ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
ހއ. ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާއަށް މީހުން ހަމަކުރުމަށްޓަކައި، އުސޫލުތަކާ ޚިލާފަށް އާރްޓީއެލް ފެރީ ބޭނުންކޮށްފައިވާ ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ. މިކަމާ ގުޅިގެން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އާރްޓީއެލް ފެރީތަކަކީ އަމިއްލަ ދަތުރުތަކަށް ކުއްޔަށް ދޫކުރާ އުޅަނދުތަކެއް ނޫން ކަމަށާއި، ޝެޑިއުލުން ބޭރުން ދަތުރުކުރުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް. ފަހުވަގުތު އާރްޓީއެލް ފެރީގައި މީހުން ގެންނަން މަޖުބޫރުވީ ސައުދީ، ޚަލީލް އަދި މުހައްމަދު އިސްމާއިލް ނިސްބަތްވާ ހއ. ހޯރަފުށިން ޕީއެންސީގެ ޖަލްސާ އަށް ލިބުނު ތަރުހީބު ކުޑަވުމުންކަމަށް ހޯރަފުށިން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ގިނަ ބަޔަކު ވަނީ ބުނެފަ


ހުކުރު ދުވަހުގެރޭ ހޯރަފުށީގައި ބޭއްވި ޕީއެންސީ ޖަލްސާގެ ތެރެއިން: މި ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ ސައުދީ ގެ އިތުރުން، ރައީސް އޮފީހުގެ އޮފީހުގެ މިނިސްޓަރ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ބައިވެރިވެފަ | ރާއްޖެ އެމްވީ
އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ވަޒީރުންތަކެއް ބައިވެރިވި ޕީއެންސީގެ ޖަލްސާއަކަށް އެކި ރަށްރަށުން މީހުން އުފުލުމަށް އާރްޓީއެލް ފެރީ ބޭނުންކުރިކަން ހާމަ ވެއްޖެ އެވެ.
ހުކުރު ދުވަހުގެރޭ ހއ. ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާއަށް ހއ އަދި ހދ އަތޮޅުގެ ރަށްރަށުގެ މީހުން އުފުލުމަށް ހާއްސަކޮށް އެމްޓީސީސީ އިން ވަނީ އާންމު ޝެޑިއުލް އިން ބޭރުން ހާއްސަ ދަތުރުތަކެއް ކޮށްފަ އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 8:15 ހާއިރު ހއ އަދި ހދ އަތޮޅުގެ އެކި ރަށްރަށް ނިސްބަތްވާ ޕީއެންސީގެ ސަޕޯޓަރުން އާރްޓީއެލް ފެރީ އެއްގައި ހޯރަފުއްޓަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ހަވީރު ފަހެއްގެ ފަހުން އެއްވެސް އިރެއްގައި އާރްޓީއެލް ފެރީ އެރަށަށް ދަތުރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝެޑިއުލް އިން ބޭރުން ޕީއެންސީގެ ޖަލްސާ އަށް ހޯރަފުށިން ތަރުހީބެއް ނުލިބުމުން މީހުން ހަމަކުރަން އާރްޓީއެލް ފެރީ ބޭނުންކުރީ ކޮން އުސޫލަކުންތޯ ކަމަށް ވިދާޅުވެ ވަހީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
ގާތްގަނޑަކަށް 20:15 ހާ އިރު އާރްޓީއެލް ގެ ފެރި އައީ މި އަތޮޅާއި އަދި ހދ އަތޮޅުގެ އެކި ރަށްރަށުގެ މީހުން ގޮވައިގެން މިރަށުގަ އޮތް ޖަލްސާ އަށް. އޭގެ ފަހުން ވެސް ދަތުރެއް ކުރިކަމަށް ވޭ ހަމަ އާރްޓީއެލް ފެރި އެއް ޖަލްސާ އަށް މީހުން ގޮވައިގެން. އާއްމުކޮށް އެންމެ ލަސް ވެގެން ވެސް ހަވީރު 5 ނޫނީ 6 އެއްގެ ފަހުން ރާޓީއެލް ގެ އެއްވެސް ދަތުރެއް ނުކުރާނެ. އެކަމަކު ރޭ އަދި ވަކިން ހާއްސަކޮށް އެމްޓީސީސީ ސީއީއޯ ސައުދީ އަދި ސަރުކާރުގެ ވަޒީރުންތަކެއް ބައިވެރިވާ ސިޔާސީ ޖަލްސާ އަކަށް އާރްޓީއެލްގެ ފެރީ ބޭނުންކުރަނީ ކޮން އުސޫލެއްގެ ތެރެއިންކަމެއް ނޭނގެ.ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު
މިކަމާ ގުޅިގެން ނަންނުޖަހަން ޝަރުތުކޮށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ މިކަން ހިނގައިގެން އުޅޭކަން ނޭނގޭ ކަމަށާއި ނަމަވެސް ރަސްމީ ޝެޑިއުލްގެ ބޭރުން އާރްޓީއެލް ފެރީގެ ދަތުރުތައް ނުކުރެވޭނެ ކަމަށެވެ. އަދި އާރްޓީއެލް ފެރީތަކަކީ އެއްވެސް ކަހަލަ އަމިއްލަ ދަތުރުތަކަށް ކުއްޔަށް ދޫކުރާ އުޅަނދުތަކެއް ނޫންކަމަށް ވެސް އެމްޓީސީސީގެ އޮފިޝަލު ވިދާޅުވި އެވެ. އެހެންކަމުން ޝެޑިއުލް އިން ބޭރުން ޕީއެންސީގެ ޖަލްސާ އަށް މީހުން އުފުލުމަށް އާރްޓީއެލް ފެރީ ބޭނުންކުރުމަކީ އުސޫލުން ބޭރުން ކުރިކަމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

އާރްޓީއެލް ޝެޑިއުލް ދަތުރުތަކުގަ ކިތަންމެ ވަރަކަށް ވެސް މީހުން އުފުލަންވީ. އެނގިފައެއް ނެއް ތި ބުނި ގޮތަށް ޝެޑިއުލްގަ ނެތް ވަގުތަކު ޕީއެންސިގެ ޖަލްސާ އަށް މީހުން އުފުލިކަމެއް. އާރްޓީއެލް ފެރީތަކަކީ އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދަތުރު ކޮށްދޭ އެއްޗެއްސެއް ނޫން. ޕީއެންސީގެ ޖަލްސާ އަށް މީހުން އުފުލަން ތިބުނި ގޮތަށް އާރްޓީއެލްގެ ފެރީ ބޭނުންކޮށްފިއްޔާ ނޭނގެ ދެން ކޮން އުސޫލަކުން ކުރިކަމެއް ކަމެއް ތީކީ. އުސޫލެއް ބަދަލުވިކަމެއް އެނގިފަ އެއް ނެތް.އެމްޓީސީސީގެ އޮފިޝަލް
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯ އަދި ވީޑިއޯ އިން ވެސް ޖަލްސާ ނިންމުން އެކި ރަށްރަށުން އައި މީހުން ހޯރަފުށީ ބަނދަރުގައި އޮތް އާރްޓީއެލް ފެރީ އަށް އަރަންދާ މަންޒަރު ފެނެ އެވެ.
ހުކުރު ދުވަހުގެރޭ ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ ސައުދީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ބައިވެރިވެފަ އެވެ.
ފަހުވަގުތު އާރްޓީއެލް ފެރީގައި މީހުން ގެންނަން މަޖުބޫރުވީ ސައުދީ، ޚަލީލް އަދި މުހައްމަދު އިސްމާއިލް ނިސްބަތްވާ ހއ. ހޯރަފުށިން ޕީއެންސީގެ ޖަލްސާއަށް ލިބުނު ތަރުހީބު ކުޑަވުމުންކަމަށް ހޯރަފުށިން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އާރްޓީއެލް ފެރީތައް ސިޔާސީ ބޭނުމަކަށް ބޭނުންކުރި ފުރަތަމަ ފަހަރުކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.






