އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން
އެމެރިކާއާއި އިޒްރޭލުން ކުރިމަތިކުރާ އުދުވާނުތަކާ ދެކޮޅަށް ގައުމީ އެއްބައިވަންތަކަން އިސްކުރުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ގޮވާލައްވައިފި. އަވަށްޓެރި ގައުމުތަކަކީ އީރާނުގެ އަޚުންގެ ގޮތުގައި ސިފަކުރައްވަމުން، އެ ގައުމުތަކަށް އަމާޒުވި ހަމަލާތަކަށް ރައީސް މައާފަށް އެދިވަޑައިގެން، ސަރަހައްދީ މައްސަލަތައް ޑިޕްލޮމެޓިކް އުސޫލުން ހައްލުކުރުމަށް ބާރުއެޅުއްވި. މީގެ އިތުރުން، ދުޝްމަނުންނަށް ފުރުސަތު ނުދޭހާ ހިނދަކު އަވަށްޓެރި ގައުމުތަކަށް ހަމަލާނުދިނުމަށް އީރާނުގެ އަސްކަރިއްޔާއަށް މިހާރު ވަނީ އަންގަވާފައި.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން. | ގެޓީ އިމޭޖަސް
އެއްވެސް ހާލަތެއްގައި އުދުވާނީ ހަމަލާތަކުގެ ކުރިމަތީގައި އީރާނުން އަމާން ނުދޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. އީރާންގެ ރައީސް ވިދާޅުވީ އީރާނުގެ ރައްޔިތުން ބޯލަނބައި ކިޔަމަންވާނެ ކަމަށް ކުރާ އުއްމީދު ދުޝްމަނުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
އާންމު ރައްޔިތުންނަށް ހޮނިހިރު ދުވަހު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޕެޒެޝްކިއަން ވަނީ އީރާނުގެ ޝަރަފުވެރި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމެރިކާއާއި ޒަޔަނިސްޓް އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ނުހައްގު އުދުވާނީ ހަނގުރާމައާ ގައުމު ކުރިމަތިލަމުންދާއިރު، މިވަގުތު ހުރި ހުރިހާ ހިޔާލުތަފާތުވުންތަކެއް އެއްފަރާތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ގައުމީ އެއްބައިވަންތަކަމަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ، ގައުމާއި ވަޒަން ދިފާއުކުރުމަށްޓަކައި ހުރިހާ އެންމެން ގަދަ އަޒުމާއެކު އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމުން ގައުމު ސަލާމަތްވެ، އަބުރުވެރިކަމާއެކު ކުރިއަށް ދެވެންދެން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ޕެޒެޝްކިއަން ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ޝަރުތަކާ ނުލައި އީރާނުން އަމާންދީފާނެ ކަމަށް ދެކޭ ދެކުމަކީ ހުވަފެނެއް ކަމަށާއި، ދުޝްމަނުން އެ ހުވަފެން ވަޅުލަންޖެހޭނެ ކަމަށެވެ.
އީރާނުން ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އިންސާނީ ކަރާމާތުގެ އަސާސީ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް ތަކުރާރުކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ހުރިހާ ގައުމުތަކަކުން ވެސް މި އުސޫލުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ހަމަލާތައް އަމާޒުވި އަވަށްޓެރި ގައުމުތަކުގެ ކިބައިން ޕެޒެޝްކިއަން ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، އަސްކަރީ ގިނަ ކޮމާންޑަރުންގެ އިތުރުން އާންމު ރައްޔިތުން ޝަހީދުވެފައިވަނީ ދުޝްމަނުންގެ ރަހުމުކުޑަ އުދުވާނުތަކުގެ ސަބަބުން ކަމަށެވެ. އަދި ކޮމާންޑަރުން ގެއްލިގެން ދިޔަ ކަމުގައި ވިޔަސް، ގައުމުގެ ހިތްވަރުގަދަ ސިފައިން ވަޒަން ދިފާއުކުރުމަށްޓަކައި ފަސްޖެހުމެއް ނެތި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.
އީރާނުން އަވަށްޓެރި އެއްވެސް ގައުމަކަށް އަރައިގަތުމުގެ ނިޔަތެއް ނެތްކަން ހާމަކުރައްވަމުން، އެ ގައުމުތަކަކީ އީރާނުގެ އަޚުންގެ ގޮތުގައި ދެކޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ވަގުތީ ލީޑަޝިޕް ކައުންސިލްގެ ފަހުގެ ބައްދަލުވުމެއްގައި ނިންމި ނިންމުމަކަށް އިޝާރާތް ކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، ދުޝްމަނުން އެ ގައުމުތައް މެދުވެރިކޮށް އީރާނަށް ހަމަލާދޭން ނޫޅޭހާ ހިނދަކު، އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދިނުމަށާއި މިސައިލް ފޮނުވައިނުލުމަށް އީރާނުގެ އަސްކަރިއްޔާއަށް މިހާރު އަންގާފައިވާ ކަމަށެވެ.
އަދި އަވަށްޓެރި ގައުމުތަކާއެކު އުފެދޭ މައްސަލަތައް ހަނގުރާމައިގެ ބަދަލުގައި ހައްލުކުރަންޖެހޭނީ ޑިޕްލޮމެޓިކް އުސޫލުން ވާހަކަދައްކައިގެން ކަމަށް ވެސް އެމަނިކުފާނު ބާރުއަޅުއްވައި ވިދާޅުވިއެވެ.
މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ






