ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަންވީ ކީއްވެ؟
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުން ހީނަރުވެ، ވެރިކަން ކުރާ ފަރާތުން މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަގުފަހިވާނެ ކަމެކެވެ. ޚަރަދު ކުޑަކުރުމުގެ ބަހަނާގައި ގެންނަ މި ބަދަލުގެ ސަބަބުން ދާއިރާތަކުގެ މައްސަލަތަކަށް ދެވޭ ސަމާލުކަން ކުޑަވެ، ގައުމުގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުވުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ. އެހެންކަމުން، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި މި ނުރައްކާތަކަށް ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ.


ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރުމުގެ ފަހަތުގައި އެހެން އެޖެންޑާއެއް ވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރޭ. | ރާއްޖެއެމްވީ
އިންތިހާބުތަކަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް ތަނބެވެ. ޑިމޮކްރަސީއެއްގައި ސީދާ ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ދިނުމާއި، ރައްޔިތުން ތަމްސީލު ކުރުމަށް އެ ރައްޔިތުންގެ ތެރެއިން މަންދޫބުން ކަނޑައެޅުމާއި، ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއެކު ބަދަލު ކުރުމާއި ވެރިން ޒިންމާދާރު ކުރުވުމުގެ އިހުތިޔާރާއި ބާރު ރައްޔިތުންނަށް ފަހިކޮށްދެނީ އިންތިހާބުތަކުންނެވެ.
ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވެރިކަން ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ ބުނުން އޭގެ ފުރިހަމަ މާނާގައި ހާސިލުކޮށްދެނީ އިންތިހާބުތަކުންނެވެ. އިންތިހާބުތަކަކީ ގާނޫނުއަސާސީގައި ވެރިންގެ މައްޗަށް ބަސްބުނުމަށް ރައްޔިތުންނަށް މުތުލަގަށްދީފައިވާ ބާރެވެ. އެ ބާރު އެއްވެސް ވަރަކަށް ހަނިކުރަންވާނީ ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވި ވީހާ ވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަކަށެވެ.
ރާއްޖޭގެ ޑިމޮކްރަސީގައި އަންނަ ހޮނިހިރު ދުވަހަކީ މުހިއްމު ދުވަހެކެވެ. ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއެކު އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހީލަތްތެރިކަމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުން އެމަޅީގައި ޖައްސަން ބާއްވާ ފެންނަ ނުފެންނަ ވޯޓު ވެސް ހޮނިހިރު ދުވަހު އޮންނާނެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ހަރަދުގެ ވާހަކަ އެވެ. އެއްވެސް ބަޔަކު އެވާހަކައާއި ދެކޮޅެއް ނޫނެވެ. މާ ބޮޑު ހަރަދެއް ނޫން ނަމަވެސް ދައުލަތުގެ ބަޖެޓުން ހަރަދުތަކެއް ކުޑަ ކުރެވޭނެ އެވެ. ދެކޮޅު ނުޖެހިގެން މިއުޅެނީ ހަރަދު ކުޑަ ކުރަން ސަރުކާރަށް ކުރެވޭނެ އެތައް ކަމެއް އޮއްވާ އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކުޑަ ކުރެވޭނެ ހަރަދަށް ވުރެ ބޮޑު އެތައް ހަރަދުތަކެއް ކުޑަ ކުރެވެން އޮއްވާ ސުވާލު އުފެދޭ ގޮތަށް 24 ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ހާސިލު ކުރަން އުޅޭ ކަމެކެވެ.
ސަރުކާރުން ނުދައްކާ ވާހަކައަކީ ރާއްޖެ ކަހަލަ ރިޔާސީ ނިޒާމަކުން ވެރިކަން ކުރާ ގައުމެއްގައި އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކުގެ ވާހަކަ އެވެ. އޭގެތެރެއިން ބައެއް ވާހަކަތައް އަޅުގަނޑު ތިބޭފުޅުންނާއި ހިއްސާ ކޮށްލާނަމެވެ.
ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ކަމަށް އަޅުގަނޑުމެން ބުނި ނަމަވެސް އެއީ އަދި މުޅިން ހަގީގަތެއް ނޫނެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގެ ސިފަތައް މަސްހުނިވެފައިވާ ވެރިކަން ކުރުމުގެ ނިޒާމެކެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތިން ބާރު ވަކިވެފައި އޮންނަ އޮތުން އިތުރަށް ހީނަރުވެ، އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުން ކުޑަވެގެންދާނެ އެވެ. މި ގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓެއްގެ ތާއީދު އޮންނަ ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދު ކުރާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ފުރުސަތު މިހާރަށް ވުރެ ވެސް ބޮޑަށް ހުޅުވިގެންދާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދަން އިންތިހާބުތަކުގައި މިހާރު އޮތް ވަރަށް ވުރެ ވެސް ބޮޑަށް ފަހި ވެގެންދާނެ އެވެ. ނަތީޖާއަކަށްވާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމެއް ނެތުމެވެ. އަދި މިހާރަށް ވުރެ ވެސް ބޮޑަށް މަޖިލީހަކީ އޭރަކު ވެރިކަމުގައި ހުންނަ މީހަކު ބޭނުންވާ ގޮތަކަށް ސްޓޭމްޕް ޖަހަން އޮންނަ ތަނަކަށް މާ ބޮޑަށް ބަދަލު ވެގެން ދިއުމެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ނަމަ ކަންތައްތައް ދިމާވެދާނެ އަނެއް ގޮތަކީ މަޖިލީހުގެ އިންތިހާބަށް އާއްމުންގެ ފަރާތުން ދޭ ސަމާލުކަން ކުޑަވުމެވެ. ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ވަޒަން ކުރާ މިންވަރު ކުޑަވެ ގާބިލު އެކަށީގެންވާ ކެންޑިޑޭޓުންގެ ބަދަލުގައި މިހާރަށް ވުރެ ވެސް ބޮޑަށް ނާގާބިލު އެކަށީގެން ނުވާ ފަރާތްތަކަށް މަޖިލީހުން ފުރުސަތު ލިބިގެން ދިއުމެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިން ދެ ދުވަހެއްގައި ބޭއްވުމުން ރަށްރަށުގައި ހުންނަ މައްސަލަތަކަށް ހައްލު ހޯދަން މާ ބޮޑަށް ވެސް ފަސޭހަ ވެގެންދެއެވެ. މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ވަކާލާތު ކުރާނީ ގައުމީ މައްސަލަތަކަށް ވުރެ ބޮޑަށް އެ ދާއިރާއެއްގައި ހުންނަ މައްސަލަތަކަށެވެ. ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ރަށްރަށުގައި ހުންނަ ކުދި ކުދި މައްސަލަތަކަށް ދެވޭ ސަމާލުކަން ކުޑަވެގެންދާނެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ހުދުމުހުތާރު ވެރިކަމަކަށް މާ ބޮޑަށް ފަހި ވެގެންދާނެ އެވެ.
ރަނގަޅު ވާހަކައެކެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގައުމުތައް މަދެއް ނޫނެވެ. ބްރެޒިލު، ފިލިޕީންސް، މެކްސިކޯ، އާޖެންޓިނާ ފަދަ ގައުމުތަކުގައި ދެ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގަ އެވެ. އެއް ދުވަހެއްގައި އެ ގައުމުތަކުގައި އިންތިހާބު ބޭއްވުމުން ނުކުންނަ ނަތީޖާއަކީ ޑުޓާޓޭ ފަދަ ހުދުމުހުތާރު ވެރިންނަށް ފިލިޕީންސް ފަދަ ގައުމުތަކުގައި ވެރިކަން ކުރަން މާބޮޑަށް ފުރުސަތު ފަހިވަނީ އެވެ. ދެން އޮތް އަނެއް ވާހަކައަކީ ދެ އިންތިހާބު ބާއްވާ ފިލިޕީންސް ފަދަ ގައުމުތަކުގައި ވެރިކަމުގެ ދައުރުގެ މުއްދަތެވެ. ފިލިޕީންސްގައި ރައީސާއި ނައިބް ރައީސަކު އިންތިހާބު ކުރަނީ ހަ އަހަރުގެ މުއްދަތަކަށެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ބަދަލު ކުރުމަށްފަހު ތުން ތުން މަތިން އިވެމުންދާ ގޮތަށް ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުމެއް އަނެއްކާ ވެސް ސަރުކާރުން ނުގެންގުޅެ ދާނެ ހެއްޔެވެ؟
ހޮނިހިރު ދުވަހުގެ ރިފަރެންޑަމްގައި ވޯޓުލާން ކޮންމެ ބޭފުޅަކު ވެސް ވަޑައިގަންނަވާ އިރު މި ކަންތައްތަކާ މެދު ފުންކޮށް ވިސްނާ ވަޑައިގެންނެވުން އެދެމެވެ. ގޮތް ނިންމާނީ ތިބޭފުޅުންނެވެ.




