Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަކޮށްލުމަށް ވިސްނައިދިނުމަށް ނަތަންޔާހޫ ޓްރަމްޕް އަށް ކުރި ފޯނު ކޯލުގެ މައުލޫމާތު ހާމަވެއްޖެ

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބާރުއެޅުއްވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ހުއްދަ ދެއްވައި "އޮޕަރޭޝަން އެޕިކް ފިއުރީ" ކުރިއަށް ގެންދެވިކަން ހާމަވެއްޖެ. މި ހަމަލާގައި ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގެ ވެރިކަން ބަދަލުވާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، އެގައުމުގެ އާ ލީޑަރަކަށް އައްޔަންކުރި މުޖުތަބާ ޚާމަނާއީ އަކީ އެމެރިކާއާ މެދު މާ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ރިޕޯޓުތައް ބުނޭ. މި އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވެ، ދެފަރާތުގެ ގިނަ ބަޔަކު މަރުވެ ތެލުގެ އަގުވެސް ވަނީ އުފުލިފައި.

ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 02:02
ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި 2025 އޭޕްރީލް 07 ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަލްވަދާއު ވިދާޅުވަނީ.

ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި 2025 އޭޕްރީލް 07 ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަލްވަދާއު ވިދާޅުވަނީ. | ގެޓީ އިމޭޖަސް


އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ވަރުގަދަ ހަމަލާތައް ފެށުމުގެ 48 ގަޑިއިރުހާ އިރު ކުރިން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި، މި ހަނގުރާމަ ފެށުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. 

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އަރިސް އިސްވެރިން ތެހެރާންގައި ހުންނަ ކޮމްޕައުންޑެއްގައި ބައްދަލުކުރައްވަން އުޅޭކަމުގެ މައުލޫމާތު، އެ ހަފުތާގެ ކުރީކޮޅު ލިބުނު އިންޓެލިޖެންސް ރިޕޯޓުތަކުން ޓްރަމްޕާއި ނަތަންޔާހޫއަށް ވަނީ އެނގިވަޑައިގެންފައެވެ. މިއީ ގައުމެއްގެ އެންމެ އިސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން އާންމުކޮށް ދޭ "ޑެކެޕިޓޭޝަން ސްޓްރައިކް" ނުވަތަ އިސްވެރިން ނައްތާލުމުގެ ހަމަލާއެއް ދިނުމަށް ލިބުނު ފުރުސަތެއް ކަމަށްވެއެވެ. 

ނަމަވެސް، އެ ބައްދަލުވުން ކުރިން ތާވަލުކުރި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ބަދަލުގައި، ހޮނިހިރު ދުވަހުގެ ހެނދުނަށް އަވަސްކޮށްފައިވާކަން އާ އިންޓެލިޖެންސް މައުލޫމާތުން އެނގުނު ކަމަށް އެ ފޯން ކޯލުގެ މައުލޫމާތު އެނގޭ ތިން ފަރާތަކުން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެއެވެ.

މި ފޯން ކޯލުގެ މައުލޫމާތު މީގެކުރިން މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

ދިހަވަރަކަށް އަހަރު ވަންދެން ނަތަންޔާހޫ ބާރުއަޅުއްވަމުން ގެންދެވި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އޭނާ ހުންނެވީ ވަރަށް ބޮޑަށް އަޒުމް ކަނޑައަޅުއްވައިގެން ކަމަށްވެއެވެ. ޚާމަނާއީ އަވަހާރަކޮށްލުމަށާއި، މީގެކުރިން ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ކުރި މަސައްކަތްތަކުގެ ބަދަލުހިފުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށް ނަތަންޔާހޫ ޓްރަމްޕް އަށް ދެންނެވިއެވެ. އޭގެ އިތުރުން 2024 ވަނަ އަހަރު ޓްރަމްޕް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވަނިކޮށް، އީރާނުން ރާވައިގެން މީހަކަށް ފައިސާދީގެން ޓްރަމްޕް އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލަ އެއް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާގެ ތެރޭގައި މީހުން މަރަން މީހުން ރެކްރޫޓްކުރަން އުޅުނު ކަމުގެ ތުހުމަތު ޕާކިސްތާނު މީހެއްގެ މައްޗަށް ކޮށްފައެވެ.

