Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ މަޝްރޫއުގައި ނިއުކްލިއަރު ހަތިޔާރު ނުއުފެއްދުމަށާއި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ޝަރުތުކޮށްފައިވާއިރު، އީރާނުން ވަނީ މި ހުށަހެޅުންތައް ބޭރުކޮށްލައި ހަނގުރާމައިގެ ބަދަލު ހޯދުން ހިމެނޭ ގޮތުން ފަސް ޝަރުތެއް ކުރިމަތިކޮށްފައި. އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް ބުނެ އީރާނުގެ މަޖިލީހުގެ ރައީސް މި ވާހަކަތައް ދޮގުކުރެއްވި ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ އީރާނުން އޮތީ ސުލްހައަށް ބޭނުންވެފައި ކަމަށް. މި ދަނޑިވަޅަކީ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ވަގުތެއް ކަމުން ސަރަހައްދީ މަސްރަހު ވަނީ ނުތަނަވަސްވެފައި.

ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 00:42
އިޒްރޭލުން އީރާނަށް އާ ހަމަލާތަކެއް ދޭން ފަށާފައިވާކަން އިއުލާނުކޮށް، 2026 މާރިޗު 1 ވަނަ ދުވަހު ތެހެރާންގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، އެ ސިޓީގެ މަތިން ދުން އަރަމުންދަނީ.

އިޒްރޭލުން އީރާނަށް އާ ހަމަލާތަކެއް ދޭން ފަށާފައިވާކަން އިއުލާނުކޮށް، 2026 މާރިޗު 1 ވަނަ ދުވަހު ތެހެރާންގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، އެ ސިޓީގެ މަތިން ދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް

އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނަށް އީރާނުން ނޫނެކޭ ބުނެފި އެވެ.

އެ މީޑިއާއިން ނަން ހާމަނުކުރާ "ސިޔާސީ އަދި ސަލާމަތީ އިސް އޮފިޝަލަކާ" ހަވާލާދީ ބުނެފައިވަނީ، ހަނގުރާމަ ނިންމުމަށްޓަކައި އީރާނުން ފަސް ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ނުވަތަ ރެޕަރޭޝަންސް ދިނުން ހިމެނެއެވެ.

އީރާނުގެ މި ޝަރުތުތަކާއި ޓްރަމްޕްގެ ހުށަހެޅުންތަކާ އެއްވެސް އެއްގޮތްކަމެއް ނެތެވެ. އިޒްރޭލުގެ ޗެނަލް 12 އިން އާންމުކޮށްފައިވާ ޓްރަމްޕްގެ ހުށަހެޅުންތަކުގެ ތެރޭގައި، އީރާނުން ނިއުކްލިއަރު ހަތިޔާރު ނުއުފެއްދުމަށް އިގުރާރުވުމާއި، ސްޓްރެޓެޖިކް ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެއެވެ. މި ހުށަހެޅުންތަކަކީ އެމެރިކާގެ އޮފިޝަލުންވެސް އެފަދަ ހުށަހެޅުންތަކެއް ހުރިކަން ކަށަވަރުކޮށްދީފައިވާ ކަންކަމެވެ.

މި ހަނގުރާމަ ފެށުނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން އީރާނުން ވަނީ ގަލްފް ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ހަމަލާދީ، ހަނގުރާމަ ފުޅާކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ އީރާނުން އޮތީ މަޝްވަރާތަކަށް "ބޭނުންވެފައި" ކަމަށާއި، އީރާނުގެ މަންދޫބުން އެމެރިކާއަށް "ވަރަށް މުހިންމު ހަދިޔާއެއް" ދީފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ވިދާޅުވި ގޮތުގައި އެ "ހަދިޔާ" އަކީ ތެލާއި ގޭހުގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިއާ ގުޅުންހުރި ކަމެކެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.

އެހެންނަމަވެސް، އީރާނުގެ މަޖިލީހުގެ ރައީސް ވަނީ މަޝްވަރާކުރާ ކަމަށް ބުނާ ވާހަކަތައް މުޅިން ދޮގުކުރައްވާފައެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި، މިއީ މާލީ ބާޒާރާއި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާ އާއި އިޒްރޭލު ތާށިވެފައިވާ މަޅިން ސަލާމަތްވުމަށް ފަތުރާ "ދޮގު ޚަބަރު" ތަކެއް ކަމަށެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ފުރިހަމަކުރަންޖެހޭ ގިނަ ޑިމާންޑްތަކެއް އެމެރިކާގެ ހުށަހެޅުމުގައިވެއެވެ.

