"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"
އެއްކޮޅުން ޤައުމުތަކުން ސަރުކާރާއި ދައުލަތުގެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބަދަލުގެނެސް، އައު ފިޔަވަޅުތައް އަޅަމުންދާއިރު، އަނެއްކޮޅުން ދިވެހި ސަރުކާރުގެ އެކި ކުންފުނިތަކާއި އެސްއޯއީތަކަށް ފުލުފުލުގައި މުވައްޒަފުން ނަގަމުންދަނީ.


ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު | މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެ އޮތީ ހާސްކަމެއްގެ ތެރޭގައެވެ. ބޭރު ދުނިޔޭގެ ޚަބަރުތަކަށް ބަލާއިރުވެސް ފެންނަމުންދަނީ ދުރާލާ އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ވާހަކައެވެ. ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ތައިލެންޑުގެ ބައެއް އޮފީސްތަކުން ވޯކް ފްރޮމް ހޯމް ނުވަތަ ގޭގައި މަސައްކަތް ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ. ފިލިޕީންސްގައިވެސް ސަރުކާރުގެ އިދާރާތަކުގައި މިފަދަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.
އަވައްޓެރި ބަނގްލަދޭޝްއާއި ޕާކިސްތާނު ފަދަ ޤައުމުތަކަށް ބަލާއިރު، ހަކަތަ ބޭނުންކުރާ މިންވަރު މަދު ކުރުމަށް ސްކޫލުތައް ހުޅުވާ ވަގުތު ވަނީ މަދުކޮށްފައެވެ.
ބޭރުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރުވެސް އޭޝިއާ ބައްރުގެ ގިނަ ޤައުމުތަކަށް ގެނެސްފައިވާ 59 އިންސައްތަ ތެލަކީ މެދުއިރުމައްޗަށް ބަރޯސާވެ ހޯދާފައިވާ ތެލެވެ. އެހެންކަމުން މެދުއިރުމަތީގެ ހަނގުރާމަ ގޯސްވެ، ދިގުލައިގެންދާ މި ދަނޑިވަޅުގައި ޤައުމުތަކުން ގެންދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ބައެއް އިތުރު ޤައުމުތަކަށް ބަލާއިރު، ދެކުނު ކޮރެއާއިން ވަނީ ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ޤައުމުން ވިއްކާ ޑޮމެސްޓިކް ތެލުގެ ސީލިންގ އެއް ކަނޑައަޅާފައެވެ. އަވައްޓެރި އިންޑިއާއިން ވަނީ ފްލައިޓު ދަތުރުތައް ލިމިޓުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ޤައުމުތަކުން ތެޅި ފޮޅެނީއެވެ.
އެހެންނަމަވެސް ރާއްޖެތޯއެވެ؟ ރާއްޖޭގެ ސަރުކާރުން އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުންވެސް ހާސްކަމެއް ނުފެނެއެވެ. ނުވިތާކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ޒަމާންތަކެއް ކޮށްފައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވިދާޅުވީ ހާސްކަމެއް ނެތް ކަމަށެވެ. ތެލުގެ ދަތިކަމެއް ނެތް ކަމަށެވެ. ދަތި ނުވެސް ވާނެ ކަމަށެވެ.
އެއްކޮޅުން ޤައުމުތަކުން ސަރުކާރާއި ދައުލަތުގެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބަދަލުގެނެސް، އައު ފިޔަވަޅުތައް އަޅަމުންދާއިރު، އަނެއްކޮޅުން ދިވެހި ސަރުކާރުގެ އެކި ކުންފުނިތަކާއި އެސްއޯއީތަކަށް ފުލުފުލުގައި މުވައްޒަފުން ނަގަމުންދަނީއެވެ. މިއަދުގެ ޚަބަރުތަކަށް ބަލާއިރު އާރްޑީސީއަށް އެކަނިވެސް 140ށް ވުރެ ގިނަ މުވައްޒަފުން އެބަ ހޯދައެވެ. ބައެއް ރަށްރަށުގެ ސައިޓުތަކަށް 9 ވަރަކަށް ސެކިއުރިޓީން ހޯދުމަށްވެސް އިއުލާނުކޮށްފައި އެބަހުއްޓެވެ. ނަމަވެސް މަޝްރޫއުތައް ހުރީ ހުއްޓިފައެވެ.
މީގެ އިތުރުން، ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން ނިންމުމާއި، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދިވެހި ސަރުކާރުގެ ހާސްކަމެއް ނެތެވެ. އެހެންވެ އެ ވާ ގޮތަކާމެދު އަޅުގަނޑުވެސް ވަރަށް ވިސްނީމެވެ. ޤައުމުތަކުން އަވަސް ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަމުންދާއިރު ދިވެހި ސަރުކާރު ކުރު އަތްމައްޗަށް އޮށޯވެލައިގެން އޮންނާނީ ޤައިމު ހާސްކަމެއް ނެތީމަތާއެވެ.
މިވާގޮތެއް ބަލަން ޚަބަރުތަކާއި އެކިއެކި ނޫސްމަޖައްލާތައް ބެލީމެވެ. މުޅިންވެސް ފެނުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޤައުމުތަކުން އަޅަމުންދާ މާލީ އަދި އިޤްތިސާދީ ފިޔަވަޅުތަކުގެ ވާހަކައެވެ. އެހިސާބުން ދެން އަޅުގަނޑު ހާވަން ފެށީ އާކައިވް އެވެ. ފަހަރުގައި ކުރީގެ ލިއެކިއުންތަކާއި ޚަބަރުތައް ބަލައިގެން މިވާގޮތެއް އެނގިދާނެކަމަށް ބަލައިގެންނެވެ.
އަސްތާއެވެ. މިވާގޮތް އެނގުނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރެއިން މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ދައްކަވާފައިވާ ވާހަކަފުޅެއް ފެނުނު ހިސާބުންނެވެ. ޝަހީމް ވިދާޅުވީ، އަރަބި ޤައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމަށެވެ. އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެން ކަމަށެވެ.
އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން އިރާދުކުރެއްވިއްޔާ، އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެންއިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް
އެހިސާބުން އަޅުގަނޑުގެ ނުތަނަވަސްކަމަށް ލުޔެއް ލިބިއްޖެއެވެ. ދިވެހި ސަރުކާރުގެ ފުށުން އެއްވެސް ހާސްކަމެއް ނުފެންނަނީ މިހެންވީމަތާއެވެ. ތެލުގެ ދަތިކަމެއް ނެތްކަމަށް ރައީސް އެ ވިދާޅުވީ މިހެންވީމަތާއެވެ.
ދެން އަނެއްކާވެސް ހިތަށް އެރިއެވެ. އެހެންވިއްޔާ ތެލުގެ އަގު ކުއްލިއަކަށް މި މައްޗަށް ދަނީ ކީއްވެބާއެވެ؟ ރާއްޖެއަށް ގޭސް އެތެރެކޮށް ވިއްކާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓް މި ކުރީ ކީއްވެބާއެވެ؟ ތާއްޓެއް އުޅެނީބާއެވެ؟ އަދި މުޅިއަކުން އެހެންވީމާ މިވާގޮތެއް ސާފެއް ނުވިއެވެ.