ޓްރަމްޕް އާއި ނަތަންޔާހޫގެ ފޯން ކޯލު ކުރެވުނުއިރު، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ޓްރަމްޕް އޮތީ ހުއްދަ ދެއްވާފައެވެ. ނަމަވެސް އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނީ ކޮން ވަގުތަކު، ކޮން ހާލަތެއްގައި ކަން އޭރު ނިންމަވާފައި ނުވާކަމަށް، ސަރުކާރުގެ އެތެރޭގެ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ފައުޖުތައް ވަރުގަދަކުރަމުންދާތާ ހަފުތާތަކެއް ވެގެން ދިޔައިރު، ސަރުކާރުގެ ގިނަ ބަޔަކު ގަބޫލުކުރީ މިއީ ހަމައެކަނި ރައީސް ޓްރަމްޕް އެކަމަށް އަމުރުކުރައްވާނެ ވަގުތެއްގެ އިންތިޒާރުގައި އޮތް ކަމެއްގެ ގޮތުގައެވެ. އޭގެ ދުވަސްކޮޅެއް ކުރިން ހަމަލާދޭން އުޅުނު ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެކަން އޮތީ މަޑުޖެހިފައެވެ.

އެންމެ ފަހުން ހަމަލާ ދިނުމުގެ އަމުރު ނެރުއްވުމުގައި ނަތަންޔާހޫގެ ވާހަކަތަކުން ޓްރަމްޕަށް އަށް ކުރިމަތިވި ޕްރެޝަރެއް ރޮއިޓާސްއަށް ސާފު ނުވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މި ފޯން ކޯލަކީ ނަތަންޔާހޫގެ ފަރާތުން ޓްރަމްޕަށް ހުށަހެޅި ނަތީޖާ ނެރެވޭނެ ހުށަހެޅުމެއް ކަމަށް ވެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، މި ފޯން ކޯލާއި އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅިގެން، ފެބްރުއަރީ 27 ވަނަ ދުވަހު "އޮޕަރޭޝަން އެޕިކް ފިއުރީ" ކުރިއަށް ގެންދިއުމަށް ޓްރަމްޕް އެންމެ ފަހުގެ ނިންމެވުން ނިންމެވިއެވެ. ހުޅަނގުގެ ގައުމުތަކުން ނުރުހޭ އީރާނުގެ ލީޑަޝިޕް ނައްތާލުމުގައި އެހީތެރިވެދީގެން ޓްރަމްޕަށް ތާރީޚުގެ ތެރެއަށް ވަދެވިދާނެ ކަމަށް ނަތަންޔާހޫ ޓްރަމްޕް އަށް ދެންނެވިއެވެ. އަދި 1979 އިން ފެށިގެން އީރާނުގައި އޮތް ދީނީ ވެރިކަން ވައްޓާލުމަށް ރައްޔިތުން މަގުތަކަށް ނުކުމެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ބޮންތައް އެޅީ ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެ ދުވަހުގެ އިރުއޮއްސުނުއިރު، ޚާމަނާއީ އަވަހާރަވެއްޖެކަން ޓްރަމްޕް އިއުލާން ކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު އެނާ ކެލީ ވިދާޅުވީ، މި އަސްކަރީ އޮޕަރޭޝަނަކީ އީރާނުގެ ބެލިސްޓިކް މިސައިލް އުފެއްދުމުގެ ގާބިލުކަން ނައްތާލުމަށާއި، އެގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލުމަށާއި، ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުމަކީވެސް މީގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވަނީ، އިޒްރޭލުން އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވެއްދި ކަމަށް ބުނާ ވާހަކަތަކަކީ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރު ކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕް ކުރައްވަންވީ ކަންކަން އެހެން މީހަކަށް ބުނެދެވިދާނެ ކަމަށް އެއްވެސް މީހަކު ގަބޫލުކުރޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ޓްރަމްޕްވެސް އާންމުކޮށް ވިދާޅުވެފައިވަނީ ހަމަލާދިނުމުގެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ.

ރޮއިޓާސްގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ނަތަންޔާހޫ ޓްރަމްޕަށް މަޖުބޫރުކުރީއެއް ނޫނެވެ. ނަމަވެސް، ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ލީޑަރު ނައްތާލުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ނަތަންޔާހޫ ދެއްކެވި ވާހަކަތަކަކީ ޓްރަމްޕްގެ ނިންމެވުމަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވި ކަމެއް ކަމަށްވެ އެވެ.

ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މާރިޗު މަހުގެ ކުރީކޮޅު ވިދާޅުވީ، މި އޮޕަރޭޝަނުގެ އެއް މަގްސަދަކީ ބަދަލުހިފުން ކަމަށެވެ. އީރާނުން ޓްރަމްޕް މަރާލަން އުޅުނު ނަމަވެސް، އެންމެ ފަހުން ކާމިޔާބު ހޯއްދެވީ ޓްރަމްޕް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫން މަހުގެ ހަމަލާ އަމާޒުކުރީ ނިއުކްލިއާ އަދި މިސައިލް މަރުކަޒުތަކަށް

2024 ވަނަ އަހަރުގެ ކެމްޕޭންގައި ޓްރަމްޕް ގެންގުޅުއްވީ "އެމެރިކާ ފަސްޓް" ސިޔާސަތެވެ. އަދި އީރާނާއެކު ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި ޑިޕްލޮމެޓިކް މަގުން ކަންކަން ހައްލުކުރަން ބޭނުންވާ ކަމަށް އޭރު ވިދާޅުވިއެވެ.

ނަމަވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވުނު ކަމަށް ނިންމާ، ޓްރަމްޕް ހަމަލާދިނުމާ މެދު ވިސްނަވަން ފެއްޓެވިއެވެ. ފުރަތަމަ ހަމަލާ ދިނީ ޖޫން މަހު އިޒްރޭލުންނެވެ. އެ ހަމަލާގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި މިސައިލް ސައިޓުތަކަށް ބޮން އަޅައި، ބައެއް ލީޑަރުން މަރާލިއެވެ. ފަހުން އެމެރިކާ ސިފައިންވެސް އެ ހަމަލާތަކުގައި ބައިވެރިވިއެވެ. 12 ދުވަހަށް ދެމިގެންދިޔަ އެ އޮޕަރޭޝަނަށްފަހު، އީރާނުގެ ނިއުކްލިއާ މަރުކަޒުތައް އެމެރިކާއިން ސުންނާފަތިކޮށްލައިފި ކަމަށް ވިދާޅުވެ ޓްރަމްޕް އުފާފާޅުކުރެއްވިއެވެ.

އޭގެ މަސްތަކެއް ފަހުން، އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުމަށްޓަކައި ދެވަނަ ފަހަރަށް ވައިގެ ހަމަލާތަކެއް ދިނުމަށް އެމެރިކާ އާއި އިޒްރޭލާ ދެމެދު މަޝްވަރާ ފެށުނެވެ.

އިޒްރޭލުން ބޭނުންވީ ޚާމަނާއީ އަވަހާރަކޮށްލާށެވެ. އެއީ އިޒްރޭލަށް މިސައިލް ހަމަލާތައް ދީ، ހަމާސް އާއި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް އެހީތެރިވެދޭ އެންމެ ބޮޑު ދުޝްމަނު ކަމަށްވާތީ ކަމަށް ބުނެފައިވެއެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ބުނި ގޮތުގައި، އިޒްރޭލުން ފުރަތަމަ ރޭވީ އެކަނި މި ހަމަލާ ދިނުމަށެވެ. ނަމަވެސް ޑިސެމްބަރު މަހު ޓްރަމްޕްގެ މާ-އަ-ލާގޯ އެސްޓޭޓަށް ކުރެއްވި ޒިޔާރަތުގައި، ޖޫން މަހުގެ އޮޕަރޭޝަނުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ޓްރަމްޕް ދެވަނަ ފަހަރަށް ބޮން އެޅުމަށް ތާއީދުކުރެއްވި ނަމަވެސް، އަދިވެސް އެއްފަހަރު ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު ދޭން ބޭނުންފުޅުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް ދެ ހާދިސާއެއްގެ ސަބަބުން ޓްރަމްޕްގެ ވިސްނުން ބަދަލުވިއެވެ. އެއީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރަން ހިންގި އޮޕަރޭޝަން ކާމިޔާބު ވުމާއި، އީރާނުގެ ތެރޭގައި ފެށުނު ސަރުކާރާ ދެކޮޅު މުޒާހަރާތަކެވެ. ޓްރަމްޕް ވަނީ އެ މުޒާހަރާތަކުގެ ބައިވެރިންނަށް އެހީވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ފެބްރުއަރީ މަހު ނަތަންޔާހޫ ވޮޝިންޓަނަށް ކުރެއްވި ޒިޔާރަތުގައި، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ނުރައްކާތެރިކަމާ ގުޅޭ މައުލޫމާތު ޓްރަމްޕަށް އެރުވިއެވެ. އަދި މި މިސައިލްތަކުން އެމެރިކާއަށް ވެސް ހަމަލާދީފާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރެއްވިއެވެ.

ޓްރަމްޕަށް ލިބުނު ތާރީޚީ ފުރުސަތު

ފެބްރުއަރީ މަހުގެ ފަހުކޮޅާ ހަމައަށް އައި އިރު، އެމެރިކާއިން އީރާނަށް ހަމަލާދޭނެކަން ގާތްގަނޑަކަށް އޮތީ ކަށަވަރުވެފައެވެ. އީރާނުގެ މިސައިލް ޕްރޮގްރާމް ހަލާކުކޮށްލުމުން ލިބޭނެ ފައިދާތަކުގެ މައުލޫމާތު ޕެންޓަގަންއިން ޓްރަމްޕަށް އެރުވިއެވެ.