މި ހުށަހެޅުންތައް ބިނާވެފައިވަނީ މި ހަނގުރާމަ ފެށުމަށް އެމެރިކާގެ އޮފިޝަލުން ދެއްކެވި މައިގަނޑު ސަބަބުގެ މައްޗަށެވެ. އެއީ އީރާނުން ނިއުކްލިއަރު ހަތިޔާރު އުފެއްދުން ހުއްޓުވުމާއި، އެ ގައުމުގެ މިސައިލް ޕްރޮގްރާމުގެ ނުރައްކާ ނައްތާލުމެވެ. ނަމަވެސް އީރާނުން ނިއުކްލިއަރު ހަތިޔާރު އުފައްދާ ކަމަށް ކުރާ ތުހުމަތުތަކަށް އެއްވެސް ހެއްކެއް ނެތްއިރު، އީރާނުން އަބަދުވެސް އެކަން ދޮގުކުރެއެވެ.

އެމެރިކާގެ ހުށަހެޅުމުގައި ވަނީ، އީރާނުން ދުވަހަކުވެސް ނިއުކްލިއަރު ހަތިޔާރު ނުއުފައްދާނެ ކަމަށް އިގުރާރުވުމަށާއި، ނިއުކްލިއަރު މަރުކަޒުތައް އުވާލައި، އެ ގައުމުގައި ހުރި ޔުރޭނިއަމްގެ ރިޒާވް އދ. ގެ ނިއުކްލިއަރު އެޖެންސީ (އައި.އޭ.އީ.އޭ) އާ ހަވާލުކުރުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އެޖެންސީން އެކަންކަން މޮނިޓަރ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އީރާނުގެ މިސައިލް ޕްރޮގްރާމުގެ ރޭންޖާއި މިސައިލްގެ އަދަދު މަދުކުރުމަށް އެއްބަސްވުންވެސް މި ހުށަހެޅުމުގައި ހިމެނެއެވެ.

ހަމައެއާއެކު، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ ލުބުނާނުގެ ހިޒްބުالله، ޣައްޒާގެ ހަމާސް އަދި ޔަމަނުގެ ހޫޘީންނަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އީރާނުން ހުއްޓާލުމަށްވެސް އެމެރިކާ އިން ވަނީ ހުށަހަޅާފައެވެ.

އަދި ހޮރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ މިނިވަން ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ހުޅުވާލުމަށްވެސް އީރާނަށް ވަނީ ޝަރުތުކޮށްފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދު ހީނަރުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މި ހުރިހާ ކަމަކަށް އީރާނުން އެއްބަސްވެއްޖެނަމަ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލާނެ ކަމަށް އެމެރިކާގެ ސުލްހައިގެ މަޝްރޫއުގައި ބުނެފައިވެއެވެ.

އީރާނުގެ ނިއުކްލިއަރު މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާއިން ބޮން އެޅުމާ ގުޅިގެން، އީރާނުން ނިއުކްލިއަރު އިންސްޕެކްޝަންތައް ހުއްޓާލުމުން، މިދިޔަ ނޮވެމްބަރު މަހު ވަނީ އެ ގައުމާ ދެކޮޅަށް އަލުން ފުރިހަމަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ޕްރެސް ޓީވީން ރިޕޯޓްކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ފަސް ޝަރުތުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ "ދުޝްމަނުން ދެމުންދާ ހަމަލާތަކާއި މީހުން މެރުން" މުޅިން ހުއްޓާލުމެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އީރާނުގެ ނުފޫޒު ކަނޑުވާލާނެ ކަމަށެވެ. ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު އިޒްރޭލުން ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، އީރާނުގެ އިސް ގިނަ އޮފިޝަލުންތަކެއް ވަނީ ބަޑިޖަހައި ނުވަތަ ހަމަލާދީ މަރާލާފައެވެ.

އީރާނުގެ އަނެއް ޝަރުތަކީ "އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އަލުން ހަނގުރާމައެއް ފެށިޔަނުދޭނެ ކަމުގެ ވަރުގަދަ ޔަގީންކަމެއް" ދިނުމެވެ. ނަމަވެސް މިފަދަ ޔަގީންކަމެއް ދޭނީ ކޮން ގައުމުތަކަކުން ކަމެއް އަދި އެކަން މޮނިޓަރ ކުރާނީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ.

އިގްތިސާދީ ގޮތުން އީރާނުން އެދެނީ ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮތުމަށެވެ.

މީގެ އިތުރުން، ސަރަހައްދުގައި ތިބި އީރާނުގެ ބައިވެރިންނަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމަށްވެސް ތެހެރާނުން ޝަރުތުކުރެއެވެ.

އިޒްރޭލުން ވަނީ ހިޒްބުالله އާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. އަދި އިޒްރޭލުގެ އުތުރަށް ދޭ ހަމަލާތައް ހުއްޓާލަންދެން، ލުބުނާނުގެ އެތެރޭގައި ހަދާފައިވާ ބަފަރ ޒޯންގައި އިޒްރޭލު ސިފައިން ތިބޭނެ ކަމަށް މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

ޕްރެސް ޓީވީން ބުނާ ގޮތުގައި، މިހާރު ހުށަހަޅާފައިވާ ޝަރުތުތަކަކީ ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން ފެބްރުއަރީ މަހު ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި އީރާނުން ހުށަހެޅި ކަންކަމުގެ އިތުރުން ހުށަހެޅި ކަންކަމެވެ.

