ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!
ރައީސް މުޢިއްޒު ދައްކަވާ ވާހަކަ އާއި، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދަކާއި، އެމަނިކުފާނުގެ ވަޒީރުން ދައްކަވާ ވާހައަކާ އެއްވެސް ވަރަކަށް ދިމަލެއް ނުވޭ. އެހެންވާތީ، މިއީ ދެ ސަރުކާރެއް ބާއޭ ހިތަށް އަރަނީ.


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ޕީއެންސީ
އޮތީ އެއް ސަރުކާރެކެވެ. ހުންނެވީ އެންމެ ރައީސުލްޖުމްހޫރިއްޔާ އެކެވެ. ދެން އޮތީ އެ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި އޮންނެވި ވަޒީރުންގެ މަޖިލީހެކެވެ. އޭގެ ފަހަތުން ދެން ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ވެރިންނާއި، އޭގެ ދަށުން މަސައްކަތް ކުރާނެ ބޭފުޅުންނެވެ. އެހެންވީމާ މިއީ އެއް ސަރުކާރެކެވެ. އެކަމަކު، ވާހަކަތަކާއި އަމަލު ތަކުން ހީވަނީ ދެ ސަރުކާރެއް އޮތް ހެންނެވެ. އެކަމުގެ ސަބަބު ތަކެއް ވެސް އެބަ ހުއްޓެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، އެމަނިކުފާނު އައްޔަން ކުރައްވާފައިވާ، އެމަނިކުފާނުގެ ވަޒީރުން ދައްކަވާ ވާހަކަ ދިމަލެއް ނުވެ އެވެ. ވިދާޅުވަނީ މުޅިން ދެ ވާހަކަ އެވެ. ރައީސް މުޢިއްޒު ވާހަކައެއް ވިދާޅުވެއްޖެ ނަމަ، ވަޒީރުން އެ ވާހަކަ އަނެއް ކޮޅަށް ޖައްސަވާނެ އެވެ. ނުވަތ ވަޒީރަކު ވާހަކައެއް ވިދާޅުވެއްޖެ ނަމަ، ރައީސް މުޢިއްޒު އެ ވާހަކަ އަނެއް ކޮޅަށް ޖައްސަވާނެ އެވެ. ރައީސް އާއި ވަޒީރުން ދައްކަވަ ވާހަކަ ތަކުގެ ކޮޅު ދިމަލެއް ނުވެ އެވެ.
ދާދި ފަހުން ރައީސް މުޢިއްޒުގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، ސަރުކާރުން ޝީޝާ މަނާ ކުރުމުގެ ވިސްނުން ގެން ގުޅޭ ކަމަށެވެ. ޞިއްޙަތަަށް ގެއްލުންވާތީވެ، ވޭޕް މަނާ ކުރި ބީދައިން، ޝީޝާ މަނާ ކުރުމަށް ވެސް ވިސްނުން ތަކެއް އޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއާ އެކު އެކީ ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ގޮތުން ބައެއް ކަންކަން ކުރާނެ ވާހަކަ އެވެ. އެގޮތުން ހަކުރުން ދެމުން އަންނަ ސަބްސިޑީ ކަނޑާލައި، ހަކުރުގެ ބާތަތް ތަކުން ޑިއުޓީ ނެގުމުގެ ވިސްނުމެއް އޮތް ކަމަށް ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ. އެ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރުމަށް ފަހު، އެންމެ ރަނގަޅު ވަގުތުގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ޖެހިގެން އައި ރޭ ވެރިކަން ކުރާ ޕާޓީ އިން ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ދެއްކެވީ ދިމާ އިދިކޮޅު ވާހަކަ އެކެވެ. ޝީޝާ މަނާ ކުރުމާއި، ހަކުރުން ސަބްސިޑީ ކަނޑާލުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް އެމަނިކުފާނު ސާފުކޮށް، ސީދާކޮށް ވިދާޅުވި އެވެ. އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ. ތަކުރާރުކޮށް ރައީސް ވިދާޅުވީ، ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުން ކަހަލަ ކަންކަން ކުރަން ސަރުކާރުން ނޫޅޭ ކަމަށެވެ.