ނަތަންޔާހޫ އާއި ޓްރަމްޕްގެ ފޯން ކޯލުގެ ކުރިން، ފެބްރުއަރީ 24 ގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ކޮންގްރެސްގެ ލީޑަރުންނަށް މައުލޫމާތު ދެއްވާފައެވެ. އެމެރިކާއިން ބައިވެރިވިޔަސް ނުވިޔަސް އިޒްރޭލުން އީރާނަށް ހަމަލާދޭނެ ކަމަށާއި، އޭގެ ބަދަލުގައި އީރާނުން އެމެރިކާގެ އަމާޒުތަކަށް ހަމަލާދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންޒާރަކީ އީރާނުން ބަދަލުހިފާނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިން އިންޒާރެއް ކަމަށްވެއެވެ.

ހަނގުރާމަ ފެށުމާއެކު އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގެއްލުންވެ، 2,300 އަށްވުރެ ގިނަ އީރާނުގެ އާންމުންނާއި އެމެރިކާގެ 13 ސިފައިން މަރުވިއެވެ. އަދި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައެވެ.

އީރާނުގެ އިސްވެރިން އަވަހާރަކޮށްލުމުން، އެމެރިކާއާއެކު މަޝްވަރާކުރަން ބޭނުންވާ އާ ސަރުކާރެއް އީރާނަށް އަތުވެދާނެ ކަމުގެ އުންމީދުވެސް ޓްރަމްޕަށް ދީފައިވެއެވެ. މިއީ ހަމަލާދިނުމުގެ އަމުރު ނެރުއްވުމުގެ ކުރިން ނަތަންޔާހޫ ޓްރަމްޕަށް ވިސްނައިދިނުމަށް ބޭނުން ކުރި އެންމެ މުހިންމު ހުއްޖަތު ކަމަށްވެއެވެ.

ނަމަވެސް ސީ.އައި.އޭ އިން ގަބޫލުކުރި ގޮތުގައި، ޚާމަނާއީ އަވަހާރަވި ނަމަވެސް  އޭނާގެ ބަދަލުގައި އަންނާނީވެސް ހަރުކަށި ވިސްނުމުގެ ލީޑަރެކެވެ.

ޚާމަނާއީ އަވަހާރަވުމާއެކު، އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް ޓްރަމްޕް ތަކުރާރުކޮށް ގޮވާލެއްވިއެވެ. ނަމަވެސް ހަނގުރާމައަށް ހަތަރު ހަފުތާ ވެގެންދިޔައިރުވެސް، އީރާނުގެ މަގުތައް އޮތީ ސިފައިންގެ ބާރުގެ ދަށުގައެވެ.

ޚާމަނާއީގެ ބަދަލުގައި އީރާނުގެ އާ އެންމެ މަތީ ވެރިޔަކަށް މިހާރު އައްޔަންކޮށްފައިވަނީ އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއެވެ. އޭނާއަކީ ބައްޕާފުޅަށް ވުރެ ވެސް ބޮޑަށް އެމެރިކާއާ ދެކޮޅު ބޭފުޅެއް ކަމަށް ބެލެވެއެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫއާޔަތުﷲ މުޖުތަބާ ޚާމަނާއީއީރާން-އިޒްރޭލްއޮޕަރޭޝަން އެޕިކް ފިއުރީއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނަށް ހަމާލާ ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޖެރަލްޑް އާރް ފޯޑް އަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން ސަރަހައްދު ދޫކޮށް ހިނގައްޖެ

އީރާނަށް ހަމާލާ ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޖެރަލްޑް އާރް ފޯޑް އަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން ސަރަހައްދު ދޫކޮށް ހިނގައްޖެ

24 މާރިޗު 2026
އީރާނުގެ ހަމަލާތަކުން ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

އީރާނުގެ ހަމަލާތަކުން ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

24 މާރިޗު 2026
އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

24 މާރިޗު 2026
"ނިހާއީ ކާމިޔާބީއާ ހަމައަށް": އީރާނުން ދުޝްމަނުންގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯންގެ 77 ވަނަ ހަމަލާގެ ރާޅު ފޮނުވާލައިފި

"ނިހާއީ ކާމިޔާބީއާ ހަމައަށް": އީރާނުން ދުޝްމަނުންގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯންގެ 77 ވަނަ ހަމަލާގެ ރާޅު ފޮނުވާލައިފި

24 މާރިޗު 2026
ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

24 މާރިޗު 2026

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު