮލަރުގެ އަގު އެ ދަނީ ހުއްޓުމެއްނެތި މައްޗަށް ދަމުންނެވެ. މި ސުވާލު އެކި ގޮތަށް، އެކި ފަހަރު މަތިން މިނިސްޓަރާ ސުވާލު ކޮށްފި އެވެ. ރައްޔިތުންނެވެ. ނޫސްވެރިންނެވެ. ރައްޔިތުންގެ މަޖިލީހުންނެވެ.
ނަމަވެސް މިއިން އެއް ފަހަރު ވެސް މިނިސްޓަރަށް މި ސުވާލުގެ ޖަވާބު ދެއްވިފައެއް ނުވެ އެވެ. މަޖިލީހުގައި އެ ސުވާލު ކުރުމުން މިނިސްޓަރު ދެއްކެވީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންދިއުމަކީ ދިވެހިރާއްޖަށް ފަހުން ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. ދެން ދެއްކެވީ ފޮރިން އެކްސްޗޭންޖް ސިޔާސަތަށް މީގެ ކުރިން އެއްވެސް ވެރިޔަކަށް ގެންނަވަން ކެރިވަޑައިނުގެންނެވި ފަދަ ބަދަލުތަކެއް މި ސަރުކާރުން ގެނަސްފައިވާ ކަމަށް ވިދާޅުވެ މި ސަރުކާރުގެ މޮޅު ކަމުގެ ވާހަކަ އެވެ. ރައީސް މުއިއްޒުގެ މޮޅު ކަމުގެ ވާހަކަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމަ އެ ސުވާލު ކުރުމުން މުޅިން ވެސް ދެއްކެވީ މި ސަރުކާރަށް އޭރުވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންވީ ކީއްވެގެން ކަމުގެ ވާހަކަ އެވެ. ދެން މިނިސްޓަރު ދެއްކެވީ މި ފަހުން ނެގުނު ދެ އިންތިޚާބު އެއްކޮށްލުމުގެ ވޯޓުގެ ވާހަކަ އެވެ. މިނިސްޓަރު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުމަކީ މުހިއްމު ކަމެއް ކަމަށާ ކައުންސިލް އިންތިޚާބުގައި ވެސް ސަރުކާރު ހިންގާ ޕީއެންސީ ގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ވާހަކަ އެވެ. ކުރި ސުވާލަށް އެއްވެސް ވަރަކަށް ޖަވާބެއް ނުދެއްވަ އެވެ.
ޔަގީންވާ އެއްކަމަކީ ނުގުޅޭ ޖަވާބު ދިނުމުގެ މުބާރާތެއް ބާއްވައިފިނަމަ އެއް ވަނަ ކަށަވަރު ކުރައްވާނެ މިނިސްޓަރަކީ މިނިސްޓަރު ސައީދަށް ވުމެެވެ. މުޅިންވެސް ނުގުޅޭ ޖަވާބެވެ. ކޮންމެ ޖަވާބެއް ވެސް ދަންމާލައްވަމުން ގޮސް ސުވާލު ކުރި މީހާ އަށް ސުވާލު އޮޅޭ ވަރަށް ސައީދު ގެ ޖަވާބު ދަންމަވާލައްވާނެ އެވެ. ދެރައީ ޕްރޮގްރާމް ކޮށްފައި ހުންނަ ޖަވާބުތައް ސުވާލާ ގުޅުމެއް ނެތްތާ، ހަމަވެސްނުޖެހޭތީ އެވެ.
މިއީ ހަމައެކަނި ޑޮލަރު ރޭޓާ ގުޅޭ ސުވާލެއް ކުރުމުން މިނިސްޓަރު ޖަވާބުދެއްވާ ގޮތެއް ނޫނެވެ. އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކުރިން އުންމީދު ދެއްވި ނަމަވެސް، މިހާތަނަށް ލިބުނު ސާފު އާމްދަނީއާއި އުފެދުނު ވަޒީފާތަކުގެ ތަފްސީލު ހޯދުމަށް ކުރާ ސުވާލުތަކުގެ ޖަވާބުވެސް ސައީދަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވި އެވެ. އެކަހަލަ ސުވާލެއް ކޮށްލީމާ އެންމެ މޮޅަށް ކުރައްވާ ކަމަކީ ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތަށް ތައުރީފްކުރެއްވުމެވެ. ކުރާ ސުވާލާ ޖަވާބު ދިމާވާ ފަހަރެއް އަދި ނާދެ އެވެ.
ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މި ދިޔަ އަހަރު ސަރުކާރުން ބުނި ނަމަވެސް، އެ މަސައްކަތް ނުފެށި ލަސްވާތީ ކުރި ސުވާލަކަށް ވެސް ޖަވާބެއް ނުދެވުނެވެ. އޭގެ ބަދަލުގައި ދެއްކެވީ ޓެކްސީ މީޓަރަކީ ހުންނަންޖެހޭ އެއްޗެއްކަމަށް ގަވާއިދުގައި އޮތްނަމަ އެ ހަރުކުރަން ޖެހޭނެ ކަމަށާއި، ހުންނަން ނުޖެހޭކަމަށް ކަނޑައަޅައިފިނަމަ ހަރުކުރާކަށް ނުޖެހޭނެކަމަށެވެ.
ކިތައްމެ ވަރަކަށް ވެސް ސުވާލު ކުރެވިދާނެ އެވެ. ނަމަވެސް ސައީދު ޖަވާބު ދެއްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނޫނެވެ. އެނގިވަޑައިގަންނަވާ އެއްޗެއް ނުވަތަ، އެނގިވަޑައިނުގަންނަވާ އެއްޗެއް ޚުދު ސައީދަށް ވެސް ނޭނގެނީ ކަންނޭނގެ އެވެ. ކެސެޓް ޕްލޭޔަރަކަށް ޖަވާބުތަކެއް ރިކޯޑު ކޮށްލާފައި އަޅުވާލެވިދާނެ އެވެ. ސުވާލާ ގުޅުމެއް ނެތަސް ޖަވާބެއް އަޑު އިވޭނެތާ އެވެ. މިނިސްޓަރު ސައީދާ ސުވާލެއް ކުރެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މިހެންނެވެ.