މި ވާހަކަ އެކަންޏެއް ނޫނެވެ. މިފަދަ ކިތަންމެ ވާހަކައެއް ވެސް އެބަ ހުއްޓެވެ. ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، ވަކި ޤައުމަކުން ބޭސް ގެނައުން ނިމުނީ ކަމަށެވެ. އަދި ދެން ބޭސް ގެންނަނީ ސީދާ ޔޫރަޕުންނާއި، އެމެރިކާ އިން ކަމަށް ރައީސް ވިދާޅުވި އެވެ. ސީދާ ޔޫރަޕު ކޮލެޓީގެ ބޭސް ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެކަމަކު، ރައީސް މުޢިއްޒުގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، އެއީ ސީދާ ޔޫރަޕުން ބޭސް ގެންނަ ވާހަކައެއް ނޫން ކަމަށެވެ. އިންޑިއާ އިން ވިޔަސް ގެންނަނީ ޔޫރަޕު ކޮމެޓީގެ ބޭސް ކަމަށް ނާޒިމް ވިދާޅުވުމާ އެކު، ރައީސް ވިދާޅުވި ވާހަކަ އާއި، ނާޒިމް ވިދާޅުވި ވާހަކަ ދިމާ ނުވެ އެ ދިޔައީ ބޯ މަތިންނެވެ.
އަންޑަ ވޯޓާ ޓަނަލްގެ ވާހަކަ ވެސް އޮތީ އެވެ. ރައީސް މުޢިއްޒު ވިދާޅުވީ މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލް އަކުން ގުޅާލައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޓަނަަލް އެޅުމަށް ބޭނުންވާ ދިރާސާ ކުރުމާއި، ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުންފުނިތަކާ އެކު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކަމަށެވެ. ކަނޑު އަޑީގެ ޓަނަލް އެޅުމަކީ ރައީސް މުޢިއްޒުގެ ވައުދެއް ނޫން ކަމަށާއި، އެއީ ރައީސް މުޢިއްޒުގެ ވިޝަންއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ދެން ވިދާޅުވީ އެއީ ހަނދަށް ދިޔުން ކަހަލަ ކަމެއް ކަމަށެވެ.
ދެން އޮތީ ޑޮލަރުގެ ވާހަކަ އެވެ. 2024 ވަނަ އަހަރުގެ ތެރޭގައި ރައީސް މުޢިއްޒު ވިދާޅުވީ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން، ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ މީހަކަށް މިހާރު ލިބޭ 500 ޑޮލަރުގެ ބަދަލުގައި، 1000 ޑޮލަރު ދެއްވާނެ ކަމަށެވެ. އަހަރުގެ ފުރަތަަމަ ކުއާޓަރު ނިމެންދާއިރު، އެ ސުވާލު ކުރުމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދަށް، ރައީސް މުޢިއްޒު އެ ވައުދުވެފައިި އޮތް ކަމެއް ވެސް އެނގިވަޑައި ނުގެންނެވި އެވެ. ވަޒީރު ވިދާޅުވީ، ރައީސް ވައުދެއް ވެފައި އޮތް ނަމަ އެކަމެއް އެގޮތަށް ފުއްދަވައި ދެއްވާނެ ކަަމަށެވެ.
މުޅިން ވެސް ހުރީ މި ޒާތުގެ ކަންކަމެވެ. ރައީސް މުޢިއްޒު ދައްކަވާ ވާހަކަ އާއި، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދަކާއި، އެމަނިކުފާނުގެ ވަޒީރުން ދައްކަވާ ވާހައަކާ އެއްވެސް ވަރަކަށް ދިމަލެއް ނުވެ އެވެ. އެހެންވާތީ، މިއީ ދެ ސަރުކާރެއް ބާއޭ ހިތަށް އަރަނީ އެވެ. ރައީސް މުޢިއްޒު ވަކި ސަރުކާރެއްގައި އުޅުއްވާފައިވާއިރު، ވަޒީރުން އުޅުއްވަނީ އެހެން ސަރުކާރެއްގައި ބާއެވެ؟





