ރިޟްވާނަކީ މާފަންނު ހުޅަނގަށް އެންމެ ރަނގަޅު ކެންޑިޑޭޓް: އާޒިމް
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ރިޟްވާން ހޮވުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި. މިހާރު އެ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރުގެ އަޚުލާގީ މައްސަލަތަކާއި ޖަލްސާތަކަށް ހާޒިރުނުވާ މައްސަލަ ފާހަގަކުރައްވައި، ރިޟްވާނަކީ ދާއިރާގެ ހާލަތު ދަންނަ، ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރާނެ ބޭފުޅެއް ކަމުގެ ޔަގީންކަން މޭޔަރު ދެއްވި. އެހެންކަމުން ދާއިރާގެ ތަރައްގީއަށްޓަކައި އަޚުލާގު ރަނގަޅު، މަސައްކަތްތެރި ކެންޑިޑޭޓަކު ހޮވުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފަ.


މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަދި މާފަންނު ހުޅަނގު ދާއިރާގެ ކެންޑިޑޭޓް ރިޟްވާން. | ރާއްޖެ އެމްވީ
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ހޮވުމުގައި އެމް.ޑީ.ޕީން ނުކުމެ ހުންނެވި ކެންޑިޑޭޓް ރިޟްވާން ހޮވުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާފަންނު ހުޅަނގު ދާއިރާގެ ދޮރުންދޮރަށް ހަރަކާތުގެ ކުރިން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ ރިޟްވާނަކީ އެ ދާއިރާގެ ރައްޔިތުންނަށް ފެންނާނެ ބޭފުޅެއް ކަމަށާއި، އަދި ދާއިރާގެ ކަންތައް އިނގޭ ބޭފުޅެއް ކަމަށެވެ.
މޭޔަރ އާޒިމް ވިދާޅުވީ މިހާރު ހުންނެވި ކައުންސިލަރަކީ 5 ކައުންސިލު ބައްދަލުވުމަށް ޖައްސަ ޖައްސައިގެން ނައިސް ހުރި ބޭފުޅެއް ކަމަށެވެ. އަދި ހަމަ އާއްމުކޮށް އޮފީހަށް ނާންނަ ބޭފުޅަކަށް ފާހަގަކުރެވޭ ކަމަށާއި، އެކަހަލަ ޑިސިޕްލިންއެއް ނެތް ބޭފުޅަކު ހޮވުމަކީ ދާއިރާގެ ރައްޔިތުންނަށް އެއްވެސް ފަސޭހަވާނެ ކަމެއް ނޫން ކަމަށް މޭޔަރ ވިދާޅުވި އެވެ.
އެންމެ ކުޑަވެގެން ހަފުތާއެއްގައި އޮންނަ ޖަލްސާއަށް ނާދެވޭ ބޭފުޅާގެ ކޮންކަމެއްތޯ ކުރެވޭނީ ކަމަށް ސުވާލު އުފައްދަވަމުން މޭޔަރ ވިދާޅުވީ ރިޟްވާން ހޮވައިދެއްވައިފިއްޔާ އެހެނެއް ނުވާނެ ކަމަށް ހަމަ ޔަޤީން ކަމަށެވެ.
މޭޔަރ ވިދާޅުވީ އެމް.ޑީ.ޕީގެ މެންބަރުންނަކީ އަޚުލާޤު ރަނގަޅު ބޭފުޅުން ކަމަށާއި، ބަރާބަރަށް ގަޑިތަކަށް ވަޑައިގަންނަވާނެ ކަމަށާއި، ބަރާބަރަށް ޖަލްސާތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ ކަންތައްތައް ބަރާބަރަށް ބަލާނެ ކަމަށާއި، އަދި މުނިސިޕަލް ކަންތައްތައް ބަރާބަރަށް ބަލާނެ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
މި ދާއިރާގެ ހުރި ކައުންސިލަކީ މީގެ އެއްވެސް ކަމެއް މިހާތަނަށް ކައުންސިލަށް ގެނައި ބޭފުޅެއް ނޫން. ތި ބޭފުޅުން ބައްލަވާ! ފަސް އަހަރު ދައުރެއް ހަމަވަނީ. ރައްޔިތުންގެ ފައިސާއިން ކޮންކަމެއްތޯ އެޖެންޑާކުރެއްވީ. އެޖެންޑާކުރެއްވި އެންމެ ކަމެއް ވިދާޅުވެދެއްވައިފި އެ ބޭފުޅުން. އޭގެ މާނައަކީ ރައްޔިތުންގެ އެއްވެސް ކަމެއް؛ މުސިޕަލް ކަމެއް ވިޔަސް، ސޯޝަލް ކަމެއް ވިޔަސް، އިކޮނޮމިކް ކަމެއް ވިޔަސް، އެއްވެސް ކަމެއް މިހާތަނަށް ކައުންސިލަށް ނުގެނެސް ދައުރެއް ނިންމާލަމުން އެދަނީ. މިއަދު އައިސް އަނެއްކާ ރައްޔިތުންގެ ބުނަނީ، ތިމަންނަ ހޮވައިދޭށޭ އަލުން ހޮވައިދިނީމާ ކަމެއް ކޮށްދޭނަމޭ. ފަސް އަހަރުން ނުކޮށްދެވުނު ކަމެއް ކޮންކަމެއްތޯ ދެން ކޮށްދެވޭނީ.މޭޔަރ އާދަމް އާޒިމް
އާޒިމް ވިދާޅުވީ ރިޟްވާނަކީ އާއްމު ހާލަތު ބެލުމުގައި ވަރަށް އިސްކަންދެއްވި ބޭފުޅެއް ކަމަށެވެ. ޒުވާނުންގެ ކަންތައްތަކަށާއި، ވަޒީފާ ނެތް މީހުންގެ ކަންތައްތަކަށް އެ ވާހަކަ ދެކެވުނު ކަމަށާއި، އަދި އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުންނާ، މި މީހުންގެ ހާލަތު ބަރާބަރަށް އެނގިވަޑައިގެންނެވި ބޭފުޅެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.
މިގޮތަށް މިކަން އެނގެނީ އަސްލު ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ޓަކައި ހުންނަ ޝައުޤުވެރިކަން ހުރުމުން ކަމަށް މޭޔަރ ފާހަގަކުރެއްވި އެވެ. އެކަމަކު މި ވަގުތު މި ދާއިރާގެ ހުރި ކައުންސިލަރަކީ މީގެ އެއްވެސް ކަމެއް މިހާތަނަށް ކައުންސިލަށް ގެނައި ބޭފުޅެއް ނޫން ކަމަށް މޭޔަރ ވިދާޅުވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން ރަނގަޅަށް ވިސްނަވާފައި، އަޚުލާޤު ރަނގަޅު، އެ މީހުންނާއެކު މަސައްކަތްކުރާނެ ބޭފުޅަކު އޮވަންޏާ އެމް.ޑީ.ޕީން ނުކުމެ ހުންނެވި ރިޟްވާން ހޮވައިދެއްވުމަށް މޭޔަރ އާޒިމް ގޮވާލައްވާފައިވެ އެވެ. ހޮވައިދެއްވާފައި ކަމަށް ވަންޏާ ރައްޔިތުންނަށް އަންނަ ފެންނާނެ ކަމަށާއި، ކަންތައްތަކަށް ބަރާބަރަށް އެޓެންޑުކޮށްދެއްވާނެ ކަމަށް މޭޔަރ ވިދާޅުވި އެވެ.








