ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި
މަސައްކަތުގެ މާހައުލުގައި ތަކުރާރުކޮށް، ވެމްކޯގެ މުވައްޒަފުންނަށް ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުންދާތީ، އެ ކުންފުނީގެ ސަލާމަތީ ކަންކަން އިންތިޒާމުކޮށްފައި ހުންނަގޮތް ބެލުމަށް އެޗްއާރުސީއެމުން ކުއްލި ތަހުގީގެއް ފަށައިފި. މި ނިންމުން ނިންމާފައިވަނީ މުވައްޒަފަކު މަރުވި ހާދިސާއަކާއި، އިތުރު މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލަ ފެންމަތިވުމާ ގުޅިގެން. މީގެ އިތުރުން، މުވައްޒަފުންގެ ހައްގުތަކަށް އިހުމާލުވާކަމުގެ ގިނަ ޝަކުވާތަކެއް ވެމްކޯއާ ދެކޮޅަށް ވަނީ ހުށަހެޅިފަ.


ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރަކީ މުޖްތަބާ ޖަލީލް، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ނުރައްކާތެރި ހާދިސާ ދިމާވެ އެ ވާހަކަތައް ކުންފުނިން ފޮރުވާފައިވޭ. | ވެމްކޯ
ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި އެވެ.
އެޗްއާރުސީ އެމް އިން މިފަދަ ތަހުގީގެއް ފަށާފައިވަނީ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރު ހަސަން ނަޒީރަށް ސީރިއަސް އަނިޔާތަކެއްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފެށި ވާހަކަ އާއެކު އެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީ މަހުގައި ވެސް ވެމްކޯގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ 24 އަހަރުގެ އަމީން މިއާ ވެސް ވަނީ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން މަރުވެފަ އެވެ. މި ހާދިސާތައް ވެމްކޯ އިން އަންނަނީ އާންމުންނަށް ފޮރުވަމުންނެވެ.
ނަމަވެސް އަމީން މިއާގެ ރަހުމުކުޑަގޮތަކަށް މަރުވާން ދޫކޮށްލި މައްސަލައިގައި އެޗްއާރުސީއެމް އިން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.
ޑަރައިވަރު ހަސަން ނަޒީރުގެ މައްސަލަ ނޫސްތަކުން ރިޕޯޓް ކުރުމާއެކު، މިކަމާއި ގުޅިގެން އެޗްއާރުސީއެމް އިން ކުއްލި ގޮތަކަށް ވަނީ އަންގާރަ ދުވަހުގެ ދަންވަރު އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން އަންގާރަ ދުވަހުގެ ރޭ ބޭއްވި ހިއުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ތިލަފަށީގައި ހުންނަ ވެމްކޯގެ ސައިޓޫގައި، އަމީން މިއާ މަރުވާން ދޫކޮށްލި ހާދިސާގައި އަމީން މިއާ މަރުވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަމީން މިއާ ގެ މަރުވުމު ގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވެނީ ތިލަފުށީގައި އުޅޭ ހައިމާކު ދުއްވާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ސްރީލަންކާ އަށް ނިސްބަތްވާ މީހެކެވެ. އަދި އަމީން މިއާ މަރުވީ، ލަންކާ މީހާ އޮޕަރޭޓް ކުރި ހައިމާކުގެ ދަތްގަނޑުން ޖެހިގެން ނެވެ. މި ދިޔަ މަހުގެ 26 ވަނަ ދުވަހު ހައިމާކުގެ ދަތްގަނޑުން ޖެހި މަރުވި އަމީން މިއާ ގައިގައި ދަތްގަނޑުން ޖެހޭ މަންޒަރު އެ ސަރަހައްދުގެ ސީސީޓީވީ ގެ ފޫޓޭޖް ތަކުން ފެނެ އެވެ. ނަމަވެސް އަމީން މިއާ ނުފެންނާތީ އޭނާ ހޯދުމުގެ މަސައްކަތް ވެސް ވެމްކޯއިން ކޮށްފައި ނުވެ އެވެ.
މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު، ވެމްކޯގެ ވެހިކަލްތައް ކުނި ހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހަސަން ނަޒީރަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ. އަނިޔާވި ނަޒީރަށް މިހާރު އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިންދައިގެން ގޮސް، އަމިއްލައަށް ނޭވާލުމަށް ނުކެޅިދިފައިވެ އެވެ. ވެމްކޯއިން މި މައްސަލައިގައި އަޅާނުލާ ތިބުމުން އެންމެ ފަހުން އާއިލާއިން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ.
މިހާތަނަށް އައި އިރު ވެސް ވެމްކޯއިން މި މައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.
އެޗްއާރުސީއެމް އިން، ވެމްކޯގެ މަސައްކަތުގެ މާހައުލާއި ގުޅޭ ތަހުގީގެއް ހިންގާކަމަށް ބުނެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު، ވެރިކަމަށް އައި ފަހުން ވެމްކޯގެ މުވައްޒަފުންނަށް އެ ކުންފުނިން އިހުމާލުވާކަމުގެ އެތައް އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ބިދޭސީ މުވައްޒަފުންގެ މުސާރަ ނުދީ ހިފެހެއްޓުމާއި، ދިވެހި މުވައްޒަފުންނަށް މުސާރަ ނުދީ ލަސްކުރުމުގެ ޝަކުވާތައް ދާދި ފަހުން ފެންމަތިވި އެވެ. މީގެ އިތުރުން ރޯދަ މަސް ފެށުނު އިރު ވެސް މުވައްޒަފުންނަށް ރޯދަ އެލަވަންސް ވެސް ނުދޭ މައްސަލަ ފެންމަތިވެ ނޫސްތަކުގައި އެވާހަކަ ޖެހުމުން، ފަހުން ވަނީ ރޯދަ އެލަވަންސް ވެސް ދީފަ އެވެ.








