ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ
ޓްރަމްޕް ވިދާޅުވީ އީރާންއާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް އިން ކުރަމުންދާ ހަނގުރާމައިގައި ނޭޓޯގެ ޤައުމު ތަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ އެކަމާ މާޔޫސްވެ ވަޑައިގަންނަވާ ކަމަށް. އެމެރިކާ އަށް އެހީތެރިކަން ބޭނުންވި ވަގުތު، އެ ޤައުމުތައް ފެންނަން ނެތް ކަމަށާއި، ނަމަވެސް މިހާރު އެ ޤައުމު ތަކުން އެމެރިކާއާ ގުޅެން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް
ނޭޓޯގެ މެމްބަރު ޤައުމު ތަކުގެ ދިފާއުގައި އެމެރިކާ އިން ކުރާ ހޭދަތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރައްވައި، އެ ހޭދަތައް ވަރަށް ސީރިއަސްކޮށް މުރާޖައާ ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޖޮއިންޓް އެއާ ވޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ނޭޓޯ އަކީ އެމެރިކާ އަށް އެހީތެރިކަން ބޭނުންވާ ދަނޑިވަޅު ތަކުގައި އެއްބާރުލުން ނުދޭ އިއްތިހާދެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ އީރާންއާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް އިން ކުރަމުންދާ ހަނގުރާމައިގައި ނޭޓޯގެ ޤައުމު ތަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ އެކަމާ މާޔޫސްވެ ވަޑައިގަންނަވާ ކަމަށެވެ. އެމެރިކާ އަށް އެހީތެރިކަން ބޭނުންވި ވަގުތު، އެ ޤައުމުތައް ފެންނަން ނެތް ކަމަށާއި، ނަމަވެސް މިހާރު އެ ޤައުމު ތަކުން އެމެރިކާއާ ގުޅެން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، މިހާރު ހަގީގީ އެއްވެސް ނުރައްކަލެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ނޭޓޯގެ މެމްބަރު ކަމުގައި އެމެރިކާ ދެމި އޮތުމުގެ މުހިންމުކަމާ މެދު ސުވާލު އުފައްދަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާގެ ނުރައްކަލުން ޔޫރަޕުގެ ޤައުމުތައް ސަލާމަތް ކުރުމަށްޓަކައި އެމެރިކާ އިން އެތައް ޓްރިލިއަން ޑޮލަރެއް ހޭދަ ކޮށްފައިވާ ކަމަށެވެ. އަދި މިހާ ބޮޑު ހޭދައެއް އެމެރިކާ އިން ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަަމަށް ދެކެވަޑައިގަންނަވާތާ ގިނަ ދުވަސް ތަކެއް ވެފައިވާ ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ނޭޓޯގެ ދިފާާއީ ކަންކަމަށް އެމެރިކާ އިން ކުރަމުންދާ ބިޔަ ހޭދަތައް ކުރިއަށް އޮތް ތަނުގައި ވަރަށް ފުންކޮށް ދިރާސާކޮށް، އެކަންކަމަށް ބަދަލު ތަކެއް ގެންނަވާނެ ކަމަށެވެ. މިއީ އެމެރިކާގެ އިޤްތިޞާދަށާއި، މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތްތޯ ބައްލަވާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ބައިނަލްއަޤުވާމީ މަސްރަހުގައި ނޭޓޯގެ މުސްތަޤުބަލާ މެދު ވަނީ ބޮޑެތި ބަހުސް ތަކެއް އުފެދިފަ އެވެ. ޚާއްސަކޮށް ޔޫރަޕުގެ ޤައުމު ތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަތުވެދާނެ ބޮޑު ބަދަލެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
މަސްދަރު: އަލް ޖަޒީރާ






