ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟
ދެ އިންތިޚާބު އެއްކޮށްލުމުން ނުކުމެދާނެ ގާނޫނީ އެތައް ސުވާލެއް ގާނޫނީ ބޭފުޅުން ދަނީ ކުރިމަތި ކުރުވަމުންނެވެ. އެކަމަކު ރައްޔިތުންނަށް މާބޮޑު އެއްޗެއް އޮޅުން ފިލުވައިނުދީ ސަރުކާރުން ވަކިގޮތަކަށް މިވޯޓު ކާމިޔާބު ކުރަން އުޅުމުން އިޚްލާސްތެރިކަމާމެދު އެތައް ސުވާލެއް އުފެދެއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ހަނދާނަށް އަންނަނީ ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސި ނިޒާމެއްތޯ ނިންމުމަށް ނެގި ވޯޓުގެ މަތިންނެވެ. ރައްޔިތުންގެ ގާތު އެކަމަށް އަހަން ނެގި ފެންނަ ނުފެންނަ ވޯޓެވެ. ގާނޫން އަސާސީ އިސްލާހް ކުރިއިރު އޭގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށެވެ.
އެއީ އާދައިގެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީ އެކުލަވައިލާއިރު ވެރިކަން ހިންގާނޭ ގޮތެއް ކަނޑައެޅުމެވެ. އޭރު އޮތް ބޮޑު ދެޕާޓީ ކަމުގައިވާ ޑީއާރުޕީއާއި އެމްޑީޕީން ނަގާފައިވަނީ ދެކޮޅެވެ. އޭރު، ސަރުކާރުގައި އޮތް ޑީއާރުޕީން ރިޔާސީ ނިޒާމަށް ތާއީދު ކުރިއިރު އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ. އެކަމަކު ޚާއްޞަ މަޖިލީހުން ކުރަން އަންގާފައި އޮތް މުހިއްމު ކަމެއް އޮތެވެ. ދެނިޒާމާ ގުޅޭ މައުލޫމާތު ވަރަށް ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭނެ ކަމެވެ. އިލެކްޝަންސް ކޮމިޝަނުންނާއި ސަރުކާރުން ވެސް އެކަން ކުރަން ޖެހޭނެ ކަމެވެ. ފެނުނީ އެމަންޒަރެވެ. ވަރަށް ވަރުގަދަ ބަހުސްތައް ކުރިއަށް ގެންދިޔައެވެ. ދެނިޒާމަށް ތާއީދުކުރާ މީހުން އެއް ސްޓޭޖަކަށް ވެސް އަރައިގެންނެވެ. އޭރުގެ ސަރުކާރުން ވެސް އިންތިޒާމް ކޮށްގެންނެވެ. ރައްޔިތުން ގޮތް ނިންމީ އެވާހަކަތަކަށް ރިއާޔަތް ކޮށްގެންނެވެ.
އޭގެފަހުން މިފަދަ ޙައްސާސީ ކަމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން މިއުޅެނީ އޭޕްރީލް ހަތަރެއްގައެވެ. ސަރުކާރުން ހުށަހަޅައިގެން އުޅޭ ކަމަކާމެދު ސަރުކާރުގެ މުޠްލަޤަށް ބާރު އޮތް މަޖިލީހުން ނިންމައިގެންނެވެ. ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯއެވެ. ކުރިން ޤާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗެއް ބަދަލުކޮށް، 5 އަހަރުގެ ދައުރަކަށް ހުވާކޮށްގެން އޮތް މަޖިލީހެއްގެ އުމުރު ކުރުކުރެވޭ ގޮތް ހެދުމަށެވެ.
ތަފާތަކީ މީގެ ވިއްސަކަށް އަހަރު ކުރިއާ ތަފާތު ވުމެވެ. ބޮޑުތަނުން ތަފާތުވުމެވެ. ސަރުކާރުން ސީދާ ކޮޅެއް ނެގުމެވެ. ވަކިގޮތަކަށް ނިންމަން ކަންކުރާން ފެށުމެވެ. ފެށުމުގައި ވެސް ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ކުރާން ފެށުމެވެ. މިފަދަ ބޮޑު ކަމެއް ކުއްލިއަކަށް ގެންނަން މަޖިލީހަށް ހުށަހެޅުމެވެ. ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންނެވެ. މުޅިމަޖިލީހާއި ކޮމެޓީ މަރުހަލާ ކުރު ގަންނުވާ ލައި ހިނދުކޮޅެއްގެ ތެރޭގައި ބިލް ފާސް ކުރުމެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ރައީސް މުއިއްޒު ބޭއްވި ސިއްރު ބައްދަލުވުމެވެ. އިންތިޚާބު ބާއްވާނެ ދުވަސް، އިލެކްޝަންސް ކޮމިޝަނަށްވުރެ ކުރިން ޕީއެންސީން އިއުލާން ކުރުމެވެ. ރައްޔިތުންނަށް އެއްޗެއް އޮޅުންފިލުވައި ދޭން ނޫޅުމެވެ. ވާން އުޅެނީ ކިހިނެއް، ކަމެއް ކުރަން އުޅެނީ ކީއްކަމެއް، ނަގަނީ ކޮންކަހަލަ ވޯޓެއް ކަމެއް، އަންގައިދޭން ސީދާ އިލެކްޝަންސް ކޮމިޝަނުން ވެސް މާބޮޑު މަސައްކަތެއް ނުކުރުމެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ ދައުލަތުގެ ޓީވީން ސަރުކާރުކޮޅު ނަގައިގެން ސަރުކާރު ބޭނުންވާ ގޮތް ވިސްނައިދޭން އެކަނި މަސައްކަތް ކުރުމެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުގެ ނުފޫޒު ފޯރުވުމެވެ. އެތައް އެތައް ވަޒީފާއަކާއި ޕްރޮމޯޝަންތައް ބަހާލުމެވެ. ބައެއް މީހުންގެ ވަޒީފާގެ މާހައުލުތައް ބަދަލު ކޮށްލުމެވެ. ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ވާރޭ ވެހޭހެން އޮއްސާލުމެވެ. ފަސްޓް ލޭޑީ ހުއްޓުމެއްނެތި ރަށްރަށަށް ކުރަންފެށި ދަތުރުތަކެވެ.
މިވަރަށް ސަރުކާރުން ވަކިގޮތަކަށް މިވޯޓު އަނބުރާލަން އުޅޭއިރު ރައްޔިތުން ތިބީ ވާނުވާގައެވެ. ޤާނޫން އަސާސީ އެކަށައެޅި ޚާއްޞަ މަޖިލީހުގެ މެންބަރުންނާއި ޤާނޫނީ ބޭފުޅުން އެދަނީ މިކަމާ ގުޅުންހުރި އެތައް ސުވާލެއް އުފައްދަމުންނެވެ. މިވޯޓަށް ފަހު ދެން ވެދާނެ ގޮތްތަކަކަށް ޖަވާބު ނުލިބޭތީއެވެ. އެވާހަކަތައް ސަރުކާރުން ބުނެ ނުދޭތީއެވެ. ބިލު ފާސްކުރި މަޖިލީހުން އެކަން ކަމަށް ރިއާޔަތް ކޮށްފައި ނުވާތީއެވެ.
ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ޚާއްޞަ މަޖިލީހުގެ މެންބަރު އަހްމަދު މުއިއްޒު ވިދާޅުވީ އަހަން އުޅޭ ވޯޓުގެ ސަބަބުން އުފެދޭ ގާނޫނީ އެތައް ސުވާލެއް އެބަހުރި ކަމަށެވެ. މިހާ ކުރުގަންނުވާފައި މިކަން ކުރަން އުޅުމާއި ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ބުނެ ނުދިނުން އެއީ ވަރަށްބޮޑު މައްސަލައެއް ކަމަށެވެ. އަދި ވޯޓަށްފަހު ދެން ވެދާނެ ގޮތްތަކާއި އެކަންކަމަށް ގާނޫނީގޮތުން ހޯދާނެ ފަރުވާއެއް ސަރުކާރުން ވެސް މަޖިލީހުން ވެސް ހާމަ ނުކުރާ ކަމަށެވެ. އެހެންކަމުން ގެންނަން އުޅެނީ އުނި އިސްލާހެއް ކަމަށެވެ.
"އެހެންވީމާ މިއީ އުނި އިސްލާޙެއް، ރަނގަޅަކަށް ނޫން މިކަން ކުރެވިފައި މި އޮތީކީ، އެހެންވީމާ މިއީ ޑިފެކްޓިވް، ޤާނޫނީ ގޮތުން ސުވާލު އުފެއްދިދާނެ އިސްލާހެއްގެ ގޮތުގައި އަޅުގަނޑު ދެކެން، އެފަދަ ކަންކަން ވަނީ ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައި، ވީމާ އެކަމަށް ސަމާލުކަން ނުދެވި އަނެއްކާ ވެސް މި އިސްލާޙު ހުށަހެޅިފައި މި އޮތީ، ވަރަށް ދެރަ ކަމެއް މިހާ މުހިންމު ކަމެއްގައި ސަމާލުކަން ދޭން ވާވަރަށް، މިއީ ހަމަ ޑްރާފްޓިންގ ގަ ރަނގަޅުކޮށްލެވެން އޮތް ކަމެއް، އެކަމަކު ސަމާލުކަން ނުދެވިގެން މިކަން ނުކުރެވި މި އޮތީ" މުއިއްޒު ވިދާޅުވިއެވެ.
ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއްކަމަށްވާ ޑރ ޝަމްސުލް ފަލާޙު ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ 8 ވަނަ އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.
ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެކެވެ. ޚުދުމުޚުތާރުވުމުގެ ވިސްނުމެކެވެ. އަދި ގިނަގިނައިން އެވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބޭއްވުމަށް މުނައްވަރު ވަނީ ގޮވާލައްވާފައެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަންޑިޔާރު އަދި ގާނޫން އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ މެންބަރު ހުސްނުއް ސުއޫދު ވިދާޅުވީ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން ކަމަށެވެ. އެގޮތުން ތަފާތު ތާރީޚެއްގައި ޚާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތައް ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖަޢާކޮށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެ އެވެ. ނަމަވެސް އިންތިޚާބުތައް އެއްކޮށްލުމުން މި ފުރުސަތު ހަނިވެ، ސަރުކާރު ޒިންމާދާރުކުރުވުމަށް އޮންނަ މަގުތައް މަދުވެ އެވެ. އަދި ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިޚާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށް އަދި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މިހާރު އޮތް ގާނޫން އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު އަދި ޚާއްޞަ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވީ މިއީކީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެސްގެން ރައްޔިތުންގެ ހެވާ ލާބައެއްގެ ކަމަކަށް ވުރެ ބޮޑަށް ސިޔާސީ ބާރުވެރިކަމުގެ ވާދައެއް ކަމަށާއި އޭގެ ތެރޭގައި ތާށި މިވަނީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންނަށް ބަސް ބުނަން އޮންނަ ފުރުސަތެއް ފައިސާ ސަލާމަތް ކުރުމުގެ ނަމުގައި ނަގާލުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ކަމަށާއި "ޑިމޮކްރަސީއަކީ އަގެއް ދައްކަން ޖެހޭ އެއްޗެއް" ކަމަށް އިބްރާ ވިދާޅުވި އެވެ.
ކޮންމެއަކަސް ސަރުކާރުން ވަކިކޮޅެއް ނަގައިގެން މިވަރު ބޮޑު ކަމެއް ރައްޔިތުންގެ ބޮލުގައި އަޅުވަން އުޅޭއިރު ރައްޔިތުން ތިބީ ވާނުވާގައެވެ. ދިރާސާ ކުރުމަށް އެކަށީގެންވާ ވަރަށް ވަގުތު ނުދިނުމާއި އެމައުލޫމާތު ފޯރުކޮށްދޭން ޖެހޭ ސަރުކާރުން އެކަން ނުކުރުމުންނެވެ. އަދި މި ބަދަލު ސަރުކާރު ބޭނުންވާ ގޮތަށް ފާސްވެގެން ދެން ކަންވާނެ ގޮތަކާއި ކަންކުރާނެ ގޮތެއް ބުނެދީފައި ނުވުމުންނެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މިއީ ރައްޔިތުންނަށާއި ގައުމަށް އެހާ ހެޔޮއެދިގެން އިޚްލާޞްތެރިކަމާއެކު ހެޔޮނިޔަތުގައި ކުރާ ކަމެއްނަމަ ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ ހެއްޔެވެ. ޤާނޫނީ ބޭފުޅުން ޚާއްޞަކޮށް ގާނޫން އަސާސީ އެކުލަވާލި ބޭފުޅުން އެވިދާޅުވާ ސުވާލުތަކަށް ސަރުކާރުން ޖަވާބު ނުދެނީ މިކަމުގައި ފޮރުވިފައިވާ ކޮން ސިއްރުތަކެއް އޮވެގެން ހެއްޔެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.





