މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ
މަޖިލީހުގެ ޕީއެންސީ މެންބަރުންނަކީ އަމިއްލަ އިސްނެގުމެއް ނެތް، ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް މަސައްކަތްކުރާ "ރޮބަޓްތަކެއް" ކަމަށް ވިދާޅުވެ މެންބަރު ކުޑޫ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އިދިކޮޅުން ހުށަހަޅާ ކަންކަމަށް ހުރަސްއަޅައި، ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބާރުތައް ކޮންޓްރޯލް ކުރަން ކަމަށް އޭނާ ތުހުމަތު ކުރެއްވި. އަދި އެމްޑީޕީގެ މެންބަރުންގެ މަސައްކަތް ނެތް ނަމަ މަޖިލިސް އޮންނާނީ އަބަދުވެސް ޗުއްޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި.


ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރައްޔިތުން މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައޮ މެންބަރު ކުޑޫ ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ވަރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިހާރު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދަނީ އެމްޑީޕީގެ މެންބަރުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށާއި، އެހެން ނޫން ނަމަ މަޖިލިސް އަބަދުވެސް އޮންނާނީ ޗުއްޓީގައި ކަމަށެވެ.
މެންބަރު ކުޑޫ ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރު މަސައްކަތް ކުރައްވަނީ ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށާއި، އެމަނިކުފާނު މަސައްކަތެއް ހަވާލު ނުކުރައްވާނަމަ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ރިމޯޓަކުން ކޮންޓްރޯލް ކުރާ ރޮބަޓްތަކެއް ކަމަށެވެ.
މީގެ އިތުރުން މެންބަރު ކުޑޫ ވިދާޅުވީ، އެމްޑީޕީ މެންބަރުން ހުށަހަޅާ ބިލު ވެސް މިބޭފުޅުން ނުބަލާނެ ކަމަށާއި، އަބަދުވެސް ގޮވަމުންދާނީ ''ނޯނޯ'' ނުވަތަ ''ތިއެއް ނޫން'' ކަމަށެވެ. އަދި އެއީ އެބޭފުޅުންގެ ހާލަތު ކަމަށާއި، އަބަދުވެސް ބިލުގައި އޮންނަ އެއްޗެއް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
މިއީ ހަމަ ރޮބެޓުތަކެއް މި ރިމޯޓަކުން ޖޮއިޝްސްޓިކަކުން އޮޕަރޭޓްކުރާ އެއްޗެއް. އެހެން ތިއްބާ އަންނާނީ މެސެޖެއް. ވާހަކަ ދައްކަކާ ތިބި އެންމެން ގެއްލިދާނެ. އެންމެން ނުކުމެދާނެ. ވޯޓުލާން އޮތް އެއްޗެއް އަނެއް އަތަށް ވޯޓުލާފާނެ. މިކަހަލަ ކިތަންމެ ގޮތެއްވެފައި އެބަހުއްޓޭ. ބައްލަވާ އެއްޗަކަށް ނޫނެކޭ ޖަހަން ވެސް ހަމަ ގޮވާލާނެ. މިއީ ކުޑަކުދިންތަކެއް ނޫނެއްނުންތޯ. ނޯނޯނޯ ގޮވާނެ އެންމެ ތިބެގެން. އެހެން މީހަކު އޮޅިގެން ވެސް ލާފާނެތީވެ. ހަމަ ގޮވާނެ ނޯނޯ. ނޯނޯނޯނޯނޯ ގޮވަން ފަށާނެ ވޯޓަކަށް ނުލާ ކަމަށް ވަންޏާ. އެ އިންޝުއަރކުރަން ވެގެން އެންމެން އެއަށް ލާތޯ؟ މިހެން އުޅޭ ބައެއް. ލަގަނެއް އިނީކީ ނޫން. ދާނެ އަމާޒެއް އިނީކީ ނޫން. ހަދަން އުޅޭ ގޮތެއް އެނގެނީކީ ނޫން. އިރުއެރީއްސުރެ މި އުންމީދުކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މެސެޖަކަށް. ދެން ކޮންކަމެއް ތޯ ކުރަންވީ. ދެން އެ ދުވަހު ދެން އެކަމަކާ އުޅެންވީ އިރުއޮއްސެން ދެން. އަނެއްކާ ވެސް އެ މެސެޖް އަންނާނެ އެގޮތަށް.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
މެންބަރު ކުޑޫ ވިދާޅުވީ ޕީއެންސީގެ މަޖިލީސް މެންބަރުން ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދިވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ބާރުތައް ނަންގަވައިގެން ވަކި ކަންތައްތަކެއް ހާސިލް ކުރެއްވުމަށް ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.







