އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ
އީރާން ބައިބައިކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ރާވާފައިވާ ރޭވުންތައް އެ ގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަމުގެ ސަބަބުން ނާކާމިޔާބުވެފައިވާ ކަމަށް އަލީ ލާރިޖާނީ ވިދާޅުވި. އެމެރިކާއިން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި ފިތުނަ އުފައްދަން މަސައްކަތް ކުރި ނަމަވެސް، ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި ރައްޔިތުން ތިބީ އެކަތިގަނޑެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އަވަށްޓެރި ގައުމެއްގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާއެއް ދީފި ނަމަ، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް ލާރިޖާނީ ވަނީ ދެއްވާފައި.

ސްވިޒަލޭންޑުގެ ޖެނީވާގައި 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންޓަރ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ އެސެމްބްލީއަށްފަހު، އީރާނުގެ އޭރުގެ މަޖިލީހުގެ ރައީސް އަދި އެ ގައުމުގެ ނިއުކްލިއާ މައްސަލަތަކާ ބެހޭ ކުރީގެ އިސް މަންދޫބު އަލީ ލަރީޖާނީ މީޑިއާތަކާ ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް
އީރާން ބައިބައިކޮށް ރޫޅާލުމަށް އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ރޭވި ރޭވުންތައް ނާކާމިޔާބުވެފައިވާ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި އަލީ ލާރިޖާނީ ވިދާޅުވީ، އެމެރިކާއާއި އެ ގައުމުގެ ބައިވެރިންގެ މައިގަނޑު އަމާޒަކީ އީރާން ބައިބައިކޮށްލުން ކަމަށެވެ. ނަމަވެސް، އީރާނުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި، ހަނގުރާމައިގެ ދަނޑިވަޅުގައި ގައުމު ހިންގުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކުގެ ސަބަބުން އެ ރޭވުންތައް ފުނޑުފުނޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލާރިޖާނީ ވިދާޅުވީ، ފަހަކަށް އައިސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުންގެ އިތުރުން، ޒަޔަނިސްޓުން (އިޒްރޭލު) އަދި ސަރަހައްދީ ބައެއް ގައުމުތަކުން ދެއްކި ވާހަކަތަކުގައި އެމީހުންގެ އަސްލު މަގްސަދު ވަރަށް ސާފުކޮށް ހާމަކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ހަގީގީ ބޭނުމަކީ އީރާން ބައިބައިކޮށް ރޫޅާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެމީހުންގެ ބޭނުމަކީ ހަމައެކަނި އީރާނަށް ކުޑަ ބަދަލެއް ގެނައުމެއް ނޫން. އިޒްރޭލުން ދެކޭގޮތުގައި އީރާން ފަދަ ބޮޑު ގައުމަކަށް ކުޑަ ބަދަލެއް ގެނައުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން. އެހެންކަމުން، އެމީހުންގެ މައިގަނޑު އަމާޒަކީ އީރާން ބައިބައިކޮށްލުން. އެމީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ އީރާނާ މެދު،" ލާރިޖާނީ އިތުރަށް ވިދާޅުވިއެވެ.
އީރާން ބައިބައިވަމުންދާ ކަމަށް ބުނެ އެމެރިކާގެ ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކާއި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ލާރިޖާނީ ވިދާޅުވީ، މިއީ، ހަނގުރާމަ ފެށުނީއްސުރެ އެމީހުންގެ އަސްލު މަގްސަދަކީ އީރާން ރޫޅާލުމަށް މަގުފަހިކުރުންކަން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.
އެމެރިކާއަށް ކަންކަން އަންދާޒާ ކުރުމުގައި ގޯސްތަކެއް ހެދިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެމެރިކާ މީހުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހުޅަނގު އޭޝިއާ ސަރަހައްދާއި، ވަކިން ހާއްސަކޮށް އީރާން ދެނެގަނެވިފައި ނުވުން ކަމަށެވެ.
"ވެނެޒުއޭލާ ފަދަ ބައެއް ގައުމުތަކުގައި އެމީހުން ބޭނުންކުރި އުސޫލުތައް އީރާނުގައި ވެސް ތަކުރާރު ކުރެވިދާނެ ކަމަށް އެމީހުން ހީކުރޭ. ނަމަވެސް، އީރާނުގެ ހާލަތު އެ ގައުމުތަކާ މުޅިން ތަފާތު،" ލާރިޖާނީ ވިދާޅުވިއެވެ.
ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އިތުރަށް ވިދާޅުވީ، ބޮޑު ސިހުމެއް ކުރިމަތިކުރުވައިގެން އީރާނުގެ ރައްޔިތުންގެ ރޫހު ބަލިކޮށްލަން އެމީހުން ބޭނުންވި ނަމަވެސް، އެކަން ކާމިޔާބު ނުވީ އީރާނުގެ ރައްޔިތުންނަކީ ތާރީޚީ އަދި ސަގާފީ ގޮތުން ވަރުގަދަ ތަޖުރިބާތަކެއް ލިބިފައިވާ ބަޔަކަށް ވާތީ ކަމަށެވެ.
ގައުމުގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް ހުރެދާނެކަން ފާހަގަކުރައްވަމުން ލާރިޖާނީ ވިދާޅުވީ، އީރާނުގެ ރައްޔިތުންނަކީ އަބަދުވެސް ގައުމީވަންތަ ބައެއް ކަމަށާއި، ގައުމު ބައިބައިކުރުން ފަދަ ކަމެއްގައި އެއްވެސް ބޭރުގެ ބާރަކަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.
"އީރާނުގެ ރައްޔިތުންނަށް ވަނީ މި ސަރަހައްދުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނި ގޮތް ފެނިފައި. އިރާގާއި އަފްޣާނިސްތާނުގެ އިތުރުން އެހެން ގައުމުތަކަށް އެމެރިކާއިން ވަންނަމުންދާ މަންޒަރު މި ސަރަހައްދުގެ ރައްޔިތުން ދެކެނީ އަމިއްލަ ލޮލުން. އެމީހުން އެކަންކަން ކުރަނީ ރައްޔިތުންނަށް އޮތް ހަމްދަރުދީއަކުން ނޫން ކަމާއި، އެއީ ހަމައެކަނި އަމިއްލަ މަންފާއަށްޓަކައި ކުރާ ކަންކަންކަން އެންމެނަށް ވެސް އެނގޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ދުޝްމަނުން ރާވަމުންދާ ރޭވުންތަކަށް އިޝާރާތް ކުރައްވައި ލާރިޖާނީ ވިދާޅުވީ، އެމެރިކާއިން އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރި އެއް އެއް ކަމަކީ އީރާނުގެ އެތެރޭގައި ބައިބައިވުން އުފެއްދުން ކަމަށެވެ. މުޖުތަމައުގައި ހުންނަ ގުދުރަތީ ތަފާތުތައް، ސިޔާސީ އަދި އިޖުތިމާއީ ބޮޑު ބައިބައިވުމަކަށް ބަދަލުކޮށްލެވިދާނެ ކަމަށް އެމެރިކާއިން ގަބޫލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އީރާނުގެ ރައްޔިތުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުރި ނަމަވެސް، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގެ މައްސަލައިގައި އެންމެން ތިބީ އެއްގަލަކަށް އަރައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ މަސްއޫލުވެރިޔާ ވަނީ އަވަށްޓެރި ގައުމުތަކާއެކު އޮތް ގާތް ގުޅުން ފާހަގަކުރައްވަމުން އޭނާ ވަނީ އިންޒާރެއް ވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، މި ހަނގުރާމައިގެ ތެރޭގައި އެމެރިކާއަށް އަސްކަރީ މަރުކަޒެއްގެ ޚިދުމަތްދީ، އެ މަރުކަޒު ބޭނުންކޮށްގެން އީރާނަށް ހަމަލާދީފި ނަމަ، އެކަމަށް ރައްދު ދިނުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ، ބަދަލުނުކުރެވޭނެ ހައްގެއް ކަމަށެވެ.
"ސަރަހައްދީ ގައުމުތަކުން ދަންނަންޖެހޭނެ ކަމަކީ، އެއްކޮޅުން އީރާނާއެކު ތިބިކަން ހާމަކޮށްފައި، އަނެއްކޮޅުން އީރާނާ ދެކޮޅަށް އެމީހުންގެ ބިންތަކުގައި ހުރި މަރުކަޒުތައް ބޭނުންކުރަން ފުރުސަތު ނުދެވޭނެކަން،" ލާރިޖާނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރަހައްދީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދީފި ނަމަ، އެކަމަށް ދޭންޖެހޭ އެކަށީގެންވާ ރައްދު ދޭނެ ކަމަށް އީރާނުން ސާފުކޮށް އިއުލާންކުރާ ކަމަށާއި، މިއީ އެ ގައުމުން އަބަދުވެސް ގެންގުޅޭނެ ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށެވެ.
މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ






