ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން
ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮނޑި ގެއްލުނު މައްސަލައަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ކުރީގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ. ރައްޔިތުންގެ ނުރުހުން އަމާޒުވާ ގޮތަށް ސަރުކާރުން ކަންކަން ނިންމުމުގެ ނަތީޖާ އިންތިޚާބުތަކުން ފެންނަމުންދާކަން ފާހަގަކުރައްވައި، ސިނާން ވިދާޅުވީ ވެރިކަންކުރާ ޕާޓީގެ ތެރޭގައި ޖެހިފައިވާ ރެނދުތައް ބައްދައި އިސްލާހުކުރާނެ ވަގުތު މިހާރު ފާއިތުވެފައިވާ ކަމަށް. އެހެންކަމުން، ރައްޔިތުންގެ ބަސް އިއްވަން ފެށުމާއެކު ސިޔާސީ ގޮތުން ވަރުގަދަ ލޮޅުންތަކެއް އަންނާނެކަމަށް އޭނާ ލަފާކުރެއްވި.


މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން. | ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ މައްސަލައަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ދަށްފުށް މައްޗަށް ޖެހި، މަތިފުށް ދަށަށް ޖެހެމުންދާކަމުގެ ހެއްކެއް ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިނާން ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ.
މުހައްމަދު ސިނާންގެ ގޮނޑި ގެއްލުނު މައްސަލައަށް އަލިއަޅުއްވާލައްވަމުން އަބްދުﷲ ސިނާން ވިދާޅުވީ، މިއީ ވަރަށް ސާފުކޮށް މުޠުލަޤަށް ފެންނަން އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް މި މައްސަލަ ނިމުން ހައެއްކަ ނުވަތަ އަށެއްކަ މަސް ދުވަހަށް ލަސްވެގެން ދިޔުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، އެހެންނަމަވެސް ވަގުތު ޖެހުމުން ހުރިހާ ކަމެއް ބަދަލުވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިނާން ސިފަކުރެއްވި ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ ވަރުގަދަ ސިޔާސީ "ޒަލްޒަލާއެއްގެ" ފެށުމެވެ.
ސިނާން ވިދާޅުވީ މިހާރު ފެންނަމުންދަނީ ރާއްޖޭގެ އެއްކޮޅު ނަގައި އަނެއްކޮޅަށް ތިލަކޮށްލި ވަރުގަދަ ސިޔާސީ ރާޅެއް ކަމަށެވެ. އަދި މިއީ ސިޔާސީ ހުރިހާ ބޭފުޅުންނާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް ރައްޔިތުންގެ ހިތްހަމަޖެހުމާއި، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަވާނެ ގޮތްތަކެއް ސަރުކާރަކުން ނުވަތަ ޕާޓީއަކުން ކޮށްނުދެވޭ ނަމަ، ރައްޔިތުން ނުކުމެ އެ ބަސް ބުނާނެކަން މިހާރު ސާފުވެފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ.
އަޅުގަނޑުމެން މިހިސާބަށް އައިއިރު، މި އިންތިޚާބުގެ ނަތީޖާ އަޅުގަނޑުމެންނަށް އޮތީ ފެނިފަ. އެހިސާބަށް އައިއިރު އަޅުގަނޑުމެންނަށް ފެނުނު އެއް ކަމެއް އެބައޮތް، އެތެރެޔާ އެވެރިންނާއި އަޅުގަނޑުމެންނަށް ވެސް. މިކަމުގައި ހަމަ ޚިޔާލު ދާދި އެއްގޮތެއް އިނގޭތޯ. ވަރަށް ގިނަ ބަޔަކު ތިބި. ސަރުކާރުން މިކަން ކުރާތީވެ، އެ ހިތްހަމަ ނުޖެހުން އައިސްފަ. އޭގެތެރެއަށް ތިބި މީހުން ވެސް. ހަތްދިހަ ޕަސެންޓް އަޅުގަނޑުމެންނަށް މި ފެނުނީ އެކަމާ ހުރެދެއްތޯ. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ ރައްޔިތުން ނުރުހޭ ކަމެއް ރައްޔިތުންގެ ކުރިމައްޗަށް ކޮންމެ ސިފައެއްގެ ގެނައިކަމުގައި ވިޔަސް، އޭގެ ނަތީޖާ ރައްޔިތުން ބޭނުންވާ ގޮތަކަށް އެނބުރިގެންދާނެކަން. މިއަދުގެ މި ވޯޓުން އަޅުގަނޑުމެންނަށް ފެނުނީ އެ ނަތީޖާ. މިއަދު މި ދަނީ ހުރިހާ އެއްޗެއް ގޮށްމުހެމުން. އަޅުގަނޑުމެންނަށް މި ފެންނަނީ މީގެ ފެށުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމީދަކީ މަޖިލީހުގެ ތެރެއިން ވެސް އަދި ދެން ހުރި ސަރުކާރުގެ ތެރެއިން ވެސް މި ކަންކަން ހަމަ މަޑުމަޑުން ނިއުޅެމުން، ނިއުޅެމުންގޮސް އާޚިރުގައި މިއަދު ވެރިކަންކުރާ ޕާޓީ އަޅުގަނޑަކަށް ހިއެއްނުވޭ މިއަދު ދެ އަހަރު ތެރޭގައި އެ ކަންކަން ބައްދައި، ހަމަމަގަށް އެޅޭނެހެނެއް.މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން
ސިނާން އިތުރަށް ވިދާޅުވީ، ރައްޔިތުން ނުރުހޭ ކަމެއް ރައްޔިތުންގެ ކުރިމައްޗަށް ކޮންމެ ސިފައެއްގައި ގެނައި ނަމަވެސް، އޭގެ ނަތީޖާ ރައްޔިތުން ބޭނުންވާ ގޮތަށް އެނބުރިގެންދާނެކަން މިހާރު ސާފުވެފައިވާ ކަމަށެވެ. އަދި މިހާރު ވެރިކަންކުރާ ޕާޓީގެ ތެރޭގައި ޖެހިފައިވާ ރެނދުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބައްދައި، ހަމަމަގަށް އެޅުވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއަށްވުރެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި، އެކަންކަން އިސްލާހުކުރާނެ ވަގުތެއްވެސް މިހާރު ނެތް ކަމަށް ސިނާން ވިދާޅުވި އެވެ.
ދުނިޔޭގެ މަޞްރަޙަށް ބަލާއިރު ބޮޑު ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ އެތެރޭގެ ކަންކަން ހަމަޔަކަށް އަޅުވަންޖެހޭ ކަމަށް ސިނާން ވިދާޅުވި އެވެ. ނަމަވެސް ހުރިހާ ކަމެއް ސިޔާސީ ކަންކަމަށް ފޯކަސްކޮށްގެން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކުރިމަގަށްޓަކައި ފައިދާހުރި މަސައްކަތެއް ކުރުމުގެ ފުރުސަތު މިހާރު ހަނިވެފައިވާ ކަމަށް ވިދާޅުވެ ސިނާން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.