ކުރިއަށް އޮތް ތަނުގައި އެއްވެސް މަޝްވަރާއެއް ހިނގާނަމަ، އެކަން އިސްވެ ކުރިއަށް ގެންދާނީ ޓްރަމްޕްގެ ސުލްހައިގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ ކަމަށް ބެލެވެއެވެ.

އެމެރިކާގެ މި ސުލްހައިގެ ހުށަހެޅުންތައް ވައްތަރީ، ޣައްޒާގައި އިޒްރޭލާއި ހަމާސްއާ ދެމެދު ދެ އަހަރަށްވުރެ ގިނަ ދުވަހު ހިނގި ހަނގުރާމަ ހުއްޓުވުމަށް މި މަންދޫބުން ގެންގުޅުނު އުސޫލާއެވެ.

އެ އުސޫލަށް އަމަލުކުރާނަމަ، އެމެރިކާގެ ހުށަހެޅުމުގެ ތަފްސީލުތަކަށް އެއްބަސްވުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ހަނގުރާމަ ހުއްޓާލުމުގެ އިއުލާނެއް ނެރުމަށެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ބުނާ ގޮތުގައި، މި ދަނޑިވަޅުގައި އީރާނަށް ދޭ ހަމަލާތައް މެދުކަނޑާލުމަކީ އިޒްރޭލުގެ ވެރިން އެހާ ގަބޫލުކަމަކަށް ނުވެދާނެއެވެ. ޣައްޒާގެ މަޝްވަރާތަކުގައިވެސް ހަނގުރާމަ ހުއްޓާލުމާ މެދު ނަތަންޔާހޫ މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރެއްވިއެވެ.

އިޒްރޭލުގެ އިގްތިސާދީ ވަޒީރު ނިރް ބަރްކަޓް ބީބީސީއަށް ވިދާޅުވީ، ޓްރަމްޕްގެ ޝަރުތުތަކަށް އީރާނުން އެއްބަސްވުމަކީ ދުރު ކަމެއް ކަމަށެވެ.

ބަރްކަޓް ވިދާޅުވީ، އެއްބަސްވުމަކަށް އާދެވުނަސް ނުވަތަ ނާދެވުނަސް، މި ހަނގުރާމަ ނިމޭއިރު އިޒްރޭލުގެ މަގްސަދުތައް ހާސިލުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އީރާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ.

އެމެރިކާއާ ވާހަކަދައްކަނީ ކޮން ބައެއްކަން ޓްރަމްޕް ހާމަނުކުރެއްވި ނަމަވެސް، ވިދާޅުވީ "އަޅުގަނޑުމެން މުއާމަލާތް ކުރަމުން މިދަނީ ރަނގަޅު މީހުންނާ" ކަމަށެވެ.

އީރާނުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަކަށް ނުބެލެވެއެވެ. ފެބްރުއަރީ 28 ގައި ބައްޕާފުޅު އަވަހާރަވި ހަމަލާގައި ޒަޚަމްވި ފަހުން މުޖްތަބާ ޚާމަނާއީ އާންމުންނަށް ފެނިފައެއް ނުވެއެވެ.

އީރާނުގެ މިހާރުގެ ލީޑަޝިޕުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމަކީ އެހާ ގަބޫލު ކަމެއް ނޫނެވެ. އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ހަމަލާތައް ފެށުނީއްސުރެ އެމެރިކާ އަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫންކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

މި ހަމަލާތައް ދޭން ފެށީވެސް، ނިއުކްލިއަރު އާ އެއްބަސްވުމަކަށް އައުމަށް ދެ ފަރާތުން މަޝްވަރާކޮށް، ބައެއް ކުރިއެރުންތައް ލިބެމުންދަނިކޮށެވެ.

ސުލްހައިގެ މި ހުށަހެޅުންތައް އައިސްފައިވަނީ އެމެރިކާގެ އެތައް ހާސް ސިފައިންނެއް އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ސިފައިންގެ މިޝަނަކީ ކޮބައިކަން ސާފުނުވި ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ބޭނުންކުރާނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ނުވަތަ އީރާނުގެ ބައެއް ސަރަހައްދުތައް ހިފުމަށެވެ.

މަސްދަރު: ބީބީސީ

ޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅިނިއުކްލިއަރ ހަތިޔާރުމުހައްމަދު ބާގިރު ގަލިބާފްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް

އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް

24 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގަތަރުން ބުނެފި

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގަތަރުން ބުނެފި

24 މާރިޗު 2026
އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

24 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު