ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!
ޕީއެންސީ އިން ބޭއްވި ތަރާވީސް ގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ވޯޓު ލާން ޖެހޭ ސަބަބުތައް ކިޔައި ދެއްވުމުގައި ދެ ފަހަރު ދެގޮތަކަށް ވަނީ ވާހަކަ ދައްކަވާފައި. އެގޮތުން މާލޭގެ ތަރައްގީ ހުއްޓިފައިވަނީ މޭޔަރުގެ ސަބަބުން ކަމަށް ވިދާޅުވެ ކައުންސިލަރުން ދިފާއު ކުރެއްވި. އަދި އޭގެފަހުން ދެއްކެވި ވާހަކައިގައި، ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެނަމަ މޭޔަރަށް މަސައްކަތް ކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ދެގޮތަކަށް ވާހަކަ ދައްކަވާފައި.


ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ޕީއެންސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކެންޕޭންގެ ފޯރި ވަނީ ގަދަވެފަ އެވެ. ސިޔާސީ ޕާޓީތަކުން އެ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ސަރުކާރުގެ ޕާޓީ، ޕީއެންސީން ވެސް ދަނީ އެޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ކިޔައިދެމުންނެވެެ. އަދި ޚާއްސަ ގޮތެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކެންޕޭންގެ ހަރަކާތްތަކަށް ވަޑައިގަންނަވައި، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ވަރަށް ތަފްސީލު ކޮށް އޮޅުންފިލުއްވައި ދެއްވަ އެވެ.
ނަމަވެސް މިފަހަރު މިއުޅެނީ އެ ސަބަބުތަކަށް ބަލާކަށް ނޫނެވެ.
ފެބްރުއަރީ މަހުގެ 26 ވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ވޯޓު ލާން ޖެހޭ ސަބަބުތައް ކިޔަވައި ދެއްވުމުގައި ދެ ފަހަރު ދެގޮތަކަށް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އެމަނިކުފާނު އެންމެ ފުރަތަމަ ވާހަކަ ދައްކަވަމުން ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރުގެ މޭޔަރަކު އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވާ އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން މިހާރުގެ މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ތަންފީޒު ނުކުރާ ކަމަށާއި، މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގައި މަސައްކަތް ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަށެވެ.
ނަމަވެސް މާލެސިޓީ ކައުންސިލްގައި އޮތީ ޕީއެންސީގެ މެޖޯރިޓީ އެވެ. ރައީސް މުއިއްޒުގެ މެޖޯރިޓީ އޮތް މާލެސިޓީ ކައުންސިލަރުންގެ ސަބަބުން ކޯރަމް ހަމަނުވެ، ޖަލްސާތައް ކެންސަލް ކުރަން ޖެހި، މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއަޅާފައި އޮތް އޮތުން ފެންނަން އެބައޮތެވެ. ކަންމިހެން އޮތްއިރު، ރައީސް މުއިއްޒު ވަނީ ޕީއެންސީގެ މާލެސިޓީ ކައުންސިލަރުން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
މަސައްކަތް ކުރުމުގައި މޭޔަރު ބޭނުންވެއްޖެނަމަ، ކައުންސިލަރުންގެ ބަސް ވެސް ބޭނުންނުވާނެ ކަމަށާއި، އެކަން އެގޮތަށް ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވީ ހަރު އަޑުންނެވެ.
މާލެސިޓީ ކައުންސިލްގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހަމަ އޭރުގައި އެ ފެށުނު ދައުރު ހިނގަމުން އައިސް މިނިމެނީ ދައުރުގެ މި ދެ އަހަރު ދުވަހުގެ ތެރޭގައި މިކަންކަން ނުހިނގާ. މީގައި ހުރި ކަންކަން ކުރަން ރައްޔިތުން ހަވާލުކުރީ. އެކައުންސިލްގެ ދައުރު އަދި ނުނިމޭ. އެހެން ނަމަވެސް މަސައްކަތް ހުއްޓުނު. ދެން ބުނެފާނެ ޕީއެންސީގެ މެޖޯރިޓީއޭ އޮތީ. ތެދެންމެ ކައުންސިލްގައި ތިބީ 18 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރުންނަކީ އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލަރުން. އެގޮތަށް މެޖޯރިޓީ އެބައޮތް. އެހެންނަމަވެސް ކައުންސިލް ހިނގާ އުސޫލު، ކައުންސިލް ހިންގާ ގަވާއިދު އަޅުގަނޑަށް އެނގޭ ވަރަށް ރަނގަޅަށް ހުރިހާ ބޭފުޅުންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ. އެނގިލައްވާނެ. ކައުންސިލްގެ ރައީސް މާލޭގައި ވިއްޔާ ނޫނިއްޔާ ސިޓީގައި ވިއްޔާ މޭޔަރު އެއީ މުޅި އޮފީސް ނޫނިއްޔާ މުޅި އިދާރާ ހިންގެވުމުގެ ޒިންމާ އޮންނަ ފަރާތަކީ. މޭޔަރުގެ އެންގުމުގެ މައްޗަށް ސެކްރެޓަރީ ޖެނަރަލް މަސައްކަތް ކުރަން ޖެހޭނީ. ސެކްރެޓަރީ ޖެނަރަލްގެ އެންގުންތައް ކައުންސިލްގެ ހުރިހާ މުވައްޒަފުން ތަންފީޒު ކުރަން ޖެހޭނީ. ދެން ތިބި 18 ކައުންސިލަރުންތޯ ތިން ކައުންސިލަރުންތޯ އެއީ މެޓަރ ވާ ކަމެއް ނޫން.ރައީސް ޑރ.މުހައްމަދު މުއިއްޒު
މިމޭރުމުން ރައީސް މުއިއްޒު ވާހަކަ ދެއްކެވި ނަމަވެސް ދެން ދެއްކެވި ވާހަކައިން ވަރަށް ބޮޑަށް ސުވާލު އުފެދިގެން ދިޔަ އެވެ. އެމަނިކުފާނު ދައްކަވަން މިއުޅެނީ ކޮން ވާހަކައެއް ބައޭ ހިތަށް އެރިއެވެ. ހުރިހާ ކައުންސިލްތަކުގެ މެންބަރުންގެ ގޮތުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި އޮތްގޮތުން މެންބަރުން ވަރަށް މުހިންމު ކަމަށާއި، ކައުންސިލަރުން ނިންމާ ނިންމުންތައް ތަންފީޒު ކުރަން ޖެހޭނީ ކައުންސިލްގެ ރައީސް ނުވަތަ ސިޓީގެ މޭޔަރު ކަމަށެވެ. އަދި ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިއްޖެނަމަ ކައުންސިލްގެ ރައީސް ނުވަތަ ސިޓީގެ މޭޔަރު އެޖެންޑާ ކުރާ ކަންތައްތައް ފެއިލްކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ޖެއްސުން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން ކައުންސިލްތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދިނުމަށް ރައީސް މުއިއްޒު އާދޭހާއެކު އެދިވަޑައިގެންނެވި އެވެ.
ހަގީގަތުގައި ގާނޫނުގައި އޮންނަނީ ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރަން ރައީސް އަށް އޮންނަނީ ޒިންމާ. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރަން މޭޔަރަށް ޒިންމާ އޮންނަނީ. ހަމައެއާއެކު އޮވޭ ކައުންސިލްތައް ހިންގުމުގެ ޒިންމާ ވެސް މޭޔަރަށް ދީފައި. އެހެންވީމަ ކައުންސިލް ފްލޯއިން ފްލޯއަށް އެޖެންޑާ ކޮށްގެން ކައުންސިލް މެންބަރުން އެ ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ ޒިންމާ މި ހަވާލު ކުރަނީ ރައީސް އަށް ނޫނިއްޔާ މޭޔަރަށް. އެހެންވީމަ ކައުންސިލަރުންނަކީ ވެސް އެއް ވިސްނުމެއްގައި ސަރުކާރުގެ ވިސްނުމުގައި ތިބި ބަޔަކަށް ނުވެއްޖެއްޔާ އަދި ރައީސް ނޫނިއްޔާ މޭޔަރު އަޅުގަނޑުމެންގެ ފިކުރު މީހެއް ކަމުގައި ވިޔަސް ހަމަ ވަރަށް އުދަނގޫ ކުރެވޭނެ. ވަރަށް އުދަނގޫ ކުރެވޭނެ. އެޖެންޑާ ކުރާ ކަންކަން ފާސް ނުކުރަން ވެސް އެތައް ކަމެއް ކުރެވޭނެ. މޯރިޓީ އިދިކޮޅު ބަޔަކަށް އޮވެއްޖެއްޔާ އެ ދުވަހު މޭޔަރު އެޖެންޑާ ކުރާ ކަންތައް ރައީސް އެޖެންޑާ ކުރާ ކަންތައް ފެއިލް ކޮށްލެވޭނެ.ރައީސް ޑރ.މުހައްމަދު މުއިއްޒު
މިއީ ރައީސް މުއިއްޒު އެއް ހަފްލާއެއްގައި، އެއްކަމަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކެވެ. މިވާހަކަތަކަށް ބަލާއިރު، މާލެސިޓީގެ މަސައްކަތްތައް ނުކުރެވުމުން މޭޔަރުގެ މައްސަލަ އެވެ. ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލަރުންގެ އެއްވެސް މައްސަލައެއް ނެތެވެ. އޭގެފަހުން އަނެއްކާ ވެސް ރާގު ބަދަލު ކުރައްވައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން މޭޔަރާއި، ކައުންސިލްގެ ރައީސްގެ ޒިންމާއަކީ ކައުންސިލްގައި ތިއްބަވާ ކައުންސިލަރުންގެ ނިންމުންތައް ތަންފީޒު ކުރުން ކަމަށެވެ. އަދި ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެނަމަ ވަރަށް ބޮޑަށް މަސައްކަތްތަކަށް ހުރަސްއަޅައި، ޖެއްސުން ކުރާނެ ކަމަށެވެ.
އެހެންކަމުން ރައީސް މުއިއްޒުގެ މެންބަރުން ހޮވަން ޖެހޭ ސަބަބުން ކިޔަދިނުމުގައި އެއް ވާހަކަ ދައްކަވާއިރު، ދެގޮތަކަށް ވާހަކަ ދައްކަވާކަން މިވަނީ ހާމަވެގެން ގޮސްފަ އެވެ. އެގޮތަށް ވާހަކަ ދައްކަވާ އުޅެނީ ދެފުށް ކެހެރި މީހުންނޭ މީހުން ބުނާތީ އަޑު އިވެ އެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ!





