އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެމެރިކާ އާ އެކު މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާ އިން ދަނީ މެދުއިރުމަތީގައި އެގައުމުގެ އަސްކަރީ ބާރުގަދަކުރަމުން. މިގޮތުން އީރާނާ ކައިރި ސަރަހައްދުތަކަށް އެމެރިކާގެ މަނަވަރުތަކާއި ފައިޓަރު ޖެޓުތައް އިތުރުކުރަމުންދާއިރު، މިއީ ކުރީގެ އޮޕަރޭޝަންތަކަށްވުރެ ވަރުގަދަ އަދި ދިގު މުއްދަތަކަށް އަމާޒުކޮށްފައިވާ ތައްޔާރީތަކެއް ކަމަށް މާހިރުން ފާހަގަކުރޭ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ ހޯމޫޒް ކަނޑުއޮޅީގައި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ފަށައި، އެގައުމުގެ ދިފާއީ ގާބިލުކަން ދައްކާލާފައި.

އެމެރިކާގެ އަސްކަރިއްޔާ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ "ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް" ފެންނަ ފޮޓޯއެއް. | ރޮއިޓާސް
ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން ބީބީސީ އިން ކަށަވަރުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އެބްރަހަމް ލިންކަން" މިހާރު އޮތީ އީރާނާ ކައިރި ސަރަހައްދެއްގަ އެވެ.
އަނެއްކޮޅުން އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުން އަންގާރަ ދުވަހު ސުވިޒަލޭންޑުގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މި ދެ ގައުމުގެ މެދުގައި ބާއްވާ ނުަރަސްމީ މަޝްވަރާތަކުގެ ދެވަނަ ބުރެވެ. އީރާނުން ބުނާ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި، އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުންނެވެ. ނަމަވެސް، ވޮޝިންޓަނުން މީގެ ކުރިން ބުނެފައިވަނީ އެހެނިހެން މައްސަލަތަކާ މެދު ވެސް މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
މިސައިލް ހަމަލާދޭ ތިން މަނަވަރާއެކު އޮޕަރޭޓްކުރާ "އަބްރަހަމް ލިންކަން" އަކީ އެފް-35 މަރުކާގެ ފައިޓަރު ޖެޓުތައް ހިމެނޭހެން 90 އުޅަނދާއި، 5,680 ފަޅުވެރިން އުފުލުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެކެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު މި މަނަވަރު ގަލްފް ސަރަހައްދަށް ފޮނުވާލި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ސެޓެލައިޓް ފޮޓޯތަކުން މިހާތަނަށް އެ މަނަވަރު ފެނިފައެއް ނުވެ އެވެ. ނަމަވެސް މިހާރު މި މަނަވަރު އޮމާންގެ އައްސޭރިފަށާ ދުރުން، އީރާނާ ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރުން ފެންނަ ކަމަށް ބީބީސީ އިން ރިޕޯޓް ކޮށްފައިވެ އެވެ.
މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރު ކަމަށްވާ "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" ވެސް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި މި މަނަވަރު އެ ސަރަހައްދަށް ދާނެ ކަމަށް ބެލެވެ އެވެ.
"އަބްރަހަމް ލިންކަން" އެ ސަރަހައްދަށް ދިއުމަކީ، ފާއިތުވި ހަފުތާތަކުގައި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރަމުންދާކަން ހާމަވާ އިތުރު ހެއްކެކެވެ. ބީބީސީ އިން ވަނީ އެ ސަރަހައްދުގައި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި ފައިޓަރު ޖެޓުތައް އިތުރުވަމުންދާކަން މޮނިޓަރުކޮށްފަ އެވެ.
ޔޫރަޕްގެ "ސެންޓިނަލް-2" ސެޓެލައިޓުން ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، "އަބްރަހަމް ލިންކަން" މިހާރު އޮތީ އަރަބި ކަނޑުގައި، އޮމާންގެ އައްސޭރިފަށާ ގާތްގަނޑަކަށް 150 މޭލު (240 ކިލޯމީޓަރު) ބޭރުގަ އެވެ.
ޖެނުއަރީ މަހު އެ ސަރަހައްދަށް ވަތް ފަހުން މި މަނަވަރު ފެނިފައި ނުވަނީ، ސެޓެލައިޓް ކަވަރޭޖް ދަށް މާކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރަމުން ދިއުމުގެ ސަބަބުން ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ. އާންމުކޮށް އެއްގަމުގައި ހުންނަ އަސްކަރީ ވަސީލަތްތައް ސެޓެލައިޓް ފޮޓޯތަކުން މާ ސާފުކޮށް ފެނެ އެވެ.
ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި މެދުއިރުމަތީގައި މިހާރު އެމެރިކާގެ 12 މަނަވަރެއް އެބައޮތެވެ. އޭގެ ތެރޭގައި ނިއުކްލިއާ ހަކަތައިން ދުއްވާ "ނިމިޓްޒް" ކްލާސްގެ "އަބްރަހަމް ލިންކަން" އާއި، އޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ "އާލީ ބާކް" ކްލާސްގެ ތިން މަނަވަރު ހިމެނެ އެވެ. މީގެ އިތުރުން ދުރު ރާސްތާގެ މިސައިލް ހަމަލާދޭ ދެ މަނަވަރާއި، ގަލްފުގެ ބަހްރެއިން ނޭވަލް ސްޓޭޝަނުގައި އޮތް އައްސޭރިފަށުގެ ހަނގުރާމަތަކަށް ޚާއްސަ ތިން މަނަވަރު ހިމެނެ އެވެ. އަދި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި އެމެރިކާގެ "ސޫދާ ބޭ" ބޭސް ކައިރީގައި ދެ މަނަވަރަކާއި، ރަތް ކަނޑުގައި އެއް މަނަވަރު އޮތްކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ ހަރަކާތްތަކަށް ބަލާއިރު، އުރުދުންގެ "މުވައްފަގު ސަލްތީ" އަސްކަރީ ބޭސްގައި އެފް-15 އަދި އީއޭ-18 މަރުކާގެ ފައިޓަރު ޖެޓުތައް ވަނީ އިތުރުކޮށްފަ އެވެ. އަދި އެމެރިކާ އާއި ޔޫރަޕުން މެދުއިރުމައްޗަށް ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކާއި، ތެޔޮ އަޅައިދޭ ބޯޓުތަކާއި މުވާސަލާތީ ބޯޓުތައް ވެސް ވަނީ އިތުރުވެފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފެބްރުއަރީ 6 ވަނަ ދުވަހު ވަނީ "އަބްރަހަމް ލިންކަން" އާއެކު އެހެން މަނަވަރުތަކާއި ޖެޓުތައް ހަރަކާތްތެރިވާ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. މިއީ އެމެރިކާގެ އަސްކަރީ ބާރު ދައްކާލުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭއިރު، އީރާނުން ވެސް ވަނީ އެ ގައުމުގެ އަސްކަރީ ބާރު ދައްކާލުމުގެ ހަރަކާތްތަކެއް ފަށާފަ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ އޮމާން އާއި އީރާނާ ދެމެދު އޮންނަ ހޯމޫޒް ކަނޑުއޮޅީގައި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ފަށާފަ އެވެ. މި ތަމްރީނުތަކުގައި އައިއާރުޖީސީގެ ކޮމާންޑަރު އިން ޗީފް މޭޖާ ޖެނެރަލް މުހައްމަދު ޕަކްޕޫރު ބައިވެރިވެވަޑައިގެންނެވިއިރު، މަނަވަރުތަކުން މިސައިލް ފޮނުވާ މަންޒަރުތައް ވެސް ވަނީ ދައްކާފައެވެ.
ހޯމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ، އިގްތިސާދީ ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ. އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ "ޚާރްގް އައިލެންޑް" އޮންނަނީ ވެސް މި ސަރަހައްދުގަ އެވެ. އީރާނުގެ އަސްކަރީ ހަރަކާތްތައް ދައްކުވައިދޭ ރިޕޯޓުތަކުގައި ޕަކްޕޫރު ހެލިކޮޕްޓަރެއްގައި އެ ރަށުގެ މަތިން އުދުހިވަޑައިގަންނަވާ މަންޒަރު ފެނެ އެވެ.
އަސްކަރީ އިންޓެލިޖެންސް މާހިރު ޖަސްޓިން ކްރަމްޕް ބީބީސީ އަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ މިހާރުގެ ތައްޔާރީތަކަކީ މިދިޔަ ޖެނުއަރީ މަހު ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ނުވަތަ މިދިޔަ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ވުރެ މާ ވަރުގަދަ އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ފަދަ ތައްޔާރީތަކެކެވެ.
މި ހުރިހާ ހަރަކާތްތަކެއްގައި ވެސް މަތިންދާބޯޓު އުފުލާ މަނަވަރަކާއި އެހެނިހެން މަނަވަރުތައް ބޭނުންކުރި އެވެ. ނަމަވެސް، މިދިޔަ އަހަރު ވެނެޒުއޭލާ އާއި އީރާނުގައި އެމެރިކާއިން ބާރުތައް ބޭނުންކުރީ ތަފާތު ހާލަތްތަކެއްގަ އެވެ.
ވެނެޒުއޭލާ އަށް ހަމަލާދިނުމުގެ ކުރިން އެމެރިކާއިން "ޖެރަލްޑް އާރް ފޯޑް" ކެރީބިއަން ސަރަހައްދަށް ފޮނުވި އެވެ. އެ ފަހަރު އެ ސަރަހައްދުގައި އެމެރިކާގެ 8 މަނަވަރު އޮތް ނަމަވެސް، އެމެރިކާގެ މައި ބޭސްތަކާއި ޕުއެރްޓޯ ރިކޯގެ ބޭސްތަކުން ފަސޭހައިން ޖެޓުތައް ފޮނުވޭތީ، މަނަވަރުގައި ގިނަ އަދަދެއްގެ ބޯޓުތަކެއް ބޭނުންކޮށްފައެއް ނުވެއެވެ. އަދި މަދޫރޯ ހައްޔަރުކުރުމަށް ހެލިކޮޕްޓަރު އޮޕަރޭޝަންތައް ހިންގުމަށް އެމްފިބިއަސް އެސޯލްޓް ޝިޕްތައް ބޭނުންކުރި އެވެ. ވެނެޒުއޭލާގެ އަސްކަރިއްޔާ އަކީ އެމެރިކާއާ ދެކޮޅަށް ބަދަލުހިފުމުގެ ގާބިލުކަން ކުޑަ ބައެއްގެ ގޮތުގައި ބެލެވެ އެވެ.
ނަމަވެސް، އީރާނަކީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި ގައުމެކެވެ.
އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދިނުމަށް މިދިޔަ އަހަރު ހިންގި "މިޑްނައިޓް ހެމަރ" އޮޕަރޭޝަނުގައި އެމެރިކާ އިން މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި، މެޑިޓެރޭނިއަން އަދި ރަތް ކަނޑުގައި ފަސް މަނަވަރުގެ އިތުރުން ގަލްފުގައި ތިން މަނަވަރު ބޭނުންކުރިއެވެ. އަދި ފޯޑޯ، އިސްފަހާން އަދި ނަތާންޒްގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަށް ބޭނުންކުރި ބީ-2 ސްޓެލްތު ބޮމާ ބޯޓުތައް އުދުއްސާލީ އެމެރިކާގެ މިސޫރީގައި ހުންނަ ބޭސްތަކުންނެވެ.
އިންޓެލިޖެންސް ކުންފުނި "ސިބިލައިން" ގެ ސީއީއޯ ކްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ މަނަވަރުތަކާއި ބޯޓުތައް އިތުރުކުރުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުރި 8 އެއާބޭސްގެ އެހީގައި ދުވާލަކު 800 އެއްހާ ފްލައިޓް އޮޕަރޭޓްކޮށް، އީރާނުގެ ކޮންމެ ރައްދު ހަމަލާއެއް "ބޭކާރު" ކޮށްލުމުގެ ގާބިލުކަން އެމެރިކާ އަށް ލިބޭނެ އެވެ.
"މި ފެންނަނީ ހަމައެކަނި ހަމަލާއަކަށް ތައްޔާރުވާ މަންޒަރެއް ނޫން. މިއީ ބިރުދެއްކުމުގެ ގޮތުން ފޮނުވާފައިވާ، ބޭނުން ޖެހިއްޖެ ހިނދެއްގައި ވަރުގަދަ ކުރެވޭނެ ފަދަ ލަޝްކަރެއް،" އޭނާ ވިދާޅުވި އެވެ. "މީގެ މާނައަކީ މިދިޔަ އަހަރުގެ ވެނެޒުއޭލާ ނުވަތަ މިޑްނައިޓް ހެމާ އޮޕަރޭޝަނަށް ވުރެ މިފަހަރުގެ ތައްޔާރީތައް މާ ވަރުގަދަވެފައި ދިގު މުއްދަތަކަށް ދެމިގެންދާނެއޭ. މިއީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ ވަސީލަތްތަކާއި އިޒްރޭލަށް އަމާޒުވެދާނެ ކޮންމެ ހަމަލާއަކުން ދިފާއުވުމަށް ފަރުމާކޮށްފައިވާ ތައްޔާރީތަކެއް." ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްދަރު: ބީބީސީ






