މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު
ދައުލަތުގެ ކޭޝްފްލޯ ހުރި ގޮތުން ވަޒީފާތަކަށް މީހުން އިތުރުކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސަރުކާރު ހިންގުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް މުވައްޒަފުން ނަގަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ. ސަރުކާރުގެ އެކި މަޝްރޫއުތަކަށާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިނިސްޓަރު ވިދާޅުވީ މި ވަގުތު ވަޒީފާ ދިނުމުގައި ވަރަށް ބޮޑަށް ބަލައިގެން އަމަލުކުރަން ޖެހޭނެ ކަމަށް. މިގޮތުން ބައެއް ކުންފުނިތަކުން ވަޒީފާ ދިނުމަށް އެދުމުން، މިހާރުގެ މާލީ ހާލަތަށް ރިއާޔަތްކޮށް މަޑުޖައްސާލުމަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް
މި ވަގުތަކީ މީހުން ވަޒީފާ އަށް ނެގުމަށް އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ހިންގުމަށްޓަކައި ދޭން ޖެހޭ ވަޒީފާތައް ދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ވަގުތަކީ ވަޒީފާތަކަށް މީހުން ނެގުމަށް ދަތިވެދާނެ ދުވަސްކޮޅެއް ކަމަށެވެ. އެގޮތުން ކޭޝްފްލޯ ހުރި ގޮތުން ވަޒީފާތަކަށް މީހުން ނެގުމަށް ދަތިވާނެ ކަމަށް ރައީސް މުއިއްޒު ވެސް ވިދާޅުވެފައި ވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ސަރުކާރު ހިންގުމަށް ބޭނުންވާ މުވައްޒަފުން ނަގައި، ފަށާފައިވާ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ.
ފަށާފަ ހުރި ޕްރޮޖެކްޓްތަކަށް ނުވަތަ ހިނގަމުން ދާ ކަމަކަށް ނުވަތަ ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ބަޔަކު ނަގަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެން މިހާރު ހަމަ ވަރަށް ބޮޑަށް ރެސްޓްރިކްޓް ކޮށްގެން މިދަނީ. މިއަދުވެސް ބައެއް ވަޒީފާތަކަށް މީހުން ނެގުމަށް ބޭނުންވެގެން ބައެއް ކުންފުނިތަކުން ގުޅި. ގުޅީމަވެސް އަޅުގަނޑު ބުނިން އިހަށް މަޑު ކުރާށޭ. އެއީ ބައެއް ޕްރޮޖެކްޓްތަކަށް. އަޅުގަނޑުމެންނަށް މިހާރު މިދާ ކޭޝްފްލޯ ހުރި ގޮތުން ބައެއް ފަހަރު ދަތިވެދާނެ ކަމަށް ރައީސް ވެސް ވިދާޅުވެފަ އެބަ އޮތޭ. އެހެންވީމަ ވަރަށް ބޮޑަށް ވިސްނައިގެންނޭ މީހުން ނަގަން ޖެހޭނީ. މިއަދު އަޅުގަނޑާ ވާހަކަދެއްކެވި ބައެއް މީހުން ކައިރީގަ ވެސް ދެންނެވިން،ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މިނިސްޓަރު އެހެން ވިދާޅުވި އިރު ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީ ކުރުމަށްޓަކައި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން އިންތިޚާބާ ދިމާކޮށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަން ސަރުކާރުން އިއުލާނު ކޮށްފައި ވެ އެވެ. އަދި އެފްއެސްއެމްއާއި އެމްޓީސީސީ އިން ވެސް ވަޒީފާތައް އިއުލާނު ކޮށްފައިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ، ކަންބޮޑުވުން ފާޅު ކޮށްފައި ވެ އެވެ.
އެ ޕާޓީ އިން ވަނީ މި ސަރުކާރުން ވޯޓު ހޯދުމަށްޓަކައި ހަމައެކަނި ކުރަމުންދާ ކަމަކީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިނުން ކަމަށް ބުނެ އެކަން އެޗްއާރްސީއެމް ގެ ސަމާލު ކަމަށް ވެސް ގެނަސްފަ އެވެ. އެމްޑީޕީ އިން ބުނެފައި ވަނީ ވަޒީފާތައް ދެމުންގޮސް ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި މިއަދު 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށެވެ.





