ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް
ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރުން ބާރުތައް މުށުތެރެއަށް ޖަމާކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، އެ ވޯޓުގައި "ނޫނެކޭ" ބުނުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި. މި އިންތިހާބުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާއިރު މިނިވަން މުއައްސަސާތަކުން ހިމޭނުން ތިބުމަކީ އިންސާފުވެރިކަން ގެއްލޭ ކަމެއްކަން ފާހަގަކުރައްވައި، ޖަމީލު ވަނީ ވެރިކަމުގެ ނިޒާމުގައި އޮންނަ ޗެކް އެންޑް ބެލެންސްގެ އުސޫލުތައް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ.


ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ދިވެހިރާއްޖޭގޭ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ މި ސަރުކާރު ބޭނުންވާ ގޮތަށް ނިކުމެއްޖެ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދަންމާލައި، އެހެން ސިޔާސީ ވާދަވެރިން އިންތިހާބުން އެކަހެރިކުރާނެ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވަނީ، ހީލަތްތެރިކަމާއެކު ސަރުކާރުން މި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ މައިގަނޑު ބައެއް ސަބަބުތައް ކިޔައިދެއްވާފަ އެވެ.
ޖަމީލް ވިދާޅުވީ މިހާރު ދިވެހިރާއްޖޭގައި ހިނގަމުންދާ ގާނޫނުއަސާސީ އަކީ ރައީސުލްޖުމްހޫރިއްޔާގެ އަތުގައި މާ ގިނަ ބާރުތަކެއް ހުރެގެން ބާރުތައް ލިމިޓް ކުރަން ވެގެން ގެނައި ގާނޫނުއަސާސީ އެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ރައީސް މުއިއްޒު ގެންނަވާފައިވާ ބަދަލުތަކަށް ބަލާލުމުން ފެންނަނީ ބާރުތައް މުށުތެރެއަށް ޖަމާކުރުން ކަމުގައި ޖަމީލް ވިދާޅުވި އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް އަތަށް ނަންގަވައި، ލޯކަލް ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، އަތޮޅު ކައުންސިލްތައް އުވާލާފައިވާ ކަން ޖަމީލް ފާހަގަކުރެއްވި އެވެ. އަދި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށް ރައީސް މުއިއްޒު ބޭނުންފުޅުވާ ފަނޑިޔާރުން އައްޔަނުކޮށްފައިވާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވި އެވެ.
އެންމެ ފުރަތަމަ ކަމަކަށް މިހާރު މި އޮތް ގާނޫނުއަސާސީ ގެނައި އިރު މި އޮތް ބަހުސަކީ ރައީސުލްޖުމްހޫރިއްޔާ އަތުގަ މާގިނަ ބާރުތައް ހުރެެގެން، ބާރުތައް ލިމިޓްކުރަންވެގެން މިގާނޫނުއަސާސީ ގެނައީ. މިހާތަނަށް ރައީސް މުއިއްޒު ގެންނެވި ބަދަލުތަކުގެ ތެރޭގައި ރައީސް މުއިއްޒު ކޮށްފައި ހުރީ ކޮންކޮން ކަންކަމެއްތޯ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރު އަތަށް ނެންގެވީ. އެހެންވީމަ އަތަށް ބާރުތައް ކަހާލުމުގަ މި އުޅެނީ އިނގޭތޯ. ދެން ހަމަ މިހާރު ފެނިގެން މި ދިޔައީ ލޯކަލް ކައުންސިލްގެ ނިޒާމު އެވެސް ބާރުތައް ނަގާފަ މި އޮތީ. އަތޮޅު ކައުންސިލްތައް އުވާލާފަ އެ އޮތީ. ދެން ހަމަ އެއާ އެކީގަ މިހާރު ފެނނަމުންދޭ ޝަރުއީ ނިޒާމުގެ ތެރެއަަށް ވެސް އެ އޮތީ ހަމަ އެބާރު އެގޮތަށް ފޯރުވާފަ. ބޭނުންވާހަކަލަ ފަނޑިޔާރުންތަކެއް ޝަރުއީ ނިޒާމަށް ގެނެސްގެން.ދިވެހިރާއްޖޭގޭ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް މުއިއްޒު ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ އިރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން ހިމޭނުން ތިބުމަކީ މުޅި މި އިންތިހާބީ ޕްރޮސެސްގެ ފެއާނެސް ނުވަތަ އަދުލުވެރިކަން ގެއްލިގެންދާ ކަމެއް ކަމަށް ވިދާޅުވެ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ މިހާ ހިސާބަށް ވެސް މި އިންތިހާބުގެ ތެރެޔަށް މިހާރު ކުރިޔަށްދާއިރު ވެސް ސަރުކާރުގެ އަމަލުތައް ހުރި ގޮތް. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ހެކިވާނެ. ސަރުކާރުގެ ހުރިހާ ނުފޫޒެއް ނާޒާއިޒު ގޮތުގަ ބޭނުންކުރަ އިރު، އިލެކްޝަންސް ކޮމިޝަނުން އެއްޗެކޭ ނުބުނޭ، އޭސީސީ އިން އެއްޗެކޭ ނުބުނޭ އިނގޭތޯ. ގާނޫނުން ކުށެއް އެއީ. ދައުލަތުގެ ވަސީލަތްތަށް ނަހަމަގޮތުގަިއ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުޅި ސަރުކާރު ގޮސް ވާޒީފާތަކާ ފައިސާ އާއި އެ ހުރިހާ އެއްޗެއް ބަހަމުންދާއިރުގަ، ކިހިނެއްތޯއޭ. އެ މިންވަރަށް ސަރުކާރު ފައިބައިގެން ކުރަން މި އުޅެނީ ކީއްތޯއޭ. އެއީ ހަމަ ޔަގީނުންވެސް މުޅި މި ޕްރޮސެސްގެ ފެއާނެސް ގެއްލިގެންދާ ކަމެއް.ދިވެހިރާއްޖޭގޭ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
ޖަމީލް ވިދާޅުވީ މިހާރު ނިޒާމުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިން ބާއްވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވާ އިރުވެސް ތަޖުރިބާ ހުރި ރައްޔިތުންގެ މަޖިލީހެއް ނިޒާމުގެ ތެރޭ ގައި އޮތުމުގެ ބޭނުމުގައި ކަމަށެވެ. އެކަމުގެ ސަބަބުން ތަޖުރިބާ އެއް ނެތް ވެރިޔަކު ގައުމު ހިންގަން ހަވާލުވިޔަސް އެ ވެރިޔަކަށް ގައިޑް ކޮށްދީ، ޗެކް އެންޑް ބެލެންސް ކުރުމަށް އެހީތެރިވާނެ މަޖިލީހެއް އޮންނާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ވެރިކަމުގެ ނިޒާމުގައި އޮންނަ ޗެކް އެންޑް ބެލެންސް ގެ އުސޫލުތައް ގެއްލިގެންދާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.






