މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ
ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެސިޓީ އާއްމުކޮށްލަންވެސް ސަރުކާރަށް ވަނީ ނުކެރިފައި.


ރިޔާސީ ބަޔާން 2026: މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދިޔަކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ | ރައީސް އޮފީސް
މުއިއްޒޫ އެވެ.
އަހަރެން ހުރީ މިއަހަރުގެ ރިޔާސީ ބަޔާނާމެދު ސުއްބުވެސް ނުބުނެ ވޭތޯ އެވެ. ކުރިން ހަދާފައިހުރި ބޮޑެތި ދޮގުތަކާއި މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެއްކި ގިނަ ވާހަކަތަކުގެ މަތިންވެސް މުއިއްޒު ހަނދާންވެސް ހުރިހެން ހީނުވާތީ އެވެ. އެކަމަކު ދެން މާ ބޮޑުވަރު އަރުވާލީމާ އެއްޗެއް ނުބުނެ ނުހުރެވިގެން ހަމަ ބުނެލާ ހިތްވީ އެވެ.
މުއިއްޒޫ އެވެ. އަހަރެމެން މުއިއްޒު ގެނައީ ތިޔަ ބުނާ ޗާގޯސް ހޯދައިދޭނެ ކަމަށް ވައުދުވީތީ އެވެ. އަހަރެމެން ލައްވައި އިންޑިޔާ އައުޓް ޖައްސައިގެން އިންޑިޔާ ސިފައިން ބޭރުކުރަން މުއިއްޒު ވިދާޅުވީތީ އެވެ.
މުއިއްޒޫ އެވެ. މަވެސް އަދި މަގޭ ވަންހަކޮޅު އެންމެންނާ މަގޭ ބަސްވިކޭ އެންމެންވެސް މުއިއްޒަށް ވޯޓުދިނީ އިބުރާހީމުމެން ހެދިކަމަށް ބުނާ އަޑި ނޭގޭ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ބުނީމަ އެވެ. އެއެއްބަސްވުންތަކަކީ ސިއްރު އެއްޗެއްގެ ގޮތުގައި ނުބޭއްވޭނެ ކަމަށް މުއިއްޒު އޭރު އަހަރެމެންގާތު ބުނެގެން އަހަރެމެންނަށްވެސް އެކަމުގައި އަޑުހަރުކޮށް ގޮވާ ނެގުނީތީ އެވެ. އެއެއްބަސްވުންތައް އުވާލާ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭނެ ކަމަށް މުއިއްޒު ކެނޑިނޭޅި ބުނަމުން ދިއައީތީ އެވެ. މުއިއްޒު ނޫނަކަސް މަވެސް މޭމަތި ފުރާ އިންޑިޔާ އައުޓް ޖަހައިގެން ނުކުމެ މުއިއްޒާއެކު އުޅުނީ އެހެންވެގެންނެވެ.
މުއިއްޒޫ އެވެ. ފޯޅަވެހި ނޫނީ ޗާގޯސް ވާހަކައަކީވެސް އޭގެ އެއް ބޮޅެވެ. މުނައްވަރު ބޭބެމެން ލައްވައި އޭރު ދެއްކުވި ވާހަކަތައްވެސް އަހަރެންވެސް ހަނދާން އެބަހުއްޓެވެ. އިބުރާހީމުމެން ގައުމު ވިއްކާލީއްޔޭ ބާނަބާނާ ތިއްބާ މަސްކަނޑުތައް ދޫކޮށްލިއްޔޭ ކިޔައިގެން މުއިއްޒުމެން އޭރު ގޮވިހާ އެއްޗެއް މަވެސް މުއިއްޒު ފަހަތުން ގޮވާ ނެގީ މަވެސް މީ ދިވެހި ލޭހުރި މަށް ދިވެހި، ދިވެހި ރާއްޖެއަށް ފޫޅު ކަނޑައި މަގޭ މަސްވެސް ދިވެހި ފަސްގަނޑުގައި ވަޅުލީތީ އައި ވަރުގަދަ ޖޯޝެއްގަ އެވެ.
މުއިއްޒޫ އެވެ. މުއިއްޒު ވެރިކަމަށް އައިސް މިހާރު ދައުރު ދެބަޔަށް އެޅުނީ އެވެ. ތިޔަ ބުނާ ފޯޅަވެއްސެއް ހޯދަން ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތެވެ. އޭގެން ކަމެއް ހަރުތާކު ނުޖެއްސުނުއިރު އެތަން ހޯދާން ކުރާ ކަމެއްވެސް މުއިއްޒަކަށް ދެއްކުނީއެއް ނޫނެވެ.
މުއިއްޒޫ އެވެ. މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެ އެވެ. ދައުރު ދެބަޔަށް އެޅުނީމާ އަނެއްކާ އަނެއް ވާހަކަ ތިޔަ ފަޅާލީ އެވެ. ރިޔާސީ ބަޔާން ރީތިކޮށްލައި ރައްޔިތުންނަށް ދަޅަދައްކާނަމޭ ހިތާ އަނެއްކާ އަނެއް މޮޅު ވާހަކަ ޗާގޯސްއޭ ކިޔައިގެން ތިޔަ ފަޅާލީ އެވެ. ތިޔަ ބުނީ ކުރީގެ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމި ވާހަކައެވެ. މީހުން މުއިއްޒަށް މަލާމާތް ނުކުރިއްޔާ ދެރައެވެ. މިހާހިސާބަށް އައިއިރު ތިޔަ ބުނާ ސިޓީ ގަނޑެއްވެސް ހާމަކޮށްލަން ތިޔަ އުޅެނީ ނުކެރިގެންނެވެ. އެސިޓީގައި ގޯހެއް ނެތްކަމަށް ތަކުރާރުކޮށް އިބުރާހީމުމެންވެސް ބުނަމުންދާއިރު އެކަން ނަފީކޮށް ތިޔަ ގެންނަން ނިންމި ސިޓީ ގަނޑު އާއްމު ކޮށްލަންވެސް ނުކެރުނު ފިނޑިއަކު ތިޔަހެން ބުނީމާ ހަމަ ގައިމުވެސް މަގޭ ގާތަށް އަމަށަކު އަންނަނީކީ ހިންޏެއް ނޫނެވެ. އަނެއްކާ އަނެއްކޮޅުން ވެރިކަމަށް އާދެވޭތާ 100 ދުވަހުގެ ތެރޭގައި ކުރަންބުނި ކަމެއް ނުވެ ދެއަހަރު ބަޔަށް އެޅުނީމާ މަމިހުރީ އެކަމުގެ އުއްމީދު ކަނޑާލައިގެންނެވެ.
މުއިއްޒޫއެވެ. ދެން ތިޔަ ބުނީ އެކަމަށް ހާއްޞަ އޮފީހެއް ހަދައިގެން ހާއްސަ ކޮމިޝަނެއް ހަދައިގެން އެކަމުގަ ޒިންމާވާ މީހުންގެ މައްސަލަތައް ބަލާނެ ކަމަށެވެ.
މުއިއްޒޫއެވެ. މުއިއްޒު ބުނެގެން މުިއްޒުގެ ބަންޑާރަ ނައިބުވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަން ކުރާކަމަށް އޮތީ ބުނެފައެވެ. އެކަމަކު ނޭނގިގެން މިއުޅެނީ އެކަމަށް ކުރި މަސައްކަތަކާއި އެކަމުން ހާސިލްވި ވަރެކެވެ. ހަމަ ގައިމުވެސް އެތަނެއް ނުލިބެއެވެ. އެތަން ހޯދަން ކުރި މަސައްކަތެއް ނުފެނުނެވެ. އެއަށްވުރެ ބޮޑަށް ތިޔަ ގެންނަން ބުނި ސިޓީ ގަނޑުވެސް އާއްމުކޮށްލަން ނުކެރުނީމާ މަށަކު ދެނެއް ތިޔަ ވާހަކަތަކެއް އަޑުއަހާކަށް ނެތީމެވެ.
މުއިއްޒޫއެވެ. އަނެއްކާވެސް ތިޔަ ބުނެލީ އަނެއްކާ އަނެއް މޮޅު ވާހަކައެވެ. މަވާ ސަލާމެވެ.






