Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗާގޯސް ވަޒަންވެރިން

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި

19 ފެބުރުއަރީ 2026 | ބުރާސްފަތި 13:16

އިނގިރޭސިވިލާތުގެ އަމުރަށް ކިޔަމަންވުމަށް ދެކޮޅުހަދައި، އެމީހުން ވަކާލާތު ކުރަނީ އެއީ އެމީހުންގެ އަމިއްލަ ވަޒަން ކަމަށާއި އެތަނުގައި ދިރިއުޅުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް. މި މައްސަލައިގައި އިނގިރޭސި ސަރުކާރުން ބުނަނީ ހުއްދަނެތި އެ ސަރަހައްދަށް ވަނުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް.

ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 13:16
ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން، އެ ސަރަހައްދުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފއި.

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން، އެ ސަރަހައްދުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފއި. | އައިސްޓޮކް

ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެ ރަށްތަކަށް އެރި ޗާގޯސްގެ ރައްޔިތުންތަކެއް، އެ ސަރަހައްދު ދޫކޮށް ދިއުމަށް އިނގިރޭސި ކަމާބެހޭ ފަރާތްތަކުން ކުރި އަމުރަށް ކިޔަމަންވުމަށް ދެކޮޅު ހަދައިފި އެވެ.

ސްރީލަންކާ އިން ފުރައިގެން ދަތުރުކުރި ޗާގޯސްގެ ހަތަރު މީހަކު އެ ޖަޒީރާގެ އެކަހެރި ހިސާބަކަށް ހޯމަ ދުވަހު ފޭބީ، އެމީހުންގެ "އަމިއްލަ ވަޒަނުގައި" ދާއިމީ ގޮތެއްގައި ވަޒަންވެރިވުމުގެ މަގުސަދުގައި ކަމަށް ބުނެ އެވެ.

އިނގިރޭސިވިލާތުގެ ފޯރިމަރާ އުޅަނދަކަށް މި މީހުން ފެނުމުން، އޮފިޝަލުން ވަނީ އެމީހުން އެތަނުން ފޭބުމަށް އަންގައި ލިޔުން ހަވާލުކޮށްފަ އެވެ. އެ ލިޔުމުގައި އިންޒާރު ދީފައިވަނީ، އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ ޖޫރިމަނާ ކުރުމަށް ނުވަތަ ޖަލަށްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އިނގިރޭސި ފޮރިން އޮފީހުން މި ދަތުރު ސިފަކޮށްފައިވަނީ "ޣައިރު ގާނޫނީ، ނުރައްކާތެރި އަމަލެއް" ގެ ގޮތުގައެވެ. ނަމަވެސް، މި މީހުންގެ ސަބަބުން ޑިއޭގޯ ގާސިއާ ގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒުގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި ގްރޫޕުގައި ހިމެނޭ އިނގިރޭސިވިލާތަށް ނިސްބަތްވާ ޗާގޯސްގެ ރައްޔިތެއް ކަމަށްވާ މިސްލީ މެންޑަރިން ބީބީސީ އަށް ބުނީ، އޭނާ އެތަނުން ބާލަން ބޭނުންނަމަ އިނގިރޭސި ސަރުކާރަށް ޖެހޭނީ "ގޮނޑުދޮށުން އޭނާ ދަމާފައި ގެންދަން" ނުވަތަ "މަރާލަން" ކަމަށެވެ.

އަމިއްލަ އަށް އިއުލާންކޮށްފައިވާ ޗާގޯސް އިން ބޭރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ފުރަތަމަ މިނިސްޓަރުގެ ގޮތުގައި އަމިއްލަ އަށް ތައާރަފުވާ މެންޑަރިން ބުނީ، އެ ޖަޒީރާތަކަކީ "އެމީހުންގެ މިލްކެއް" ކަމަށާއި، އިނގިރޭސި ރައްޔިތުންގެ ގޮތުގައި ޗާގޯސްގެ މީހުންނަށް އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ފުރުސަތު ދިނުމަށް އޭނާ އިނގިރޭސިވިލާތަށް ގޮވާލި އެވެ.

ޗާގޯސްގެ ރައްޔިތުންނަށް އެހީތެރިވާ ގާނޫނީ ވަކީލުން ބުނަމުންދަނީ، އެމީހުން އެ ސަރަހައްދުން ފޭބުމަށް ކުރި އަމުރު ކޯޓުގައި އިސްތިއުނާފު ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މި ހަތަރު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ ޕެރޯސް ބަންހޯސް އަތޮޅުގެ އީލް ޑޫ ކޮއިން ސަރަހައްދުގެ އައްސޭރިފަށާއި ގާތްގަނޑަކަށް 182 މީޓަރު (200 ޔާޑު) ބޭރުގައި ބާއްވާފައިވާ އުޅަނދެއްގައި ތިބި ފަޅުވެރިންނެވެ.

