ލެވަންޓޭ ބަލިކޮށް، ބާސެލޯނާ އަލުން އެއް ވަނަ އަށް
މޮޅާ އެކު ބާސެލޯނާ އަލުން އެއް ވަނަ އަށް ޖެހިލާފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ ޕޮއިންޓެެއްގެ ލީޑަކުން. މިހާތަނަށް ކުޅެފައިވާ 25 މެޗުން ބާސެލޯނާ އަށް 61 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 60 ޕޮއިންޓު.


މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް
ސްޕެނިޝް ލީގުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަލުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާކް ބެނާލް އެވެ. އެއީ އެރިކް ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ފްރޭންކީ ޑި ޔޯން ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔާއޯ ކަންސޭލޯ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ރަނގަޅަށް ކުޅެ އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައި މެޗުން ފުރިހަމަ މޮޅެއް ހޯދައިދިނީ ފާމިން ލޮޕޭޒް އެވެ. އެ ލަނޑު ޖަހަން ލޮޕޭޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ.
މި މޮޅާ އެކު ބާސެލޯނާ އަލުން އެއް ވަނަ އަށް ޖެހެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ ޕޮއިންޓެެއްގެ ލީޑަކުންނެވެ. މިހާތަނަށް ކުޅެފައިވާ 25 މެޗުން ބާސެލޯނާ އަށް 61 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 60 ޕޮއިންޓެވެ.







