މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް
މެންބަރު ނާޒިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވާ ކަމަށާއި، މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް ކަމަށް. އަދި މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު ކަމަށް މެންބަރު ނާޒިލް ވިދާޅުވި. އަދި ރައީސް މުއިއްޒަކީ ރައްޔިތުންގެ ވެރިކަމެއް ކޮށްދޭނެ ވެރިއެއް ނޫން ކަމަށާއި، ހުރިހާ ބާރެއް އޮވެމެ ރައްޔިތުންޓަކައި އެއްވެސް ކަމެއް އެމަނިކުފާނު ނުކޮށްދެއްވާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި.


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީނުވާއިރު، އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ އެމަނިކުފާނު ކަމަށާއި، ހުރިހާ ބާރެއް އޮވެމެ ރައްޔިތުންނަށްޓަކައި އެއްވެސް ކަމެއް ނުކޮށްދޭކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވިދާޅުވީ، މިސަރުކާރުގައި މިނިވަން މުއައްސަސާއެއް ނެތް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ ވެރީންނަށް ރައީސް މުއިއްޒު ބޭނުންވާފުޅުވާ ބޭފުޅަކު އައްޔަން ކުރައްވާ ހިސާބުން އެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލޭނެ ކަމަށެވެ.
އެގޮތުން މިއަދު އެންޓި ކޮޝަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގިނަ މައްސަލަތައް ހުށަހެޅި ނަމަވެސް އެއްވެސް މައްސަލައެއް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ 3 އިންތިޚާބާ ގުޅިގެން ވެސް ވަރަށް ގިނަ މައްސަލަތައް ފާހަގަކޮށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެދެވޭ ޖަވާބެއް އަދި ހައްލެ ލިބިފައިނުވާ ކަމަށެވެ.
މީގެ އިތުރުން މެންބަރު ނާޒިލް ވަނީ މިސަރުކާރުގެ ވަޒީރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވާ ކަމަށާއި، މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް ކަމަށެވެ. އަދި މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.
މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ ވެރިކަމެއް ކޮށްދޭނެ ވެރިއެއް ނޫން ކަމަށާއި، ހުރިހާ ބާރެއް އޮވެމެ ރައްޔިތުންޓަކައި އެއްވެސް ކަމެއް އެމަނިކުފާނު ނުކޮށްދެއްވާކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީނުވާތީ، ކާކުތޯ ޒިންމާ ވާންޖެހޭނީ؟ ނުވަންޏާ އެ ބޭފުޅާ ބޭރުކޮށްލާފައި ވަކިކުރަންވީ ނޫންތޯ؟ އަޅުގަނޑުމެންގެ 62 ސުވާލެއް އެބައޮތޭ ރައްޔިތުންގެ މަޖިލީހުގައި. 14 ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް ޖަވާބުދާރީވާން، އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން އައިސް ތިބި މަންދޫބުން. އެއީ ކުރަންޖެހޭ ކަމެއް މިއަދު. ނުކުރެއޭ. ނުކުރަންވާ އެ ބޭފުޅުން. އެ ބޭފުޅުންނަށް ފިޔަވަޅެއްވެސް އެޅިފައެއް ނެތޭ. ކީއްވެ ތޯ އެ ހިސާބަށް ދާންޖެހެނީ؟ މިހާހިސާބަށް ގޯހުން ގޯހަށް ދިޔަ ރައްޔިތުންނަށް ވަރަށް ސާފުވޭ، ރައްޔިތުންގެ ވެރިކަމެއް ކޮށްދޭނެ ވެރިއެއް ނޫންކަން މި ވެރިއާއަކީ.އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މެންބަރު ނާޒިލް ވިދާޅުވީ ގައުމުގެ ކަންކަން ގޯހުން ގޯހަށް ދިއުމުން މިފަހުން ބޭއްވިގެން ދިޔަ ތިން އިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުން ޖަވާބުދީފައިވާ ކަމަށެވެ. އަދި މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި، ދެ އަހަރު ބައިވީއިރު އެއްވެސް ކަމެއް ނުކޮށްދެވުނުއިރު ކުރިއަށް އޮތްތާގައި އެއްވެސް ކަމެއްވާނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.