އެމީހުން މި ޖަޒީރާތަކަށް ދަތުރުކުރީ ސްރީލަންކާގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ގޯލް ހާބަރުން ފުރައިގެންނެވެ.

ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ މެންބަރު އަދި އަސްކަރީ އޮފިސަރެއް ކަމަށްވާ، އަދި މިހާރު ރިފޯމް ޔޫކޭއާ ގުޅިފައިވާ އެޑަމް ހޮލޮވޭ ވަނީ ޗާގޯސްގެ ރައްޔިތުން އެނބުރި އެ ސަރަހައްދަށް ދިއުމަށް އެހީތެރިވެދީފަ އެވެ. އަދި އެތަނުގައި ވަޒަންވެރިވުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އޭނާ އަދިވެސް ހުރީ އެ ރަށުގަ އެވެ.

ހޮލޮވޭ ބުނި ގޮތުގައި، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަކީ "މުޅިން މޮޔަ" ކަމެކެވެ.

"އަޅުގަނޑުމެން މިކަން މިކުރީ އިނގިރޭސިވިލާތުން ވަރަށް ބޮޑު ގޯހެއް ހަދަން އުޅޭތީ. މިހާރު މިއޮތީ ބޮޑެތި ބާރުތަކުގެ މެދުގައި ކުޅިވަރު ކުޅޭ ދުނިޔެ އެއް. ޑިއޭގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒަކީ ހުޅަނގުގެ ގައުމުތަކުގެ ސަލާމަތަށް ނުހަނު މުހިންމު ތަނެއް،" ހޮލޮވޭ ބުންޏެވެ.

ޗާގޯސްގެ މީހުންނަށް އެހީތެރިވާ ފަޅުވެރިއަކު ބުނި ގޮތުގައި، ކުރީގެ މަޖިލިސް މެންބަރު ހޮލޮވޭ ހުރީ ޖަންގަލި ތެރޭގައި ފިލައެވެ. އަދި އޭނާއާ ހަމައަށް އެތަނުން ފޭބުމުގެ އަމުރު އަދި ފޯރުކޮށްދެވިފައެއް ނުވެ އެވެ.

މި މީހުން އެތަނުން ފޭބުމުގެ އަމުރު ނެރުނީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ އިމިގްރޭޝަން އޮފިޝަލެކެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުޑަ ރަބަރު ބޯޓެއްގައި އެ އޮފިޝަލް ރަށަށް އަރައި، ވަގުތީ ގޮތުން ހަދާފައިވާ ކޭމްޕެއްގައި ހުރި މެންޑަރިން އާ އެ އަމުރު ހަވާލުކުރެ އެވެ.

އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް ކޮންޓްރޯލް ކުރަމުން އަންނަނީ 1814 ވަނަ އަހަރުން ފެށިގެންނެވެ. އަދި އެ ޖަޒީރާތަކުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި، 1960 ގެ އަހަރުތަކުގައި އެތަނުގެ ރައްޔިތުން ވަނީ ގަދަކަމުން ބާލާފަ އެވެ.

މި ޖަޒީރާތަކަކީ އިނގިރޭސިވިލާތުގެ ސަރަހައްދެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅީ 1965 ވަނަ އަހަރުއެވެ. އެއީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް 3 މިލިއަން ޕައުންޑުގެ ގްރާންޓެއް ދިނުމަށްފަހު އެ ސަރަހައްދު ހޯދުމުންނެވެ.

ނަމަވެސް، ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކުގެ ސަބަބުން އަސްކަރީ މަރުކަޒުގެ މުސްތަގުބަލަށް ނުރައްކާވެފައިވާ ކަމަށް ބުނެ، މިދިޔަ އަހަރު އިނގިރޭސި ސަރުކާރުން ވަނީ އެ ޖަޒީރާތަކުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން، އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު ބެލެހެއްޓުމަށްޓަކައި، ކުރިއަށް އޮތް 99 އަހަރު ދުވަހު އަހަރަކު 101 މިލިއަން ޕައުންޑް ދެއްކުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމުގައި، ޑިއޭގޯ ގާސިއާ "ދޫކޮށްނުލުމަށް" ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރަށް ގޮވާލެއްވުމާ ގުޅިގެން، މި އެއްބަސްވުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރު އިނގިރޭސި ރައްޔިތަކަށް ވުމުގެ ހައްގު ލިބިފައިވާ ޗާގޯސްގެ ގިނަ ރައްޔިތުން ވެސް މި އެއްބަސްވުމާ މެދު ހިތްހަމަނުޖެހެ އެވެ.

ޗާގޯސްގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މި އެއްބަސްވުމަކީ އެމީހުންނަށް ވީ ބޮޑު ޚިޔާނާތެކެވެ. އެމީހުން ބޭނުންވަނީ ކޮންމެވެސް ދުވަހަކުން އެނބުރި ވަޒަނަށް ދިއުމަށްޓަކައި، އެ ޖަޒީރާތަކުގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުގެ އަތުގައި އޮތުމަށެވެ.

މި އެއްބަސްވުމާ ގިނަ ބަޔަކު ދެކޮޅު ހެދި ނަމަވެސް، އިނގިރޭސިވިލާތާއި، މޮރިޝަސް އަދި ސީޝެލްސްގައި ދިރިއުޅޭ ޗާގޯސްގެ ހުރިހާ ރައްޔިތުންގެ ޚިޔާލު މިކަމުގައި އެއްގޮތެއް ނޫނެވެ.

މެންޑަރިން ބުނީ ޗާގޯސްގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަކީ "އިނގިރޭސި ސިޔާސީ ތާރީޚުގައި ޖެހުނު ކަޅުލައްގަނޑެއް" ކަމަށެވެ. ނަމަވެސް، ސަރ ކިއަރ ސްޓާމަރަށް މިހާރުވެސް "ބަތަލަކަށް" ވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"އެ އެއްބަސްވުން ތަސްދީގު ނުކުރައްވާ، އެ ބާތިލްކުރައްވާ. އަދި ޗާގޯސްގެ ރައްޔިތުންނަށް އިނގިރޭސި ރައްޔިތުންގެ ގޮތުގައި އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ފުރުސަތު ދެއްވާ،" މޮރިޝަސްގައި ބޮޑުވި ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅެ ވަޒީފާ އަދާކުރަމުންދާ މެންޑަރިން ބުންޏެވެ.

އޭނާ ވަނީ އެނބުރި ގައުމަށް އައިކަން އިއުލާންކޮށް، "އަމިއްލަ ނިންމުން އަމިއްލައަށް ނިންމުމުގެ ހައްގު" އޮތް ކަމަށް ބުނެފަ އެވެ. އޭނާ އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ޗާގޯސްގެ އިތުރު ރައްޔިތުން މިފަދަ ދަތުރުތައް ކުރާނެ ކަމަށެވެ.

އިނގިރޭސި ފޮރިން އޮފީހުން ބުނީ ސައްހަ ހުއްދައެއް ނެތި އެ ސަރަހައްދަށް ވަނުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި، އެފަދަ ކަމެއް ކުރާ ކޮންމެ މީހަކަށް އެތަނުން ފޭބުމުގެ އަމުރު ފޮނުވާނެ ކަމަށެވެ.

ޗާގޯސްއިނގިރޭސިވިލާތު-މޮރިޝަސްޑިއެގޯ ގާސިއާމިސްލީ މެންޑަރިންއެޑަމް ހޮލޮވޭޗާގޯސް-ރާއްޖެޗާގޯސް މައްސަލަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
08 ފެބުރުއަރީ 2026

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު
06 ފެބުރުއަރީ 2026

ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

06 ފެބުރުއަރީ 2026
ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް
06 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"
06 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި
06 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލު ކުރާ އެއްބަސްވުމަށް އެމެރިކާ އިން ތާއީދުކޮށްފި
05 ފެބުރުއަރީ 2026

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

05 ފެބުރުއަރީ 2026
މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ
05 ފެބުރުއަރީ 2026

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ފެބުރުއަރީ 2026

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

05 ފެބުރުއަރީ 2026
ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ
15 އޮކްޓޯބަރު 2025

ޗާގޯސް މައްސަލާގައި ކުރީ ސަރުކާރުން ދައުލަތަށް ގެއްލުންވާނެ ލިޔެކިޔުމެއް ބޭރު ބަޔަކަށް ދީފައިނުވާ ކަމަށް މުއިއްޒުގެ ބަންޑާރަ ނައިބު އުޝާމް ވިދާޅުވެއްޖެ

15 އޮކްޓޯބަރު 2025
ޗާގޯސް މައްސަލާގައި ކުރީ ސަރުކާރުން ދައުލަތަށް ގެއްލުންވާނެ ލިޔެކިޔުމެއް ބޭރު ބަޔަކަށް ދީފައިނުވާ ކަމަށް މުއިއްޒުގެ ބަންޑާރަ ނައިބު އުޝާމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް