އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
ތެހެރާން ޔުނިވަރސިޓީއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ހުޅަނގު އޭޝިއާގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ޔުނިވަރސިޓީތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އައި.އާރް.ޖީ.ސީ އިން ވަނީ ދީފައި. މި ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އެމެރިކާ ސަރުކާރުން އީރާނުގެ ތައުލީމީ މަރުކަޒުތަކަށް ދިން ހަމަލާތައް ކުށްވެރިކޮށް ރަސްމީ ބަޔާނެއް ނެރުމަށް އީރާނުން ވަނީ ޝަރުތުކޮށްފައި. އަދި މި ސަރަހައްދުގައި ހުރި އެމެރިކާގެ ޔުނިވަރސިޓީތަކުގެ މުވައްޒަފުންނާއި ދަރިވަރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ތަންތަނާ ދުރަށް ދިއުމަށް ވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ އިރުޝާދު ދީފައި.

އީރާނުގެ އިސްފަހާން ޕްރޮވިންސްގެ ޝާހިންޝަހަރުގައި ހުންނަ މާލިކް-އަޝްތަރު ޔުނިވަރސިޓީގައި ވަރުގަދަ ގޮވުމެއް ވަނީ ގޮވާފައި. | އެކްސް
އީރާނުގެ މުހިންމު ޔުނިވަރސިޓީއަކަށް ދިން ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ހުޅަނގު އޭޝިއާ ސަރަހައްދުގައި ހުރި އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީތަކަކީ އީރާނުން ހަމަލާދޭނެ ތަންތަން ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިއުލާނުކޮށްފިއެވެ.
ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި، އީރާނުގެ ސިފައިން ވަނީ "އެމެރިކާ އާއި ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުން" ތެހެރާން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ އާއި ޒަޔަނިސްޓް ބާރުތަކުން ތެހެރާން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ބޮން އެޅުމަކީ، އީރާނުގެ ޔުނިވަރސިޓީތަކަށް އަމާޒުކޮށް އަނެއްކާވެސް ދިން ހަމަލާއެއް ކަމަށެވެ.
އައި.އާރް.ޖީ.ސީ އިން އިންޒާރު ދީފައިވާ ގޮތުގައި، އީރާނަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އިސްތިއުމާރީ ބާރުތަކަށް ނިސްބަތްވާ ދެ ޔުނިވަރސިޓީއަކަށް ހަމަލާދެވެންދެން، މި ސަރަހައްދުގައި ހުރި އިޒްރޭލާއި އެމެރިކާގެ ހުރިހާ ޔުނިވަރސިޓީތަކަކީ ހަމަލާދިނުން ހުއްދަ ތަންތަނުގެ ގޮތުގައި ބެލެވޭނެއެވެ.
މި ސަރަހައްދުގައި ހުރި އެމެރިކާގެ ޔުނިވަރސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޕްރޮފެސަރުންނާއި، ދަރިވަރުންގެ އިތުރުން އެ ތަންތަނުގެ ކައިރީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި، އެ ޔުނިވަރސިޓީތަކާ އެއް ކިލޯމީޓަރު ދުރުމިނެއްގައި ތިބުމަށް އައި.އާރް.ޖީ.ސީގެ ބަޔާނުގައި ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ސަރަހައްދުގައި ހުރި އެމެރިކާގެ ޔުނިވަރސިޓީތަކަށް ބަދަލުހިފުމުގެ ހަމަލާތައް ނުދީ ދޫކޮށްލެވިދާނެ ޝަރުތުތަކެއް ވެސް އައި.އާރް.ޖީ.ސީ އިން ވަނީ ބަޔާންކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ ސަރުކާރުން މި ސަރަހައްދުގައި ހުރި އެ ގައުމުގެ ޔުނިވަރސިޓީތަކަށް ހަމަލާދިނުމުން އިސްތިސްނާ ކުރަން ބޭނުންވާނަމަ، މާރިޗު 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 (ޖީ.އެމް.ޓީ އިން ހެނދުނު 08:30) ގެ ކުރިން، އީރާނުގެ ޔުނިވަރސިޓީތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރިކޮށް ރަސްމީ ބަޔާނެއް ނެރެންޖެހޭނެ ކަމަށެވެ.
އަދި އޭގެ ފަހުން ވެސް އެމެރިކާގެ ޔުނިވަރސިޓީތަކަށް ގެއްލުމެއް ލިބެން ބޭނުންނުވާނަމަ، އެމެރިކާގެ ބައިވެރިވާ ބާރުތަކުން އީރާނުގެ ޔުނިވަރސިޓީތަކާއި ދިރާސާކުރާ މަރުކަޒުތަކަށް ހަމަލާދިނުން ހުއްޓުވަންޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެހެން ނޫންނަމަ، އިންޒާރު ދީފައިވާ ގޮތަށް ހަމަލާތައް ދޭނެ ކަމަށް އައި.އާރް.ޖީ.ސީ އިން ބުނެފައިވެއެވެ.
ނިމިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، ހޮނިހިރު ދުވަހު އީރާނުގެ ޔުނިވަރސިޓީއަށް ދިން ހަމަލާގައި އެ ތަނުގެ ސައިންޓިފިކް އަދި ދިރާސާކުރާ ބައެއް ސައިޓުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މީގެ ކުރިން ވެސް އިސްތިއުމާރީ ބާރުތަކުން ވަނީ އިސްފަހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއަށް ހަމަލާދީ، އެ ތަނުގެ އިމާރާތަކަށް ގެއްލުން ދީފައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާއެކު، އައި.އާރް.ޖީ.ސީ އިން ވަނީ އެ ސަރަހައްދުގައި ހުރި ދުޝްމަނުންގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް، ސަތޭކައަށްވުރެ ގިނަ ބެލިސްޓިކް އަދި ހައިޕަރސޮނިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.







